ހަބަރު

ޔާމީން އެނބުރި އައުމަށް މަގުފަހި ކުރާ ބަޔަކަށް މާފެއް ނުކުރާނެ: ޝާހިދު

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އެބުރި އައުމަށް މަގުފަހި ކުރާ ބަޔަކަށް ކުރިޔަށް އޮތް ޖީލުތަކުންވެސް މާފު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން އެބުރި އައިސްފި ނަމަ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ލިބިގެންދިޔަ އުމްމީދުތައް ފުނޑުފުނޑުވެގެންދާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ވެއްޖެ ނަމަ އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތް މީހުންވީ ގުރުބާނީ ވެގެންދާނީ ބޭކާރު ކަމަށެވެ.

މީގެ އިތުރުން ޔާމިން އެނުބުރި އައުމަށް މަގުފަހިކުރާ ބަޔަކަށް ރާއްޖޭގެ ތާރީހާއި، ކުރިޔަށް އަންނަން އޮތް ޖީލުތަކުންވެސް މާފު ނުކުރާނެ ކަމަށް ޝާހިދުގެ ޓުވީޓްގައި ވަނީ ވިދާޅުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް ޔާމީނާއި ދެކޮޅަށް ފޯރިގަދަ ވާހަކަތަކެއް ދެއްކެވި ޝާހިދު އެ ޓުވީޓް ކުރައްވާފައިވަނީ "ނޫނެކޭ" ޖަހާފައިވާ ބެކްގްރައުންޑެެއްގައި ރައީސް ޔާމީން ކެމްޕެއިންގެ ދުވަސްވަރު ހުންނެވި ފޮޓޯއަކާއި އެކުގަ އެވެ.

ޝާހިދު އެ މޭރުުމުން ޓުވީޓްް ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީޕާޓީން ވަނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހަށް ނިކުންނަ ކެނޑިޑޭޓުންނަށް ތާއިދުކުރަން ނިންމާ އެކަން އިއުލާންވެސް ކޮށްފަ އެވެ. އަދި ރައީސް ޔާމީންވެސް ވަނީ ޖުމްހޫރީޕާޓީގެ ކެނޑިޑޭޓުންނަށް ޕީޕީއެމްގެ މެމްބަރުން ތާއިދު ކުރުމަށް އެދިވަޑައިގެންފަ އެވެ.