ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބު ގެންގުޅުއްވި ދެ މޮބައިލް ފޯނަކާއި ލެޕްޓޮޕެއް ލިބިވަޑައިގަތް ކަމަށާއި އެ ތަކެތީގެ ޒަރިއްޔާއިން އެމްއެމްޕީއާރްސީ މައްސަލާގައި ފައިސާ ބެހި ގިނަ ބައެއްގެ މަައުލޫމާތު އެނގިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހއ. ބާރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މަޖިލީހުގެ ނަޒާހަތްތެރިކަން ގެއްލިފައިވުން ކަމަށާއި އެ މެންބަރުންނަށް ރައީސް ޔާމީން ރިޝްވަތުގެ ފައިސާ އެކިއެކި ގޮތް ގޮތަށް ހޯއްދަވައިގެން ދެއްވާފައިވާ ކަމުގެ ތުހުމަތުތައް ކަމަށެވެ. އޭގެ ގިނަ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވި ކަމަށާއި ހާއްސަކޮށް ރައީސް ޔާމީން ކުރިން އުފެއްދެވި ޕީއޭ މެންބަރުން ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން 150 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އޭސީސީން އެކުލަވާލި އިރު އެ ބޭފުޅުންނާ ގުޅޭ ގޮތުން ތަހުގީގު އިދާރާތަކަށް މިހާތަނަށް އެނގިފައި ވަނީ ހަމައެކަނި ބެންކް އެކައުންޓަށް ޖަމާވި ފައިސާގެ އަދަދު ނޫން ކަމަށެވެ. އޭގެ އިތުރުން ފައިސާ ނަގައިގެން ރައީސް ޔާމީންގެ ގެކޮޅަށް ގެންދިއުމަށްފަހު ދެން އެ ފައިސާ ގެންދިޔަ ގެތަކުގެ މައުލޫމާތު ވެސް ތަހުގީގު އިދާރާތަކަށް އެނގޭނެ ކަމަށެވެ.
އެ މައުލޫމާތުތައް ތަހުގީގީ އިދާރާތަކަށް ލިބުމުގެ ކުރިން އިސްކޮށް އުޅުއްވި އަދީބުގެ ދެ ފޯނާއި ލެޕްޓޮޕްއެއް ލިބިވަޑައިގަތް ކަމަށާއި ފައިސާތައް މެންބަރުންނަށް ބަހަން އުޅުއްވި ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތުތައް ވެސް ދިން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މައުލޫމާތުތައް ތަހުގީގީ އިދާރާތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
"ކަންތައް ދިމާވި ގޮތަކީ އަޅުގަނޑު އިނގިރޭސިވިލާތަށް ދާން ޖެހުމާއެކުގައި އަޅުގަނޑުގެ އަތަށް ލިބުނީ އަދީބު ގެންގުޅުއްވި ދެ މޮބައިލް ފޯނާއި އަދި އޭނާގެ ލެޕްޓޮޕް، އަޅުގަނޑު އެ ބޭފުޅުންނަށް ދެންނެވިން މި ތަކެތި އަވަހަަށް ހަވާލު ކުރައްވާށޭ އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާތަކަށާއި ބައިނަލްއަގުވާމީ ފޮރިންސިކް ތަހުގީގު ކުރާ އިދާރާތަކަށް، އެ އިދާރާތަކުން އަޅުގަނޑުމެންނަށް ދިން މީގެ ތަހުގީގުގެ ރިޕޯޓެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އަލްޖަޒީރާއިން ތައްޔާރު ކުރި "ސްޓީލިން ޕެރެޑައިސް" އަކީ ވެސް އެމަނިކުފާނަށް ލިބިވަޑައިގަތް އެ ލެޕްޓޮޕާއި ފޯނުތަކުގެ މައުލޫމާތުތައް ބޭނުން ކޮށްގެން ތައްޔާރު ކުރި ޑޮކިއުމަންޓަރީއެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާތައް ބެހި ގޮތް އެ ޑޮކިއުމަންޓަރީގައި ކިޔާދިން ފަރާތްތަކަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފައިވާ ކަމަށެވެ.
"މަޖިލިސް މެންބަރުން މެންބަރުންގެ ނަޒާހަތްތެރިކަމާ ގުޅޭ ގޮތުން ރާއްޖޭގެ ރައްޔިތުން ސުވާލު އުފައްދަނީ މި ދެންނެވި ލިސްޓުގައި [އޭސީސީ ރިޕޯޓުގައި] ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންތައް ގިނަ ކަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.