ރިޕޯޓް

ޖިއްދާއިން މާލެއަށް: ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުން

އިންސާނީ ޖަމާޢަތުގެ ކަންކަން އިޞްލާހުގެ މަގުން ހިންގުމަށް އެއުރެންގެ ތެރޭގައި ވެރިޔަކު ހުރުމާއި ވެރިކަމެއް އުފެދިފައި އޮތުމަކީ އިންސާނީ ޙަޔާތުގެ ޟަރޫރަތެކެވެ. ޚާއްޞަކޮށް ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިންގުމަށް ވެރިޔަކު ޢައްޔަންކޮށް ވެރިކަމެއް ޤާއިމު ކުރުމަކީ އިސްލާމީ ޝަރީޢަތުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ނަބީ ރަސްގެފާނު ދާވޫދޫގެ ވެރިކަމުގެ ވާހަކަ ޤުރުއާނުގައި އައިސްފައިވާ ފަދައިން އެކަލޭގެފާނުގެ ދަރިކަލުން ނަބީ ރަސްގެފާނު ސުލައިމާން ބުނު ދާވޫދުގެ ވަރުގަދަ ވެރިކަމުގެ ވާހަކަ ވެސް ޤުރުއާނުގައި ބަޔާންވެގެން ވެއެވެ. އަދި ޞާލިޙު ރަސްގެފާނު ޛުލްޤަރުނައިންގެ ވާހަކަ ވެސް ބަޔާން ވެގެން ވެއެވެ. އެބޭކަލުންގެ ވެރި ކަމާމެދު ޤުރުއާނުގައި ތަޢުރީފުގެ ބަސްފުޅުތައް އައިސްފައި ވެއެވެ.

މީގެ އިތުރުން އެކި އެކި ޙަޟާރަތްތަކުގައި ވެރިކަންކުރި ބައެއް މީހުންގެ ވާހަކަ ވެސް ޤުރުއާނުގައި ބަޔާންވެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ފިރުޢައުނާއި އެނޫން ރަސްރަސްކަލުންނާއި ރަނިކަމަނާއެއްގެ ވާހަކަ ވެސް ބަޔާން ވެފައި ވެއެވެ.

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަށް ނަޒަރު ހިންގާލާއިރު ވެރިކަން ހިންގުމަށް އިސްލާމްދީނުގައި އިދާރީ ގޮތުން ވަކި ނިޒާމެއް ކަނޑައަޅުއްވާފައި ނެތެވެ. ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު ވެސް ވަކި ނިޒާމަކަށް ވެރިކަން ކުރަން މުސްލިމުންނަށް އަންގަވާފައިވާތަނެއް ނުފެނެ އެވެ.

އަދި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ނަޒަރު ހިންގާލާއިރު ވެސް ވަކި ނިޒާމަކަށް ވެރިކަން ހިންގަން އަމުރު ކުރައްވާފައިވާތަނެއް ނުފެނެ އެވެ. އެކަންވަނީ ރައްޔިތުނަށް ދޫކޮށްފަ އެވެ. ސަބަބަކީ އެކި ޤައުމުތަކާއި އެކި ޒަމާންތަކުގައި ކަންހިގާ ގޮތާ އެކި ރައްޔިތުންގެ ޢާދަ ކާދައާއި ކަންކަން ތަފާތުވުމުން އެބައެއްގެ ދުނިޔަވީ ކަންކަން އެބަޔަކު އަމިއްލައަށް އިޚުތިޔާރު ކުރުމުގެ މަޞްލަޙަތު ބޮޑު ކަމުގައިވާތީ އެވެ. އެއީ އެކަމުގެ ސަބަބުން އަޤީދާއަށް އެއްވެސް ޙާލެއްގައި އަސަރުކޮށްފާނެ ކަންކަމެއް ނޫނެވެ.

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ޤާއިމު ކުރެއްވި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ޚުދު ކީރިތި ރަސޫލާ އެވެ. އަސްކަރިއްޔާގެ ވެރިޔަކީ ވެސް އިތުރު އެކަލޭގެފާނެވެ. އަދި ބައެއް ޙާލަތްތަކުގައި ބައެއް ކަންކަމުގައި ޙުކުމް ކުރެއްވުމަށް ބައެއް އަޞްޙާބު ބޭކަލުންނާ ޙަވާލު ކުރައްވާފައި ވެއެވެ. އަދި މުޢާހަދާތައް އެކުލަވާލައްވައި ޞުލްޙަ ޤާއިމު ކުރައްވައި އިސްލާމީ އިޤުތިޞާދެއް ޤާއިމު ކުރައްވައި ޤައުމުތަކަށް ސަފީރުން ފޮނުއްވާފައިވެއެވެ. އެއަށް ފަހު ފެށިގެން އައީ ނަބަވީ ޚިލާފަތެވެ.

އެޚިލާފަތުގައި އެންމެ މަތީ ވެރިންނަކީ ޚަލީފާއިނެވެ. އަބޫބަކުރުގެފާނު ވެރި ކަމަށް އައްޔަންކުރީ މަޝްވަރާގެ މަތިންނެވެ. އަބޫބަކުރުގެފާނު ވެރިކަމާ ޙަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަޤުރީރުގައި ވެރިކަން ހިންގާނެ ގޮތުގެ ޚުލާޞާއެއް ދެއްވި އެވެ. މިޒަމާނުގެ ދިމުޤުރާޠީ ހަމަތަކަށް ވުރެ މަތިވެރިވެރި އަދުލުވެރި އުޞޫލުތައް އިޢުލާން ކުރެއްވި އެވެ.

ޢުމަރުގެފާނު ވެރިކަމަށް ޢައްޔަން ކުރެއްވީ އަބޫބަކުރުގެފާނުގެ ޤަރާރަކުންނެވެ. ޢުޘްމާނުގެފާނު އައްޔަން ކުރެވުނީ މުސްލިމުންގެ މަޝްވަރާގެ މަތިން އަޞްޙާބު ބޭކަލުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުންނެވެ. އަލީގެފާނު އައްޔަން ކުރެވުނީ ވެސް މަޝްވަރާގެ މަތިންނެވެ. ވެރިކަން ފުޅާވެގެން ދިޔަވަރަކުން ގިނަ ބަދަލުތައް އިދާރީ ގޮތުން ގެނެވުނެވެ.

ޢުމަރުގެފާނުގެ ވެރިކަމުގައި ދައުލަތް ވަރަށް ބޮޑަށް ފުޅާ ވެގެން ދިޔައެވެ. ޕްރޮވިސްތައް ހިންގުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު އެތަންތަނަށް ފޮނުއްވާ ސަފީރުންނަށް ދެއްވާފައި އޮވެއެވެ. ޚާއްޞަކޮށް އިސްލާމީ ޖުޑިޝަރީގެ މިނިވަން އަސާސްތަކެއް ޤާއިމު ކުރެވުނެވެ.

އަބޫ މޫސަލްއަޝްޢަރީ އަށް ޢުމަރުގެފާނު ފޮނުއްވި ސިޓީފުޅަކީ އިސްލާމީ ޖުޑިޝަލްސިސްޓަމްގެ މުހިންމު ޤަވާޢިދުތައް އޭގައި ހިމެނޭ ސިޓީ ފުޅެކެވެ. ޚިލާފަތަށް ފަހު ދެން ފެށިގެންއީ އުމަވީ ދައުލަތެވެ. އެއީ ވިރާސީ ރަސްކަމެކެވެ. އެއަށް ފަހު ޢައްބާސީ ދައުލަތެވެ. އެއީ ވެސް ވިރާސީ ރަސްކަމެވެ. އެއަށް ފަހު އުންމަތުގެ އެކި އެކި ހިސާބުތަކުގައި ކުދި ކުދި ދައުލަތްތައް ހިނގަމުން ދިޔައެވެ. މިގޮތުން އައްޔޫބީންނާއި ޤަރާމިޠުންނާއި ސަލްޖޫޤީންނާއި ފާޠިމީން ދައުލަތްތައް ހިނގިއެވެ. އަދި އެއަށް ފަހު އުޘްމާނީ ވެރިކަން ތުރުކީ ވިލާތުގައި ގާތްގަނޑަކަށް ހަ ސަތޭކަ އަހަރުތަކެއް ވަންދެން ކުރިއަށް ދިޔައެވެ. އެއީ ވެސް ވިރާސީ ރަސްކަމެކެވެ. އެއަށް ފަހު އިސްލާމީ ޤައުމުތަކަށް ދެން އައީ ޤަބީލާތަކުގެ ރަސްމީ ނިޒާމު ތަކެކެވެ.

ސަޢޫދީ ޢަރަބިއްޔާގައި ވެރިކަން ކުރަނީ އާލު ސަޢޫދުގެ ވިރާސީ ރަސް ކަމެކެވެ. އަދި ރަސްގެފާނު ޢައްޔަންކުރާ ޝޫރާ ކައުސިލެއް އޮވެއެވެ. ޖޯޑަންގައި ވެރިކަން ކުރަނީ ހާޝިމީ ދަރިކޮޅުގެ ވިރާސީ ރަސްކަމެކެވެ. ކުވައިތުގައި އާލް ޞަބާޙުގެ ވެރިކަމެވެ. އެމެރޭޓްސްގައި އެކުވެރި ދައުލަތެއްގެ ގޮތުގައި ގިނަ ޕްރޮވިންސްތަކުން ގުޅިގެން ހިންގާ އާލް ނަހުޔާން އާއި އާލު މަކްތޫމްގެ ބާރު އޮންނަ ވިރާސީ ވެރިކަމެކެވެ.

ޤަޠަރުގައި އާލު ޘާނީންގެ ވިރާސީ ވެރިކަމެކެވެ. ޢަރަބި ޤައުމުތަކުން ރަސްކަމާއެކު ބަރުލަމާނީ ނިޒާމު އޮންނަނީ ޖޯޑަންގަ އެވެ. އަދި ކުވައިތުގައި އަމީރުގެ އިތުރުން ބޮޑުވަޒީރަކު ހުރެއެވެ. އެއީ ބަރުލަމާނީ ނިޒާމު އޮންނަ ޤައުމެކެވެ. އިސްލާމީ ޤައުމުތަކަށް ބަލާއިރު މެލޭޝިޔާގައި އޮންނަނީ ރަސްކަމަކާއެކު ބަރުލަމާނީ ނިޒާމެކެވެ. ސަރުކާރު ހިންގަނީ ބޮޑު ވަޒީރެވެ.

ޕާކިސްތާނަށް ބަލާއިރު ރައީސެއް ހުރެފައި ދެން އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. ސަރުކާރު ހިންގަނީ ބޮޑު ވަޒީރެވެ. ތުރުކީއަށް ބަލާއިރު ބަރުލަމާނީ ނިޒާމެއް ގިނަ އަހަރު ތަކެއް ވަންދެން އޮވެފަ މިހާރުވަނީ ރިޔާސީ ނިޒާމަކަށް ބަދަލުވެފައެވެ. އެކަމަކު ރައީސް އަންގާ ގޮތަށް ސަރުކާރު ހިންގަން ބޮޑު ވަޒީރެއް ހުރެއެވެ. އެގޮތަށް މިޞްރުގައި ވެސް ބާރު ގަދަ ރައީސަކާއި، ރައީސް އަންގާ ގޮތަށް ސަރުކާރު ހިންގަން ބޮޑު ވަޒީރެއް ހުރެއެވެ.

އެކުވެރި ދައުލަތްތަކަށް ބަލާއިރު އިސްލާމީ ޤައުމުތަކުގައި ހުރިހާ ނިޒާމަކަށް ވެސް ޢަމަލު ކުރެވެއެވެ. އެޤައުމެއްގެ ވެރިކަން ހިންގުމުގެ ނިޒާމު ކަނޑައަޅަނީ އެޤައުމުގެ ރައްޔިތުންނެވެ. ޙާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ނިޒާމުތަކަށް ބަދަލު އައިސްފައި އެބަ ހުއްޓެވެ. ވިރާސީ ރަސްކަން ޖުމުހޫރީ ވެރިކަމަކަށް ބަދަލުވެ އަދި ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ބަދަލުވެ ބަރުލަމާނީ ނިޒާމުން ރިޔާސީ އަށް ބަދަލުވެފައި ވެސް އެބަހުއްޓެވެ. މިއިން އެއްވެސް ނިޒާމަކީ ދީނީ ނިޒާމުތަކެއް ނޫނެވެ. މިވެނި ނިޒާމަކީ އިސްލާމީ ނިޒާމެކޭ ބުނެވޭވަރުގެ ޙުއްޖަތްތަކެއް ޝަރުޢީ ގޮތުން ނެތެވެ.

ރިޔާސީ ނިޒާމަކީ އިސްލާމީ ސިފަތައް ގިނަ ނިޒާމެއް ކަމަށް ބައެއް ފަލްސަފާވެރިން ބުނެ އުޅެއެވެ. އަނެއްބަޔަކު ބުނާގޮތުން ބަރުލަމާނީގައި އިސްލާމީ ސިފަތައް ގިނަ އެވެ. އަނެއް ބަޔަކު ބުނަނީ ރަސްކަމުގައި އިސްލާމީ ސިފަތައް ގިނަ އެވެ. ނަމަވެސް ޙަޤީޤަތަކީ މިއިން އެއްވެސް ރައުޔަކީ ދީނީ ޞަރީޙަ ނުޞޫޞްތަކެއްގެ މައްޗަށް ޤާއިމު ކުރެވިފައިވާ ރައުޔު ތަކެއްނޫނެވެ. މުޅިން ވެސް އިޖުތިހާދީ ރައުޔުތަކެވެ.

ދިވެހިރާޖޭގެ ވެރިކަމުގެ ނިޒާމު

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. ދިވެހި ރާއްޖެއަށް ބަލާލާއިރު ރާއްޖެއަކީ ފެށުނީއްސުރެ ރަސްކަމެއް އޮތް ޤައުމެކެވެ. ރަސްކަމުގައި ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެކެވެ. ދިވެހިރާއްޖެ އިސްލާމްވީ އިރު ވެސް އޮތީ ރަސްކަމެކެވެ. އިސްލާމްވުމަށް ފަހުގައި ވެސް އޮތީ ރަސްކަމެކެވެ. ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތީ މުޠުލަޤު ރަސްކަމެކެވެ. ފަހުން ދުސްތޫރީ ރަސްކަމެކެވެ. ބޮޑު ވަޒީރަކާއެކު އޮތް ރަސްކަމެކެވެ. ރާއްޖޭގެ ރަސްކަން ބަދަލުވީ ކޮން ސަބަބަކާ ހުރެ ކަމެއް މި މަޤާމުގައި ބަޔާންކުރާކަން ނެތީމެވެ. ރައްޔިތުންގެ ނިންމުމުގެ މަތިން ރާއްޖޭގެ ރަސްކަން ދެ ފަހަރެއްގެ މަތިން ޖުމުހޫރިއްޔަތަކަށް ބަދަލުވިއެވެ.

ރާއްޖޭގެ ވެރިކަން ހިގާ ނިޒާމު ޖުމުހޫރިއްޔަތަކަށް ބަދަލުވެ، އަދި ޖުމުހޫރިއްޔަ ވެރިކަން ރިޔާސީ ނިޒާމުގެ މައްޗަށް ހިންގުމަށް ރައްޔިތުން ނިންމާފައި ވަނިކޮށް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު އަނެއްކާވެސް ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަންޖެހޭ ފަދަ ދުސްތޫރީ އަދި ސިޔާސީ ޙާލަތެއް ރާއްޖޭގައި އެބަ އޮތްތޯއެވެ؟

ޚިޔާލު ތަފާތު ވެދާނެ އެވެ. އަޅުގަނޑުގެ ނަޒަރުގައި އެފަދަ ބޮޑު ބަދަލެއް ގެންނަންޖެހޭ ފަދަ ޙާލަތެއް ރާއްޖޭގައި ނެތެވެ. ރާއްޖެއަށް އެންމެ މުނާސިބު ނިޒާމަކީ "ފުރިހަމަ ރިޔާސީ ނިޒާމެކެވެ". ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ދައުލަތް ހިންގުމުގެ ބާރުތައް އޮންނަ ގޮތަށް އޮތުން އެއީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް އެންމެ މުނާސިބު ގޮތް ކަމުގައި ޝަޚުޞީކޮށް އަޅުގަނޑު ދެކެމެވެ. މިހެން މިދަންނަވަނީ ކޮންމެހެން އެ ނިޒާމު ވަކި ދީނީ ވެގެނެއް ނޫނެވެ.

ބަރުލަމާނީ ނިޒާމު ނުވަތަ ރިޔާސީ ނިޒާމު މިއިން ވަކި ނިޒާމަކީ އެންމެ ބޮޑަށް އިސްލާމްދީނާ ގުޅޭ ނިޒާމެކޭ ވެސް ނުދެންނެވޭނެ އެވެ. މިއީ ވެރިކަން ހިނގުމުގެ އިދާރީ ވަޟުޢީ ފަލްސަފާތަކެކެވެ. ނުވަތަ ނަޒަރިއްޔާ ތަކެކެވެ. ޝަރުޢީ ނުވަތަ ދީނީ ނިޒާމުތަކެއް ނޫނެވެ. ރިޔާސީ ވިޔަސް، ރަސްކަމާއެކު ބަރުލަމާނީ ވިޔަސް، ރައީސް ކަމަކާއެކު ބޮޑު ވަޒީރު ކަމަށް ވިޔަސް، ރަސްކަން ވިޔަސް ނުވަތަ މަލްޓި ޕާޓީ ނިޒާމު ވިޔަސް މިއީ މުޅިން ވެސް ވެރިކަން ހިންގުމުގެ އިދާރީ ވަޟްޢީ ފަލްސަފާތަކެކެވެ. އެއްގޮތަކަށް ވެސް ދީނާ ނުވަތަ ޢަޤީދާއާ ގުޅުން ހުރި ކަމެއްނޫނެވެ.

ދުނިޔޭގެ އެކި މުސްލިމު ޤައުމުތަކުގައި މި ހުރިހާ ނިޒާމަކަށް ވެސް ޢަމަލު ކުރެވެމުން އެބަދެއެވެ. އިދާރީ ވަކި ގޮތަކަށް ވެރިކަން ހިންގަން އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ނެތެވެ. އެކަންވަނީ ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްފައެވެ. އެކަމުގައި ގޮތް ނިންމަނީ ރައްޔިތުންގެ މަޝްވަރާއިންނެވެ. ނުވަތަ ވޯޓުންނެވެ. ދީނުގައި އަންގަވާފައިވާ އެއްޗަކީ ވެރިކަން ހިނގުމުގެ އަސާސީ ސިފަތަކެވެ. އެއީ ޢަދުލުވެރިކަން ޤާއިމު ކުރުމާއި މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްކުރާއި އަމާނާތްތެރިވުމާއި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި ދީނާއި ދުނިޔޭގެ ކަންކަން އިޞްލާޙުގެ މަގުން ހިނގުމެވެ.

ރާއްޖޭގައި އަސްލުގައި އޮތީ ވެރިކަން ހިނގުމުގެ ބާރުގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް ނުވަތަ ޤާނޫނު ހެދުމުގެ ބާރު ވަރަށް ބޮޑަށް ވައްދާފަ އެވެ. ދެ ނިޒާމު އެއްކޮށްފަ އެވެ. މިހެންކަމުން ވެރިކަން ހިނގުމުގައި ރިޔާސީ ނިޒާމުގެ އަޞްލު ރީތިކަން ރާއްޖޭގައި ނުފެނެއެވެ. މިހެންވީމާ ބައެއް ފަހަރު ވެރިކަން ހިންގަން ދަތިވާތަން އާދެއެވެ. މިހާރު އޮތް ޤާނޫނު އަސާސީ ވުޖޫދުވީ ފަހުން އައި ކޮންމެ ސަރުކާރަކާއި މަޖްލިސްއާ ހަމަ ނުޖެހުން ހިގައިފައި އެބަހުއްޓެވެ. އެކަން އެގޮތަކަށް ވެފަ އޮތީ ޤާނޫނު އަސާސީ އެކުލަވާލި އިރު ރާއްޖޭގެ ސިޔާސީ މާޙައުލު އޮތް ގޮތުން އެއިރުގެ ސަރުކާރަށް ދަތިވާ ގޮތައް ޤާނޫނު އަސާސީ ބައްޓަންކޮށްފައި އޮތުމުންކަމުގައި ވެދާނެއެވެ.

ވެރިކަން ހިންގަން ފަސޭހަވާ ގޮތަށް "ފުރިހަމަ ރިޔާސީ ނިޒާމެއް" ދިވެހި ރާއްޖޭގައި ޤާއިމުވާން ޖެހެއެވެ. މިކަންކުރެވޭނީ ޤާނޫނު އަސާސީ އިޞްލާޙު ކޮށްގެންނެވެ. ރާއްޖޭގެ ޤާނޫނު އަސާސީގައި އިޞްލާޙުކުރަންޖެހޭ ކަންކަން ވަރަށް ގިނައެވެ. މިހާރު އޮތް ޤާނޫނު އަސާސީގައި ރާއްޖޭގެ މިހާރުގެ ޙާލަތަށް އެކަށީގެންވާ ނުވާ ކަންކަން އެބަހުއްޓެވެ. ވަރަށް ބޮޑަށް ޤާނޫނު އަސާސީ މުރާޖިޢާ ކުރެވެން ޖެހެއެވެ.

ޤާނޫނު އަސާސީ މުރާޖިޢާ ކުރެވޭ އިރު ޤާނޫނު އަސާސީ ގައި ހުރި އިސްލާމީ އުޞޫލުތައް ދެމެހެއްޓުމަކީ މަޖްލީހުގެ މެންބަރުންގެ ޢަޒުމަކަށް ވާންވާނެއެވެ. އަދި ޤާނޫނު އަސާސީ މުރާޖިޢާ ކުރެވޭ އިރު، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގެ ތެރެއަށް "އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލިސް" ވައްދަންޖެހޭ ކަމަށް ދެމެވެ.

އަދި ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއިން ނެރެ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ރާއްޖޭގެ އިސްލާމީ ކަންކަމާ ބެހޭ އިދާރާ ހުރުމަކީ ރާއްޖޭގެ ދީނީ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގުމުގައި އެންމެ މަޞްލަޙަތު ހުރި ގޮތް ކަމުގައި ދެކެމެވެ.

އެތަނުގެ ވެރިޔަކަށް ހުންނާނީ ރައްޔިތުންގެ މަޖުލީހުން ވަކި މުއްދަތަކަށް އައްޔަންކުރާ ފަރާތެވެ. އިސްލާމީ ކަންކަމާ ބެހޭ އެންމެ މަތީ މަޖުލީހަކީ ހިންގުމުގައި ފުރިހަމަ މިނިވަންކަމާއި ބާރު އޮންނަ ތަނަކަށް ވާންވާނެއެވެ. މި ގޮތަށް މިނިވަން ބާރެއް އޮވެއްޖެ ނަމަ އިދާރީ ގޮތުން ކޮންމެވެސް ވުޒާރާއެއް ހުރުމުގެ ބޭނުމެއް ނޯންނާ އެވެ.

މިއީ ދައުލަތުން ދީން ވަކި ކޮށްލުމެއްނޫނެވެ. މިއީ ދައުލަތުގެ ތެރޭގައި ދީނީ ކަންކަން ހަރުދަނާ ކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. ވޭތުވެ ދިޔަ ދިހަވަރަކަށް އަހަރަށް ބަލާއިރު އިސްލާމީ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ދާންޖެހޭ މިންވަރަށް ކުރިއަށް ނުދިޔައީ "އިސްލާމީ ކަންކަމާ ޙަވާލުވާ" ސިޔާސީ ޕާޓީތަކާ އެމީހުން ތާއީދުކުރާ ސަރުކާރުތަކާ އާޚިރުގައި ޚިޔާލު ތަފާތުވެ އިސްލާމީ ކަންކަން ބަލަހައްޓަން ތިބޭ ފަރާތްތަކުން ކުއްލި ކުއްލި އަށް އިސްތިއުފާ ދޭން މަޖްބޫރުވެގެން ދިޔުމުންނެވެ.

ރާއްޖޭގެ އިސްލާމީ ކަންކަން ސިޔާސީ ފިތުނަ ތަކުން ދުރުވެ ރައްކާތެރިވެފައި އޮތުމަކީ ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދެމެހެއްޓުމަށް އެޅޭނެ ފިޔަވަޅެއްކަމުގައި އަޅުގަނޑު ދެކެމެވެ. މި ފަދަ އިދާރީ އިސްލާމީ އޮނިގަނޑަކާ ބެހޭ ގޮތުން ފަހުން އެހެން މަޒުމޫނެއްގައި ލިޔާ ހުށީމެވެ.

ކުޑަވެސް ޝައްކެއްނެތް ގޮތުގައި ސަރުކާރުތަކަށް ބަލާއިރު ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރުތަކަކީ ކާމިޔާބު ސަރުކާރުތަކެއް ނޫނެވެ. ޢަމުދުން ރިޔާސީ ނިޒާމުގައި ކޯލިޝަން އުފެދެނީ ސަރުކާރު ގެނައުމަށެވެ. ސަރުކާރު އައުމަށް ފަހު ކޯލަޝަނަކީ ވުޖޫދުގައި މަޢުނަވީ ގޮތެއްގައި ނޫނީ އޮންނަ އެއްޗެއް ނޫނެވެ. އޮންނަ އެއްޗަކީ ރައީސުލްޖުމުހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ފަރާތެއްގެ އިޙުސާންތެރި ކަމެވެ.

ކޯލިޝަން ސަރުކާރުތައް ބޮޑަށް ޢަމަލީ ގޮތެއްގައި ކާމިޔާބު ވަނީ ބަރުލަމާނީއެއްގަ އެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ ޙާލަތު އޮތް ގޮތުން ރިޔާސީ ނިޒާމުގައި އެއް ޕާޓީއަށް ވެރިކަން ކުރުމަކީ ދަތިކަމަކަށްވާ ނަމަ ޙައްލަކީ ބަރުލަމާނީ ގެނައުންކަމުގައި ވެދާނެ އެވެ. ނުވަތަ ދެ ޕާޓީ އަށް ވުރެ ގިނަ ޕާޓީތައް ނޯންނަ ގޮތަކަށް މަލްޓި ޕާޓީ ސިސްޓަމަށް ބަދަލު ގެނެސް ރިޔާސީ ނިޒާމު ދެމެހެއްޓުމެވެ.

ރާއްޖޭގެ ސިޔާސީ ހަމަޖެހުން ޤާއިމުކުރަން ބޭނުން ނަމަ ކޮންމެވެސް ދުސްތޫރީ ފަރުވާއެއް އެބަ ބޭނުން ވެއެވެ. މިއީ އެއް ޙާލަތުން އަނެއް ޙާލަތަށް ނަޤުލުވުކެވެ. ބަރުލަމާނީ އެއް ގެންނަން ވިދާޅުވާ ބޭފުޅުން ބަރުލަމާނީ ގެންނަން ބޭނުންފުޅުވާ ސަބަބީ މިއީ ބާވައެވެ؟ އިތުރަށް ސާފުވާން އެބަ ޖެހެއެވެ. ސިޔާސީ ގޮތުން ތަހުޒީބު މުޖުތަމަޢުތަކުގައި ބަރުލަމާނީގައި ކޯލިޝަން ސަރުކާރުތައް ޢަމަލީ ގޮތުން ކާމިޔާބުވެއެވެ.

މިސާލަކަށް މެލޭޝިޔާގައި އަމްނޯގެ ކޯލިޝަނުން ގިނަ އަހަރުތަކެއް ވަންދެން އެކީގައި ވެރިކަން ކުރިއެވެ. އެއީ ފިކުރީ ގޮތުން އެއް ސިޔާސަތުތަކަކަށް އެއްބަސް ވެވޭތީއެވެ. އަޅުގަނޑުގެ ނަޒަރުގައި މިހާރު ރާއްޖޭގެ ސިޔާސީ ޙާލަތު އޮތް ގޮތުން ޢަމުދުން އެންޓި ޑިފެކްޝަން ޤާނޫނެއް ނެތި ބަރުލަމާނީ އަކަށް ގޮސްފި ނަމަ ރާއްޖޭގެ މާޙައުލު އޮތް ގޮތުން ސަރުކާރުތައް ވެއްޓުން އާދައަކަށްވެ ރާއްޖެއަށް އިޤުތިޞާދީ ގޮތުން ނުހަނު ބޮޑެތި ގެއްލުންތަކެއް ވެދާނެ އެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ރަނގަޅީ އަޅުގަނޑުގެ ނަޒަރުގައި "ފުރިހަމަ ރިޔާސީ ނިޒާމެކެވެ." އަދި ރިޔާސީ ނިޒާމުގައި ކޯލިޝަން ދެމެހެއްޓޭނެ ގޮތަށް ޤާނޫނުތަކަށް ބަދަލު ގެނައުމަކީ ސިޔާސީ ހަމަޖެހުން ޤާއިމުވެގެންދާނެ ކަމެކެވެ. މިއީ ރައްޔިތުން އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަންވާނެކަމެއް ކަމުގައި ދެކެމެވެ. ގޮތް ނިންމަނީ ރައްޔިތުންނެވެ.