ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލަށް ގަނެފައި ހުރީ ކުރީގެ މެޝިންތަކެއް: ރައީސް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ބިޔަ މަޝްރޫއުއެއްގެ ގޮތުގައި ހިންގި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް ބޮޑު ހަރަދެއްކޮށްގެން ގެނެސްފައި ހުރީ ކުރީގެ މެޝިންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާން ހުސެއިން މިރޭ މާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް 25 ބުރީގެ އިމާރާތާ ގުޅޭ ހިޔާނާތުގެ ވާހަކަ ރައީސް ސޯލިހު ވަރަށް ބޮޑަށް ދެއްކެވި އެވެ. އެ އިމާރާތް ބިނާކޮށްފައިވަނީ ނުއަގުގައި ކަމަށާއި ވަސީލަތައް ގަންނަން ހަރަދުކޮށްފައިވަނީ މާބޮޑު އަދަދެއް ކަމަށް ކުރިން ވެސް ރައީސް ސޯލިހު އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ އެންމެ އުސް އެ އިމާރާތަކީ ކޮރަޕްޝަނާއި ވައްކަން ރަމްޒުކޮށްދޭ އިމާރާތެއް ކަމަށެވެ. ރައީސް ވިދާޅުވީ އެ އިމާރާތް 54 މިލިއަން ޑޮލަރަށް އިމާރާތް ކުރެވެން އޮތް ކަމަށެވެ. އެހެން ރައީސް ވިދާޅުވީ އެމަނިކުފާނު މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ލިބުނު މައުލޫމާތަށް ބައްލަވާފަ އެވެ. އެކަމަކު އިމާރާތް ބިނާކުރުމަށް ކުރީ ސަރުކާރުން 140 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.

އޭގެއިތުރުން އެތަނަށް ބޭނުންވާ ފަރުނީޗަރާއި އާލަތްތައް ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އޭގެ ފަހުން ކަންވީ ގޮތް އެނގުނީ އިމާރާތްކުރި ފަރާތްތަކާއި އެ މަޝްރޫއުގެ އެޑްވައިޒަރަކާ ބައްދަލުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިންގަޕޫރުން އަޅުގަނޑާ ދިމާވި، އޭނާ ބުނި ތިމަންނަވީ ކޮންސަލްޓޭޓަކަށް އުޅުނު ފަރާތެއް ކަމަށް، ތިމަންނަ ލިޔުނު ރިޕޯޓްތައް މިހުރީއޭ، އެ ބިޑް ހުށަހެޅީމަ އެއީ ގޯސް ބިޑެއް ކަމާއި އެއީ 54 މިލިއަން ޑޮލަރަށް ހެދޭނެ އިމާރާތެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުތުމަށް އެޑްވައިސް ދިނޭ، އަޅުގަނޑަށް އެބަހުރި އެ ހުރިހާ އެއްޗެއް ފޯވަޑްކޮށްފަ،" ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑާ ދިމާވީ އެތަން ކޮންސްޓްރަކްޓްކުރި އިމާރާތްކުރި ފަރާތާ، އަޅުގަނޑު ދެންނެވިން ކިހިނެއްހޭ ކަލެމެން އެތަން ހަދާފަ ތިހުރީ، އެތަނަށް މިއުޅެނީ މިހާރު ގެނައި އިކްއިޕްމެންޓް ނުވެއްދިގެނޭ، އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކްއިޕްމެންޓް ކޮޓަރިތަކަށް ވެއްދީމަ އެ ތަނުގެ ދޮރެއް ނުހުޅުވޭ، ދެން އަނެއްކާ މި ޖެހުނީ އިތުރު ހަރަދު ކޮށްގެން ސްލައިޑިން ދޮރަށް ބަދަލުކޮށް އިތުރު ހަރަދުތައް ކުރަން، އަޅުގަނޑު އެހެންވެ ދެންނެވީ ކިހިނެއްހޭ މި ތަން ހަދާފަ މިހުރީ،"

ރައީސް ވިދާޅުވީ އިމާރާތްކުރި ފަރާތްތަކުން އެތަނަށް ގަންނަން ނިންމީ ގޯލްޑަން ސްޓޭންޑާޑް ނުވަތަ އެންމެ މިހާރު ވަސީލަތްތަކާއި އާލާތްތައް ކަމަށް އެމީހުން ބުނި ކަމަށާއި ނަމަވެސް އެއަށްވާ ބަޖެޓް ނެގުމަށްފަހު ގަނެފައިހުރީ މާކުރީގެ ބޮޑެތި ސައިޒްގެ މެޝިންތަކެއް ކަމަށެވެ. މިހާރު ގަނެފައިހުރި މެޝިންތަކަކަށް ހަރަދު ވާނީ 23 މިލިއަން ޑޮލަރު ކަމަށް އެ ފަރާތުން މައުލޫމާތު ދިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ އެތަނަށް ކޮށްފަ ހުރި ހަރަދު، މިކަންކަން ގަބޫލު ނުކުރެވޭތީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން އަޅުގަނޑުމެން ނުކުތީ، ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނީ މިދެންނެވި ވައްކަންތައް ކުރި މީހުން ހައްޔަރުކޮށް ޖަލަށްލެވިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އަށް ފޫޓް ނުވަ ފޫޓްގެ ކޮޓަރިއަކަށް އެނދެއް ވެއްދީމަ އަލަމާރިއެއް ބަހައްޓާނެ ތަނެއް ނުހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެތަނުގައި މީހުން ދިރިއުޅޭނެ ގޮތެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން، ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ، އެއަށްވުރެ ރަނގަޅު ވާނޭ އެތަން ތަޅާފަ އެހެން ތަނެއް ހެދިއްޔާ، މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު އިންތިހާބުވުމުގެ ކުރިން ވެވަޑައިގެންނެވި ވައުދަކީ ދައުލަތުގެ ހަޒާނާއަށް ހިޔާނާތަތްތެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ގެއްލުނު ފައިސާ އަނބުރާ ހޯދުން ކަމަށެވެ. ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ވައުދާއެކު ނުހައްގުން ދީފައިވާ ފްލެޓްތައް ހޯދައި، ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމުގެ ވައުދު ވެސް ވެވަޑައިގެންފައިވާނެ ކަމަށެވެ.

ރައްޔިތުންގެ އަތުން ގެއްލިފައިވާ ހައްގުތައް ހޯދައިދީ، އަސާސީ ހައްގުތައް ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ވައުދު ވެސް ވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެއްޓެވި ކަމަށާއި ވެރިކަމުގެ 90 ދުވަސް ނިމުނުއިރު ރައްޔިތުންގެ ލާބައަށް ގިނަ ކަންތައްތަކެއް ފެއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު ނުކުމެ ހުންނެވީ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާތީ ކަމަށާއި އެކަން ރައްޔިތުން ކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.