ހަބަރު

މަށި ކުޅި ހިމާޔާތް ކުރާ ދިރާސާއަށް އެކްސްޕާޓުން ކުޅުދުއްފުއްޓަށް

ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބަޔަށް ދިރުން ގެނެސް، އެތާންގެ ހިމާޔަތަށް ކުރަންޖެހޭ ކަންކަން ކުރަން ބޭރުގެ ތަޖުރިބާކާރުންތަކެއް މިއަދު އެ ރަށަށް ގޮސްފި އެވެ. ކުރީގެ ސަރުކާރުން އެރަށުގައި އެއާޕޯޓެއް އެޅަން ކުޅީގެ ބޮޑު ބައެއް ވަނީ ހިއްކާފަ އެވެ.

ކުޅުދުއްފުއްޓަށް މިއަދު ގޮސްފައިވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" ގެ ހަތަރު ތަޖުރިބާކާރެކެވެ. އެ ޓީމާއެކު "ސޭވް މޯލްޑިވްސް" ގެ ޓީމެއް ވެސް ދިޔަ އެވެ. މެންގްރޫވް އެކްޝަން ޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ނެޓްވޯކެވެ.

އެ ނެޓްވޯކުން އެކަމުގެ ހުއްދައަށް އެދުމުން ސަރުކާރުން ވަނީ އެ ހުއްދަ ދީފަ އެވެ.

ތަޖުރިބާކާރުން މިއަދު ކުޅުދުއްފުއްޓަށް ދިޔުމުން އެމީހުންނަށް އެ ރަށުން ވަނީ ބޮޑު ބެރާއެކު ސަގާފީ މަރުހަބާއެއް ކިޔާފަ އެވެ. އެކްސްޕާޓުންނަށް މަރުހަބާ ކިޔުމުގައި އިސް ނެގީ އެ ރަށުގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ޖަމިއްޔާ، ބިލީފެވެ.

ކުޅުދުއްފުށީ ކުޅި ދިރާސާ ކުރަން އެކްސްޕާޓުން އެ ރަށުގައި ހަތަރު ދުވަސް ހޭދަ ކުރާނެ އެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވަނީ ސޯޝަލް މީޑިއާގައި ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށް ދޭން އެދި ބޮޑު ކެމްޕެއިނެއް ބަޔަކު ފަށާފައި ވަނިކޮށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހަދަން ކުޅީގެ ބޮޑު ބައެއް ހިއްކާފައިވީ ނަމަވެސް އަދިވެސް ކުޅީގެ ހިތްގައިމު ސަރަހައްދެއް ސަލާމަތުން އެބަ އޮތެވެ. އެއީ ރަށުގެ އެތެރެއަށްވާ ގޮތަށް އޮތް ބައެވެ. މަށި ކުޅީގެ ގޮތުގައި މަޝްހޫރުވެފައިވާ ކުޅީގެ މި ބަޔަކީ ގިނަ އަދަދެއްގެ ދޫނި ޖައްސާ ސަރަހައްދެކެވެ.

އެއާޕޯޓް ހެދި އިރު އެތަނަށް އެއްވެސް ސަމާލު ކަމެއް ދީފައިނެތުމުން ވެއްޔާއި ޗަކަ ކުޅީގެ އެ ބައިގެ ތެރެއަށް ދެމިގަނެ ސަރަހައްދުގެ ދިރުން ވަރަށް ބޮޑަށް ވަނީ ގެއްލިފަ އެވެ.

ކުޅުދުއްފުށީގެ ކުޅީގެ ބާކީ ބަޔާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އެކްސްޕާޓުންގެ ދިރާސާތަކަށް އެ މީހުން ދޭ ލަފަޔަށް ބަލައިގެނެވެ. ސަރުކާރުން ބުނެފައި ވަނީ ކުޅި ހިމާޔަތް ކުރަން ބޭނުން ވަނީ ފައިދާ ނެރެވޭ ގޮތަށް ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ތިމާވެއްޓަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ. މި ސަރުކާރު އައި ފަހުން އުތުރުގެ ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރެންދޫ ކުޅި އާއި ހދ. ގެ ފަޅު ރަށް، ކޭލަކުނު ވެސް ވަނީ ހިމާޔަތް ކޮށްފައެވެ.