ލައިފްސްޓައިލް

ޝޮޕިން ކުރުން ދިވެހިންވެސް ބަދަލުކޮށްލައިފި!

އާ އެއްޗެހި ހޯދުމަކީ އެންމެވެސް އެންމެ ކުރާ ހިތްވާ ކަންތަކެވެ. ހިތުގައި ނޫނީ އަތުގައި އަބަދުވެސް ކޮންމެވެސް ޝޮޕިން ލިސްޓެއް އޮވެއެވެ. އޮންނަނީ ކޮންމެވެސް އެއްޗެހިތަކެއް ހޯދަން ޖެހިފަ އެވެ. ގޭތެރެއަށް ބޭނުންވާ ސާމާނައި އާ ފޯނާކާއި، ކޮންމެވެސް ބްރޭންޑެޑް ހެދުމަކާއި ބޫޓެކެވެ. އަތްދަބަހަކާއި ކުޑަކުދިންގެ ކުޅޭ ސާމާނާއި މިހެން ގޮސް ލައްކަ ސާމާނެވެ.

ދިރިއުޅުން ވެސް ޓެކްނޮލޮޖީއާ ގުޅި ލާމެހިފައިވާތީ މިހާރު މި ތަކެތި ހޯދަން ކޮންމެހެން އެއް ފިހަރާއިން އަނެއް ފިހާރައަށް ވަދެ ބާޒާރު ކުޑަ ކުރާކަށް ނުޖެހެ އެވެ.

އެއް ފިހާރައިން އަނެއް ފިހާރަ ދުވުމުގެ ބަދަލުގައި އެއްމެންވެސް މިހާރު ސޯފާގައި ހަމަޖެހިލައިގެން އިނދެ ވިޔަފާރިކޮށްލަނީ އޮންލައިންކޮށެވެ. ރާއްޖެއިން ބޭރުގެ "ފިހާރަ ސައިޓް" ތަކުގެ އިތުރުން ރާއްޖޭގެ އެކި ސައިޓުތަކުން ވެސް ބޭނުންވާ އެއްޗެތި ގަނެލަނީ އެވެ.

އޮންލައިންކޮށް ބާޒާރު ކުރުމުން ފައިދާތަކެއް ވެސް ހުންނައިރު ގިނަ މީހުން އޮންލައިންކޮށް ތަކެތި ގަންނަނީ މާ ބޮޑު ހަރަދަކާއި ނުލައި ގަންނަން ބޭނުންވާ އެތި ލިބޭތީ އެވެ. އަދި އެކަމަށް މާ ގިނަ ދުއްވުމެއް ދުއްވާކަށް ވެސް ނުޖެހެއެވެ. ވަގުތު ސަލާމާތް ވެއެވެ. މީގެ އިތުރުން ގަންނަން ބޭނުންވާ އެއްޗެއް އެހެން ބްރޭންޑެއްގެ އެއްޗެއްކާއި އަޅާ ކިޔާލުމަށް ވެސް ފަސޭހަވެ އެހެން ކަސްޓަމަރުންގެ ރޭޓިން އާއި ރިވިއުތައް ފަސޭހައިން ބަލައި ލެވޭތީ އެވެ.

ކާޑުގައި ފައިސާ ހުރިއްޔާ ދުނިޔޭގެ ބާޒާރުތަކުން ކޮންމެ އެއްޗެއްވެސް ގަނެލުމުގެ ފުރުސަތު އެބައޮތެވެ. އެމޭޒަން އާއި އީބޭ އަދި އަލީ އެކްސްޕްރެސް މެދުވެރިކޮށް ކޮންމެ އެއްޗެއް ގަނެލައިގެން ގެއަށް ވެއްދިދާނެ އެވެ.

ބޭންކިން ނިޒާމް ފުޅާވެ ބޭންކުތަކުން ދޫކުރާ ދުނިޔޭގެ ފެންވަރުގެ ކާޑުތަކާއެކު ކަސްޓަމަރުންގެ އޮންލައިން ޝޮޕިން އެކްސްޕީރިއަން މުޅިން ބަދަލުކޮށްލައިފި އެވެ. އެއް ޒަމާނެއްގައި ބޭނުންވާ އެއްޗެއް ގަންނަން ރަށްރަށުން ވެސް މާލެއައިސް މަޖީދީމަގުގައި ގަދައަށް ދިއްލާފައި ހުންނަ ފިހާރަތަކަށް ވަދެ ހެދިޔަސް މިހާރު ބަދަލުވެއްޖެ އެވެ.

އޮންލައިންކޮށް ތަކެތި ގަންނަން ދިވެހިންގެ މެދުގައި ޑިމާންޑެއް އެބައޮތެވެ. މިދިއަ އަހަރު ސެޕްޓެމްބަރުގައި ގިނަ ރީޓެއިލަރުންނާއިއެކު ލޯންޗް ކުރި ކޫ.އެމްވީ ވެބްސައިޓު ގައި އޮންލައިންކޮށް ތަކެތި ގަތުމަށް ރެޖިސްޓަކޮށްފައި 10000 އެކައުންޓް އެބައޮތްކަމަށް އެ ފަރާތުން މައުލޫމާތު ބުނެ އެވެ.

ގޭގައި ކައްކާ ކާއެތިކޮޅު ތައްޔާރު ކުރަން ބޭނުންވާ ކާނާ ގަނެލުމުގެ ފުރުސަތު ވެސް އަހަރުމެންނަށް މިހާރު އެބައޮތެވެ. ހަވީރު ސައިބޯލަން ގަންނަ ހެދިކާކޮޅުވެސް އިންސްޓަގްރާމް ޕޭޖަކުން ނުވަތަ ފޭސްބުކް ގްރޫޕަކުން ގަނެލެވެ އެވެ.

އަހަރުމެންގެ ތެރޭގައި މަގުބޫލު އޮންލައިން ވިޔަފާރިތަކަށް ބަލާއިރު ބޭރުގެ ބޮޑެތި ވެބްސައިޓުތަކުން ތަކެތި ގަނެގެން އަމިއްލަ ފަރާތްތަކުން އެކި އެކި ޕޭޖުތައް ހަދައިގެން ވިއްކާ ފަރާތްތަށްވެސް މަދެއް ނޫނެވެ. މިގޮތަށް ގަނެވިއްކުމުގެ އެންމެ ބޮޑު އެއް ޕްލެޓްފޯމަކީ ސޯޝަލް މީޑިއާއެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުތަކުން އަންނައުނާއި ބޫޓާއި ދަބަހާއި ފޮއްޗާއި ކުޑަކުދިންގެ ހެދުން ވަރަށް ހިނގައެވެ. މި ޕޭޖްތަކުން ވިޔަފާރިކުރާ ސްޓައިލް ވެސް ކުޑަކޮށް ތަފާތެވެ. ފުރަތަމަ ދައްކާލަނީ ވިއްކާ އެއްޗެއްގެ ފޮޓޯއެކެވެ. ކަސްޓަމަރަކު އެ އެއްޗަކަށް އޯޑަރު ދިނުމުން އެމީހެއް ބޭނުންވާ ސައިޒަކުން ހޯދައިދީ ޑެލިވާ ކުރަނީ އެވެ.

ގޭތެރޭ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނަށް ބަލާއިރު ޒަމާނުއްސުރެ ވިޔާފާރީގައި އުޅޭ ބޮޑެތި ކުންފުނިތަކުން ވެސް އެމީހުންގެ ވިޔަފާރި ފުޅާ ކުރުމަށާއި އެމީހުންގެ ވިޔަފާރިތަކުގެ އޮންލައިން ދައުރު މި ދަނީ ފުޅާ ކުރަން ފަށައިފި އެވެ. މިގޮތުން ފަރުނީޗަރު ވިއްކާ ފިހާރަތަކުން ވެސް އެމީހުންގެ ކެޓަލޮގް ދައްކާލާ ފަރުނީޗަރުތަށް ވެސް އޮންލައިންކޮށް ބަލާލެވޭ ގޮތް މިއޮތީ ހަދާފަ އެވެ.

އަސާސީ ހިދުމަތްތައް ކަމުގައިވާ ފެން ބިލާއި ކަރަންޓް ބިލާއި ފޯނު ބިލް ވެސް އޮންލައިންކޮށް ދެއްކުމަށް ގިނަ މީހުން ހިޔާރު ކުރެ އެވެ. މިފަދަ ހިދުމަތް ހޯދުމުގެ އެންމެ ބޮޑު ފަސޭހައަކީ ކިއުގައި ނުޖެހި އެއްވެސް ތުރާލެއް ދައްޗެއް ނެތި އަމިއްލަ އަށް ފަސޭހަ އިރަކު ބިލް ދައްކާލުމެވެ.

އޮންލައިން ވިޔަފާރީގައި އަނެއްކޮޅަށް ބަލާއިރު އޮންލައިންކޮށް އެއްޗެއް ގަންނަނަމަ ހޯދަން ބޭނުންވާ އެތި ދުރާލާ ހޯދަންޖެހެ އެވެ. ފިހާރައަކަށް ގޮސް އެތި ހިފައިގެން ގެއަށް އައުމުގެ ބަދަލުގައި އޯޑަރު ދީ، ފައިސާދައްކާ އަދި ދުވަސްކޮޅަކު އިންތިޒާރު ކުރަން ޖެހެއެވެ.

އަދި އެއްޗެއް ހޯދުމުގެ ކުރިން ހޯދުމަށް ކަނޑައަޅާ އެއްޗަކީ ރަނގަޅު އެއްޗެއްތޯ ބެލުމަށް ފިހާރަތަކަށް ގޮސް އެއެއްޗެއް ރަނގަޅަށް ބަލާލާ ޗެކްކޮށްލުމަށް އަތްލާ ކޮލިޓީ ބަލާ ލެވެއެވެ. އޮންލައިންކޮށް ގަންނަ އެއްޗެއް ފޮޓޯއިން ފެންނަ ގޮތާއި އަސްލާއި ތަފާތުވެ ހިތްހަމަ ނުޖެހޭ ފަހަރުވެސް އާދެއެވެ.

ދިވެހިންގެ މެދުގައި އޮންލައިން ޝޮޕިން އަށް ފޯރި އެބައޮތެވެ. އަދި ބައެއް މީހުން މިކަމަށް ދެވި ހިފާހެން ވެސް ހީވެއެވެ.