ކޮލަމް

ސިޔާސީ "ފަނި"ން ގެއްލުނީ 1.3 ބިލިއަން

ސިޔާސީ ބޭފުޅުން ކޮންމެ ވާހަކައެއް ވެސް ދައްކަވައިފާނެ އެވެ. ޕޯޑިއަމްތަކުގައި، މީޑިއާތަކުގައި ނޫސްވެރިންގެ ސަމާލުކަން ލިބޭ ދަނޑިވަޅުތަކުގައި އެބޭބޭފުޅުންގެ ޝުއޫރުތައް ތަފާތު ގޮތްގޮތަށް ބަންޑުންކޮށްލަ އެވެ. ބޭނުމަކީ ރައްޔިތުންގެ ހިތްދަމައިގަތުމެވެ. ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ރައްދުދީ، ބޯޅައެއް ޖަހާލުމަކީ އެ މީހުންގެ އާދަ އެވެ.

ޖަޒުބާތުގައި ޖެހިވަޑައިގެން އެންމެ ހަރު އަޑުން ވާހަކަފުޅު ދައްކަވާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދުވަސްގަނޑަކު ނަޝީދުގެ އަޑު ދިވެހި ފަސްގަނޑުން ފަނޑުވެގެން ދިޔުމަށްފަހު، ހާއްސަކޮށް މިހާރު ބޯމަތިވެފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނު މެކުހަށް ޖަހައިގެން އުޅޭ ދުވަސްތަކުގައި ރައީސް ނަޝީދުގެ ތަފާތު އަޑުފުޅު ނީވޭ ދުވަހެއް މަދެވެ. އަމިއްލަފުޅަށް އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވި ނަމަވެސް، އަބަދުވެސް ފެންނަނީ އެމްޑީޕީގެ ދެން ތިބި ކެންޑިޑޭޓުންގެ ކެމްޕެއިންތަކުންނެވެ. އެމަނިކުފާނުގެ "އެޖެންޑާ 19" ހިތްޕަވައިގެން އެމްޑީޕީއަށް މެޖޯރިޓީ ހޯދުމަށެވެ. ދުވާލަކު ތިން ހަތަރު ރަށަށް ނޫންނަމަ މާލޭގެ ކޮންމެވެސް އަވަށެއްގައި ވާހަކަ ދައްކެވި
ނަމަވެސް، ވަރަށް މަދުން މެނުވީ ކުރިން ދައްކަވާފައިހުރި ވާހަކައެއް ދެއްކެވި އަޑެއް ނީވެ އެވެ. ކޮންމެ ރަށަކަށް އަރާވަޑައިގެން ނުހަނު ޖޯޝާއި ފޯރީގައި ނަންގަވަނީ އާ މައުލޫއެކެވެ. ޖައްސަވަނީ ތަފާތު މިސާލުތަކެވެ. "ބޯޅަ" ޖައްސަވަނީ ފަހަރަކު ސިޔާސީ ލީޑަރަކަށެވެ. އެމަނިކުފާނުގެ ދޫފަރިތަކަމާއި ކުޅަދާނަ ކަމާ މެދު ޝައްކެއް ނެތެވެ.

އެހެނަސް، އިއްޔެ ނ. ކުޑަފަރީގައި ރައީސް ނަޝީދަށް ހާއްސަ ތިލަފަތުން ކިރި ނަމަވެސް، ވަރަށް އަޑުއަހަން އުނދަގޫވި ވާހަކަފުޅެއް ވިދާޅުވެއްޖެ އެވެ. ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އީސާގެ ކެމްޕެއިން ޖަލްސާގެ ތެރެއިންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގަސްދުގައި އެޅުވި ފަންޏެއްކަމަށް ނަޝީދު ފަހުރުވެރިކަމާއެކު ވިދާޅުވި އެވެ. އަދީބަކީ ކޮރަޕްޝަނާއި ދޯޅު ބޭފުޅެއްކަން އޭރުވެސް އެނގިވަޑައިގެންނެވިކަމަށް ނަޝީދު އިއުތިރާފުވެވަޑައިގެންނެވީ އެވެ.

އަޅުގަނޑު ހިތަށް އެރީ އެހާ ބޮޑު ފަންޏެއް އެޅުވެން އޮތްއިރުގައި ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް އެރުވެން އޮތީ އެ ވެރިކަން ގާއިމްކޮށްގެން، އެ ވެރިކަމުގައި ފަންޏެއް އަޅުވައިގެން ގުޑުމެއް ގެނެސްގެންކަން، އެއީ އަބަދުވެސް އަޅުގަނޑު ދުށް ހަގީގަތެއް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ތާއީދުކުރައްވައި ފަރާތްތައް ހިމެނޭގޮތަށް އެއް ބަޔަކަށް މިއީ އެހާ ސީރިއަސްކަމަކަށް ނުވެދާނެ އެވެ. "ސިޔާސީ ވާހަކައެކޭ" ބުނެ އަނެއް ފަރާތަށް މޫނުވެސް އަނބުރާލެވިދާނެ އެވެ. ނަމަވެސް، އެކަން އެގޮތަށް ލުއިކޮށްނެގެންނެތީ، ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފަހަތުގައި ނަޝީދުގެ "ފަނި" ހުންނެވީމަ އެވެ. ހަމައެކަނި ސަރުކާރަށް "ލޮޅުމެއް އަރުވާލަން" ކުރި ކަމަކުން، ރައްޔިތުންގެ ބުރަ މަސައްކަތުން އެއްކުރާ ޓެކްސް ފައިސާކޮޅު ރޯމާ ދުވާލު ލޫޓުވާލާފައިވާތީ އެވެ. ދެން ބުނަންވީ އޭގައި ނަޝީދުގެ ކުށަކީ ކޮބައިތޯ އެވެ.

ނަޝީދަކީ އޭރުގެ އިދިކޮޅު ލީޑަރެވެ. އެތަކެއް ހާސް ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިގެން ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މިނިސްޓަރަކަށް އައްޔަނުކުރުމުގެ ކުރިންވެސް އަދީބު އިންތިހާއަށް ކޮރަޕްޓުވާނެކަން ނަޝީދަށް އެނގިވަޑައިގެން ހުންނަވައި، އެކަން ހުއްޓުވުމުގެ ބަދަލުގައި އެކަމަށް މަގުފަހިކޮށްދިނުމަކީ ވަރަށް ވެސް ހިތާމަކުރަންޖެހޭ ކަމެކެވެ. ސިޔާސީ މަންފާއެއް ނެގުމަށްޓަކައި، ރައްޔިތުންގެ ފައިސާ އަށް ހިޔާނަތްތެރިވެދާނެ މީހަކަށް ހަޒާނާގެ ތަޅުދަނޑި ދޭން މަގުފަހިކޮށްދެއްވިކަމަށް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންނެވީ އެވެ. އިދިކޮޅު ޕާޓީއެއްގެ މައިގަނޑު ދައުރަކީ ވެސް އެއީ އެވެ. ކެބިނެޓުގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރައްވައި ބޭފުޅުންނަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމެވެ. ކޮރަޕްޝަން ހިންގާނަމަ އެކަމާއި ދެކޮޅަށް ރައްޔިތުންގެ ފަރާތުން އަޑުއުފުލުމެވެ.

އީސާ ދިފާއުކުރެއްވީ؟

ނަމަވެސް، ނަޝީދު ފަދަ ރައްޔިތުން ދެކެ ލޯބިވާ ލީޑަރަކު ގައުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ފަދަ "ރިސްކެއް" ނުނަންގަވާނެއޭ، އެއީ އެހެން މަގުސަދެއްގައި ވިދާޅުވި ވާހަކައެކޭ ބުނެ "ބެނިފިޓް އޮފް ދަ ޑައުޓް" އެމަނިކުފާނަށް ދެމާ ހެއްޔެވެ. އެހެންވެއްޖެ ނަމަ، ދެން ބަލަންވީ ނަޝީދު ދެއްކެވި ވާހަކަފުޅުގައި ފޮރުވިގެންވާ ފަރުދާގެ ފުރަގަހެވެ. ނަޝީދު ހުންނެވީ އެހެން ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދެއްވުމަށް ނ. އަތޮޅުގަ އެވެ. އެހެންކަމުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅެއް މައިގަނޑު ގޮތެއްގައި ބިނާކުރާނީ، ކެންޑިޑޭޓަށް ތާއީދު ހޯދަން ނޫނީ ދިފާއު ކުރައްވަންކަން ބެލޭނެ ޖާގަ ލިބެ އެވެ.

އީސާ ކުރެއްވިކަމެއްގެ ޒިންމާ ނަޝީދު އަމިއްލައަށް ނެންގެވުމަކީވެސް އެމަނިކުފާނު އެއްވެސް ޖެހިލުމެއްނެތި ކުރައްވަފާނެ ކަމެކެވެ. ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އީސާ އަކީ 17 ވަނަ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. އޭނާއަކީ އެމްޑީޕީއިން އަދީބަށް ރުހުން ނުދިނުމަށް ވިޕްލައިން ނެރެފައިވަނިކޮށް އެއާ ދެކޮޅަށް ވޯޓު ދެއްވި މެންބަރެކެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެކަމާ ގުޅިގެން އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވި އެވެ.

އެހެންވީމަ އަޅުގަނޑު ހިތަށް އެރީ އެ ރޭ 12 ޖެހިއިރު އީސައަށް ގުޅާނަމޭ، އީސާއަށް ގުޅާފަ ބުނިން، އޭރު އޮތީ ޕާޓީގެ ވިޕްލައިން ވެސް އަޅާ ނިންމާފަ، އަޅުގަނޑު އީސާއަށް ދެންނެވިން ކަލޭލާށޭ އަދީބަށް ވޯޓު، އަދީބަށް ވަޒީރުކަން ލިބުނީ އީސާގެ ވޯޓުން، އެ ދުވަހު ވެސް އީސާ ރޮއެ ހޭރުނު، ތިހެން ނުހާދާށޭ، ދެން ތިމަންނައަކަށް ރަށު މީހުން ވޯޓެއް ނުދޭނެއޭ
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު އިއްޔެ ވިދާޅުވީ އީސާގެ އެ ގުރުބާނީއަކީ އެމަނިކުފާނު އެދިވަޑައިގެންވީ ގުރުބާނީއެއް ކަމަށާއި އަދީބަށް ވޯޓު ދިނުމަށް އެންގީ ސީދާ އެމަނިކުފާނު ކަމަށެވެ. ނަމަވެސް އެ ހިސާބުން އަނެއްކާވެސް އިތުރު ކަންބޮޑުވުމެއް ފެންމަތިވެ އެވެ. އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ "ޑިމޮކްރެޓިކް" ޕާޓީކަމަށް އަބަދުވެސް ދައުވާ ކުރާ ޕާޓީއެކެވެ. އެހެން ވީހިނދު، ސީދާ އެމްޑީޕީގެ ވިޕްލައިނާއި ހިލާފަށް ހަމައެކަނި ޕާޓީ ލީޑަރު ވިދާޅުވި ގޮތަކަށް އެ ޕާޓީގެ މަޖިލީސް މެމްބަރަކު ވޯޓު ދިނުމަކީ ޔަގީނުންވެސް ޑިމޮކްރަސީގެ އަސާސެއް ނޫނެވެ. އީސާ އެ ދުވަހު ވޯޓު ދެއްވީ ނަޝީދު ވިދާޅުވިގޮތަށްނަމަ، އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުގެ ސަބަބުން، މަޖިލީހުގައި ނެގޭ ވޯޓުތަކަށްވެސް ނަޝީދު ނުފޫޒު ފޯރުއްވާކަން ހާމަވެގެންދެ އެވެ.

ކޮންމެ ކޮޅަކުން ބެލި ނަމަވެސް ގޯސް!

ނަޝީދުގެ ވާހަކަފުޅުގެ ތެރެއިން، އަދީބަށް ރުހުން ދިނުމަށްނެގި ވޯޓު އެނބުރިގެންދިޔައީ އީސާގެ ވޯޓުންކަމަށް ދޭހަވާގޮތަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ހަގީގަތުގައި އަދީބަށް ރުހުންދިނީ މަޖިލީހުގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުންނެވެ. އެދުވަހު އަދީބަށް ރުހުން ދިނުމަށް ނެގި ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ ތެރެއިން 45 މެމްބަރަކު ވޯޓުދެއްވީ އަދީބާއި އެއްކޮޅަށެވެ. ނަމަވެސް، ނަޝީދު އެ ވިދާޅުވި ގޮތަށް އީސާގެ "ޑިސައިޑިންގް" ވޯޓެއް ދެއްވޭނެ ޖާގައެއް ފެންނާކަށް ނެތެވެ. ސަބަބަކީ، އަދީބަށް ރުހުން އޮތްކަމަށް ފާސްކުރަން ބޭނުންވީ އެންމެ 37 ވޯޓު ވީމަ އެވެ. ފަހަރުގައި ނަޝީދަށް ލިބިވަޑައިގެންނެވި މައުލޫމާތު ގޯސްކަމަށްވެސް ވެދާނެ އެވެ. ނޫންނަމަ، މީގެ ހަ އަހަރު ކުރީގެ ކަމެއް ހަނދުމަފުޅުނެތުނީ ކަމަށްވެސް ވެދާނެ އެވެ. އެހެނަސް، އެ ދުވަހު އަމިއްލަ ރޭވުންތެރި، ދުރު ވިސްނޭ ވިސްނުންފުޅު ހުރި ގޮތާއި، އީސާއާއެކު ދެކެވުނު ވާހަކަތައް އެހާ ތަފްސީލުކޮށް ވިދާޅުވެދެއްވުމުން އެކަމުންވެސް އުފެދެނީ އިތުރު ސުވާލުތަކެކެވެ.

އަދީބު ވަޒީރަކަށްވީ ދުވަހު ނޫން އަނެއް ދުވަހު ރާއްޖޭގައި އޮތް ފަޅަކާއި ގިރިއެއް އޭނާ ވަގަށް ނަގައިފި، ސަރުކާރު ހިއްސާވާ ކުންފުންޏެއް އޮތިއްޔާ އެވެސް އޭނާގެ އަތަށް ނަގައިފި، މިހުރިހާ ކަމެއް އޭނާ ކުރައްވަނީ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮންމެ ސަބަބަކާހުރެ ނަމަވެސް، އަދީބާއި އެއްކޮޅަށް އީސާ ދެއްވި ވޯޓު، ނަޝީދު "އިތުރުފުޅު" ހައްދަވައިގެން އޮޅުވާލަން އުޅުއްވަނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލަށް ފެންނާން އޮތީ އެންމެ ޖަވާބެކެވެ. މިދިޔަ އިންތިހާބު އީސާއަށް ނާކާމިޔާބުވީ އެދުވަހު އަދީބަށް ދިން ވޯޓުންކަމަށް ނަޝީދު ގަބޫލުފުޅު ކުރެއްވުމެވެ. އެހެންވީމާ އީސާ އެޅުއްވި ޅަ އެއްޗެއްގެ ޒިންމާ ނަޝީދު އަމިއްލައަށް ނަންގަވައިގެން، އީސާއަށް އެމްޑީޕީ ސަޕޯޓަރުން ތާއީދު އަނބުރާ ހޯދައިދެއްވުމަށެވެ. އަލުން ކެނދިކުޅުދޫ ދާއިރާގެ ގޮނޑި އީސާއަށް ކާމިޔާބު ކޮށްދެއްވުމަށެވެ. އެގޮތަށް ނިންމާލަން ވިސްނާލުމުންވެސް ކުރިމަތިވަނީ އަނެއްކާވެސް ސުވާލެކެވެ.

ޕާޓީގެ ވިޕްލައިނާއި ހިލާފަށް ކޮރަޕްޓްވާނެކަމަށް ހުދު ނަޝީދުވެސް ގަބޫލުކުރައްވާ އަދީބަށް އީސާ ވޯޓު ދެއްވީ ކޮންމެވެސް ފައިދާ އެއްވާ ގޮތަށް ހެއްޔެވެ؟ އެއީ ކަން ހިނގާފައިވާގޮތް ނަމަ، ނަޒާހާތްތެރި މަޖިލީހެއް ރައްޔިތުންނަށް ހޯދައި ދިނުމަށް އެންމެ ކުރީ ސަފުގައި އަތުކުރި އޮޅާލައިގެން ހުންނެވި ނަޝީދު، އަމިއްލަ ފައިދާއަށް ޕާޓީގެ ވިޕްލައިނާއި ހިލާފަށް ވޯޓު ދެއްވާފައިވާ ބޭފުޅަކު އަލުން މަޖިލީހަށް ގެންނަން މަސައްކަތް ކުރައްވަނީ ކީއްވެ ހެއްޔެވެ؟

މިއަދު އަޅުގަނޑު މިތަނުގައި މިހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްފަ، އެ ވެރިކަން އަޅުގަނޑުމެންނަށް ބަދަލު ކުރެވުނީ އެ ވެރިކަމުގައި އަޅުގަނޑުމެން ރެނދެއް އެޅުވީމަ، ދެން ފަހުން އެހެން ރެނދެއް ވެސް ފެނުނު، އެކަމަކު އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގައި އެޅުވި ރެނދަކީ ދުރު ވިސްނާ ކުރި ކަމެއް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ދެއްކެވި ވާހަކަފުޅުގެ ދިފާއުގައި މިއަދު އެތައް ބަޔަކު ސޯޝަލް މީޑިއާގައި ނުކުންނާނެކަން ޔަގީނާގާތަށް ބުނަން އެނގެ އެވެ. ނަމަވެސް އެންމެންވެސް އިއްތިފާގުވާންޖެހޭ ހަގީގަތެއް އޮންނާނެ އެވެ. އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން، އެމްއެމްޕީއާރުސީގެ ތެރެއިން 1.3 ބިލިއަން ރުފިޔާ ވަނީ ދޮވެ ސާފުކޮށްފަ އެވެ. ކޮތަޅު ކޮތަޅާއި، ދަބަސްތަކުގައި އުފުލި ފައިސާގެ ނޫޓުތަކުން ދައުލަތެއް ގަނެލި އެވެ. ނިކަމެތި ރައްޔިތުންގެ ފައިސާއިން އެތައް ބަޔަކު ނުހައްގުން މުއްސަނދިވީ ކަމެވެ. އެ ފައިސާ ނެގި ބަޔަކަށް ހުކުމްކޮށް ޖަލަށްލެވިދާނެ އެވެ. ނަމަވެސް، އޭގެން އެންމެ ލޯ ލާރިއެއްވެސް ދައުލަތަށް އަނބުރާ ހޯދުމަކީ ނާދިރުކަމެކެވެ. ރާއްޖޭގައި އަންނަން ޖީލުތަކަށް ވެސް އެ ބިޔަ ހިޔާނާތުގެ ހިޔަނި ވަނީ އެޅިފަ އެވެ.

އިދިކޮޅުން ވެރިކަމަށް އައުމުގެ ނިޔަތުގައި އޭރު އޮތް ސަރުކާރުގައި އަޅުވާލި "ރެނދު" ގެ އަގަކީ 1.3 ބިލިއަން ރުފިޔާ ކަން މިހާރު އެނގެ އެވެ. އަދީބަކީ ކިހާ ވަރެއްގެ ބޭފުޅެއްކަން އެނގިވަޑައިގެންހުރެ، އެކަމަށް ހަގީގަތުގައިވެސް ނަޝީދު މަގުފަހިކޮށްދެއްވިނަމަ، އެމްއެމްޕީއާރުސީ ހިޔާނާތުގެ އިތުރުން އަދީބު އިސްވެ ހިންގާފައިވާ ހުރިހާ ޖަރީމާތުގެ ޒިންމާ ނުސީދާގޮތުން ނަމަވެސް އެކަމަނިކުފާނު ނަންގަވަންޖެހޭނެ އެވެ.