ދުނިޔެ

ބުރޫނާއީގައި އަތްކެނޑުމާއި، ރަޖަމު ކުރުމުގެ އަދަބު ދެނީ

Apr 3, 2019
5

ބުރޫނާއިގައި އިސްލާމީ ޝަރީއަތުގައި ހިމެނޭ އަތްކެނޑުމާއި ރަޖަމު ކުރުމުގެ އަދަބު ދޭން އެގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން އަމަލު ކުރަން ފަށާ ގާނޫނުލް އުގޫބާތުގެ ދަށުން، އިސްލާމީ ޝަރީއަތުގައި ހިމެނޭ އެންމެ ހަރުކަށި އަދަބުތައް ދޭން ނިންމުމުން، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމާ މުހާތަބުކޮށް އެގައުމުގެ ސުލްތާނު ވަނީ އިސްލާމީ އުސޫލުތައް ތަންފީޒުކުރުމަށް އިތުރު ހިތްވަރެއްލާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، އެއް ޖިންސުން ގުޅުން ހިންގުމުގެ އަދަބަކީ ރަޖަމު ކުރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް، އިސްލާމީ ޝަރީއަތުގެ ދަށުން، އެ އަދަބު ދެވޭނީ، ކުށަށް އިއުތިރާފުވުމުގެ އިތުރުން، އަމަލު ހިންގަނިކޮށް ފެންނަ ހަތަރު މީހުންގެ ހެކިބަހުންނެވެ. އެގައުމުގައި ދިރިއުޅޭ 420،000 އާބާދީގެ ތިންބައިކުޅަ ދެބައަކީ މުސްލިމުންނެވެ.

ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ އިތުރުން، އެބޯޝަން ހަދާ އަންހެނުންނަށް ހައްދު ޖެހުމުގެ އަދަބުވެސް ވަނީ ހިމަނާފައި އެވެ. އާ ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބުވެސް ހިމަނާފައިވީ ނަމަވެސް، އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1957 ވަނަ އަހަރެވެ.

ބުރޫނާއީ ސުލްތާނުގެ އެ ނިންމެވުމާއެކު، ބުރޫނާއީ އިންވެސްޓްމަންޓް އޭޖެންސީގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ މަތީ ފެންވަރުގެ ހޮޓާތައް ބޯއިކޮޓް ކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

އެ ނިންމުން ބަދަލުކުރުމަށް އދ.ގެ އިތުރުން ބައިނަލްއަގުވާމީ ގިނަ ޖަމިއްޔާތަކުންވެސް ބުރޫނާއި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.