ވިޔަފާރި

ވެމްކޯގެ ބޯޑް މެންބަރު ކަމަށް އާސިޔާ އައްޔަންކޮށްފި

Apr 3, 2019
1

ކުންޏާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަންހެން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ ލަފާގެ މަތިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެމްކޯގެ ބޯޑަށް އައްޔަން ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ނިންމާފައި ވަނީ، އިނގިރޭސިވިލާތުން ފައިނޭންސް އަދި އެކައުންޓިންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ލ. ފޮނަދޫ، ރޯޝަން ވިލާ، ފާތިމަތު އާސިޔާ އެވެ. އާސިޔާ ވަނީ ގައުމީ ބޭންކް، ބީއެމްއެލްގައި 10 އަހަރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. މީގެ އިތުރުން ކްލިކް ކޮލެޖާއި ފޯކަސް އެޑިއުކޭޝަން ސެންޓަރުގައި ލެކްޗަރާއެއްގެ ވަޒީފާ ވެސް ވަނީ އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ބިޒްނަސް ކޮންސަލްޓެންސީ ދިނުމަށް ސާވިކިއުގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފައްދަވައިގެން އާސިއާ ގެންދެވީ ވިޔަފާރީގައި ވެސް މަސައްކަތް ކުރައްވަމުން އެވެ.

މީގެ އިތުރުން ކުންފުނީގެ ފައިނޭންސް މެނޭޖްކުރުމާއި ކޯޕަރޭޓް ގަވަނޭންސް ފަދަ ގުޅުން ހުރި ދާއިރާތަކުން އެކަމަނާ ވަނީ ކޯސްތައް ވެސް ހައްދަވައިފަ އެވެ.

ވެމްކޯގެ އެމްޑީގެ މަގާމަށް މި ސަރުކާރުން ހަމަޖައްސާފައި ވަނީ، އާދަމް މުހައްމަދު އެވެ.