އެމްޑަބްލިއުއެސްސީ

ފެން ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ތައާރަފްކޮށްފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަން ތައާރަފް ކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީގެ އެޕްލިކޭޝަން ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އަޒީމް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އެމްޑަބްލިޔުއެސްސީގެ ހިދުމަތް ހޯދަން އެ އޮފީހަށް ނުގޮސްް ގޭގައި ތިބެ އޮންލައިންކޮށް ހޯދަން ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާ އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމުގެ މަގާމާ ހަވަލުވެ ވަޑައިގެންނެވި ފަހުން ކުންފުންޏަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކުގެ 90 ޕަސަންޓުގެ ޝަކުވާތައް މަދުވެފައިވާ ކަމަށެވެ.

ނަރުދަމާ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަކީ އެކުންފުނިން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީ މިހާރު އެެމްޑަބްލިޔުއެސްސީ އިން ވަނީ ނަރުދަމާ ނެޓްވޯކުގެ މަސައްކަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މިހާރު ބައެއް ސަރަހައްދު ތަކުގައި ނަރުދަމާ ނެޓްވޯކް އެޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.