ވިޔަފާރި

ސުނާމީ ލޯންތަކުގެ 50 ޕަސެންޓް ބީއެމްއެލް އިން މާފުކޮށްދިން

ސުނާމީ ކާރިސާއާ ގުޅިގެން އަމިއްލަ ފަރާތްތަކުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ދޫކުރި ލޯނުތަކުގެ ދެ ބައިކުޅަ އެއްބަޔަށް ސަރުކާރުން ފައިސާ ދެއްކުމުން އެ ލޯނުތަކުގައި ފައިސާ ނުދައްކާ ބާކީ އޮތް 50 ޕަސެންޓް ލޯން ގައުމީ ބޭންކް، ބީއެމްއެލް އިން މާފުކޮށްދީފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ދޫކުރި 445 ލޯނަށް އަނބުރާ ނުދައްކާ ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން 15.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި މި ލޯނުގެ ނުދައްކާ ހުރި 50 ޕަސެންޓް ސަރުކާރުން ދެއްކުމާއި ގުޅިގެން ބާނީ ނުދައްކާ ހުރި 15.2 މިލިއަން ރުފިޔާ އެ ބޭންކުން މައާފުކޮށްދީފައިވާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މީގެ އިތުރުން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ފަރާތުން ސުނާމީއާ ގުޅިގެން 144 ފަރާތަކަށް ދޫކޮށްފައިވާ ލޯނުވެސް މައާފުކޮށްދީފައިވާ ކަމަށެވެ. މަޓީ އާއި ވިޔަފާރިވެރިންގެ ގައުމި ޖަމިއްޔާއިން ވަނީ އަމިއްލަ ފަރުދުންނަށް 9.49 މިލިއަން ރުފިޔާގެ ލޯނު ދީފަ އެވެ. މިއާއެކު އެ ލޯނުތައްވެސް މައާފުވެގެން ދިޔައީ އެވެ.

ގައުމީ ބޭންކުން ބުނީ ސަރުކާރާއި މަޓީ އަދި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ލޯނުތައް މައާފުކޮށްދިނުމާއި ގުޅިގެން ސުނާމީއާ ގުޅިގެން ފައިސާ ނުދައްކާ ލޯނެއް ނުހުންނާނެ ކަމަށެވެ.