ހދ. ކުޅުދުއްފުށީގެ ކުޅީގެ މަސްތައް މަރުވަމުންދާތީ އެ ރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ގިނަ އަދަދަކަށް މަސްތައް ދިރިއުޅޭ އެ ކުޅިން މަސްތައް މަރުވަމުން ދަނީ ހޫނުގަދަވެ، ކުޅީގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދެމުންދާތީ އެވެ. އާންމުކޮށް ކޮންމެ އިރުވައި މޫސުމެއްގައި ވެސް އެ ކުޅި ހިކެ އެވެ.
މީގެކުރިން ކުޅީގެ ބޮޑު ބައެއް ހިކުނު ނަމަވެސް ކުޅީގެ ވަކި ބައެއް ނޫނީ ފުން ސަރަހައްދުގެ ފެންގަނޑު ނުހިކެ އެވެ. ހޫނު މޫސުމުގައި މަސްތައް ޖަމާވަނީ އެ ސަރަހައްދަށެވެ. ނަމަވެސް އެ ސަރަހައްދު އެއާޕޯޓް އެޅުމަށްޓަކައި މިހާރު ވަނީ ހިއްކާފަ އެވެ.
މިދިޔަ އަހަރުގެ ހޫނުގަދަވި ދުވަސްވަރު ވެސް ކުޅި ހިކުނެވެ. އޭރު ވެސް އެ ސަރަހައްދު އޮތީ ހިއްކާފަ އެވެ. އެކަމަކު މަސްތައް މަރުނުވެ ސަލާމަތްވީ އެއާޕޯޓް ހެދުމަށް އެ ސަރައްދުގައި އެމްޓީސީސީއިން ކެނޑި ކޯރުތަކަކަށް މަސްތައް ޖަމާވުމުންނެވެ.
ނަމަވެސް މިހާރު އެ ކޯރުތައް ވެސް ފޮރުވާލާފަ އެވެ. އެހެންވެ، ހޫނުގަދަވެ ފެންގަނޑު ހިކިގެންދާއިރު ވެސް މަސްތައް ޖަމާވާނެ އިތުރު ސަރަހައްދެއް މިހާރު ނެތެވެ. މަސްތައް މަރުވަމުން ދަނީ އެހެންވެ އެވެ.
ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކުރުމަށް "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް"ގެ އެހީ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މަސައްކަތް އަދި ނުފެށެ އެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ނެޓްވޯކެވެ.
އެ މަސައްކަތް އަވަހަށް ފެށުމަށް އެ ރަށުގެ ބައެއް ޒުވާނުން މިއަދު ސޯޝަލް މީޑިއާގައި ވަނީ ގޮވާލާފަ އެވެ. ނޫންނަމަ ވަގުތު ފާއިތުވެގެން ގޮސް ކުޅީގެ ދިރުންތައް ނެތިގެން ގޮސްދާނެ ކަމުގެ ބިރު އެ ޒުވާނުން ފާޅުކޮށްފައިވެ އެވެ.