އެމްއެމްއޭ

އެމްއެމްއޭއިން "މާލީ ބަހުސް" ބާއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދިވެހި ބަހުގެ އެކަޑަމީ އާއި ގުޅިގެން ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމުގެ ގޮތުން މާލީ އިދާރާތަކުގެ މެދުގައި "މާލީ ބަހުސް" ބާއްވައިފި އެވެ.

އެމްއެމްއޭއިން މި ބަހުސް ބާއްވާފައިވަނީ "ދިވެހި މުޖްތަމައުގައި ފަހަށް ރައްކާކުރުމުގެ ސަގާފަތް ދިރުވަން އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މައިންބަފައިންނާއި މުދައްރިސުން" މައުލޫއުގެ މައްޗަށެވެ. ބަހުސްގައި ބައިވެރިވި ދެ ޓީމު އެކުލަވައިލައިފައިވަނީ ދިވެހި ބަހުގެ އެކަޑީމީއިންނެވެ.

ބަހުސްގައި ޝަރަފުވެރި މަހުމާނެއްގެ ގޮތުގައި ބައިވެރިވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނާސިރު އެވެ. އެމްއެމްއޭ އިސް ނަގައިގެން ބޭއްވި މިބަހުސް ބައްލަވާލެއްވުމަށް މާލީ ދާއިރާގެ އިސް ބޭފުޅުންނާއި ބައެއް ސްކޫލް ތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ. އެގޮތުން ރާއްޖޭގައި ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މުޅި ރާއްޖެ ޝާމިލް ވާގޮތަށް ހަރަކާތްތަކެއް ހިންގާފަ އެވެ

އެމްްްއެމްއޭ އިން ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި، ފައިނޭސް ފެއާއެއް ބޭއްވުމާއި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލާބަލް މަނީ ވީކް އާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޝެޝަނެއް ވަނީ ބާއްވާފަ އެވެ. މީގެ އިތުރުން ފައިސާގެ ވީޑިއޯ އެއް ހަދައިގެން 1000ރ ލިބޭ މުބާރާތެއް ވެސް އެމްއެމްއޭ އިން ބާއްވާފައިވާއިރު، ޔޫތް އެންޓަޕްރެނާސް ފޯރަމަކާއި، މާލީ އިދާރާތަކުގެ މެދުގައި ވަނީ މާލީ ބަހުސް އެއް ބާއްވާފަ އެވެ.