ދުނިޔެ

ގަރޫޑާ ފްލައިޓެއް އެމެޖެންސީކޮށް ކޮލަމްބޯއަށް ޖައްސައިފި

ގަރޫޑާ އިންޑޮނީޝިއާގެ މަތިންދާ ބޯޓެއް އެމެޖެންސީގައި ކޮލަމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ)އަށް ޖައްސައިފި އެވެ.

އަންގާރަ ދުވަހުގެ ރޭގަނޑު 8:20ގައި ސައުދި އަރަބިއާގެ ޖިއްދާއަށް 338 މީހުން ގޮވައިގެން ދަތުރުކުރި ފްލައިޓް ޖީއޭ 972 މަތިންދާ ބޯޓު އެމެޖެންސީކޮށް ޖައްސާފައިވަނީ ދަތުރުގެ މެދުތެރެއިން އެވެ. ފްލައިޓް ކްރޫންނަށް ކެބިން ޕްރެޝަރު ދަށްކަމަށް ފާހަގަ ކުރެވުމުން ޕަސިންޖަރުންގެ ރައްކާތެރިކަމަށް ވިސްނާފައި ޕައިލެޓު ނިންމީ އޭރު އެންމެ ގާތުގައި އޮތް ކޮލަމްބޯގެ އެއާޕޯޓަށް އެމަޖެންސީކޮށް ތިރި ކުރާށެވެ.

"ފްލައިޓުގައި ތިބި އެންމެންވެސް ތިބީ ރައްކާތެރިކޮށް. މިވަގުތު އެންމެންވެސް ތިބީ ކައިރީ ހޮޓަލެއްގަ ބަދަލުގައި ގެނެވޭ ފްލައިޓު އަންނަންދެން. ބަދަލުގަ އެހެން ފްލައިޓެއް މި ގެނެވެނީ އިތުރަށް ރައްކާތެރިވުމުގެ ގޮތުން. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިކަމަށް މާފަށް އެދެން"، ގަރޫޑާ އިންޑޮނީޝިއާގެ ކޯޕަރޭޓް ސެކެޓްރީ އިޙްސާން ރޯޝަން މައުލޫމާތު ދެއްވި އެވެ.

ގަރޫޑާ އިންޑޮނީޝިއާގެ އެމެޖެންސީކޮށް ޖެއްސި ފްލައިޓް މަރާމާތުކޮށް އަލުން ބޭނުން ކުރެވޭނެތޯ ބެލުމަށް އެ ކުންފުނީގެ ޓެކްނީޝަނެއް މިހާރު ވަނީ ކޮލަމްބޯއަށް ފޮނުވާފަ އެވެ. އެ ފްލައިޓް އަދިވެސް އޮތީ އިންސްޕެކްޝަނަށް އެއާޕޯޓްގައި ބާއްވައިފަ އެވެ.