ދުނިޔެ

ތުރުކީ އިންތިހާބު: އުރުދުގާނުގެ ޕާޓީއަށް ވެރިރަށުން ނާކާމިޔާބީ

Apr 1, 2019

އަންކާރާ (އޭޕްރީލް 1) - ތުރުކީގައި މިހާރު ކުރިއަށްދާ ލޯކަލް އިންތިހާބުގައި، ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނުގެ ވެރިކަންކުރާ ޕާޓީއަށް ވެރިރަށް އަންކާރާގެ އިތުރުން، އިސްޓަންބުލްގެ ކޮންޓްރޯލްވެސް ގެއްލިފައިވާކަމަށް އާންމުވަމުން އަންނަ ނަތީޖާތަކުން ދައްކައިފި އެވެ.

"ކުޑަވެސް ނާގާބިލުކަމެއް އުޅޭނަމަ އެކަން ރަނގަޅު ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. މާދަމާއިން ފެށިގެން އެކަންކަން ދެނަގަނެ، އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން،" އުރުދުގާނު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ތުރުކީގެ 57 މިލިއަން މީހުން ނުކުމެ ވޯޓުލަނީ އެގައުމުގެ އެކި ސަރަހައްދުތަކުގެ މޭޔަރުންނާއި ކައުންސިލަރުން އިންތިހާބު ކުރުމަށެވެ. މި އިންތިހާބަކީ، ސީދާ އުރުދުގާނަށް ތާއީދުއޮތް މިންވަރު ހާމަވެގެންދާނެ އިންތިހާބެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިސްޓަންބުލް ކާމިޔާބު ކުރާ ޕާޓީއެއް މުޅި އިންތިހާބު ކާމިޔާބުކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އެ ސިޓީގެ ނަތީޖާ މުޅީން ޔަގީންނުވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ގާތްގަނޑަކަށް 18 މިލިއަން މީހުން ދިރިއުޅޭ އިސްޓަންބުލްގެ މިހާރު ނަތީޖާ ދައްކާގޮތުން، ވެރިކަންކުރާ ޕާޓީއާ އިދިކޮޅު މައި ޕާޓީއާ ދެމެދު ހުރީ ވަރަށް ކުޑަ ފަރަގެކެވެ.

އަންކާރާގެ އިތުރުން، އިސްޓާންބުލްވެސް އުރުދުގާނުގެ އޭކޭ ޕާޓީއަށް ގެއްލިއްޖެނަމަ، އެއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ޕާޓީއަށް ކުރިމަތިވާނެ އެންމެ ބޮޑު ނާކާމިޔާބީ އެވެ. މިއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އުރުދުގާނު ނެންގެވުމުގެ ފަހުން އެމަނިކުފާނަށް ކުރިމަތިވި ފުރަތަމަ މުނިސިޕަލް ވޯޓެވެ. އުރުދުގާނަށް މީގެ ކުރިން ތާއީދުކުރަމުން އައި ގިނަ ބަޔަކު ތިބީ، ތުރުކީއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގައި، މަތިވަމުން އަންނަ އަގުތަކާއެކު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.