ހަބަރު

ނަޝީދު ގޮވާލައްވަނީ ޔާމީން މައިތިރިވުމަށް

ކުރީގެ ރައީސް އަބުދުﷲ ޔާމީނަކަށް ދިވެހިން ފަހަތަކަށް ނުޖެއްސުނު ކަމަށާއި، ދިވެހިންނަށް ވެރިކަމުގެ އެހެން ގޮތެއްވެސް ނުދެއްކުނު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ މައްޗަންގޮޅީ ތިން ދާއިރާއަށް އެމްޑީޕިން ކުރިމަތިލާ ކެނޑިޑޭޓުން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީނަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީން ގަޓު ރައީސް ހެދިވަޑައިގެން އަތް ފުޅާކޮށް ރަށުތެރެއަށް ނިކުމެ ރައްޔިތުން ބިރު ގެންނަވައި އެއީ ވަރަށް ގަޓު ބޭފުޅެއް ކަމުގެ މަންޒަރު ދައްކުވަން އުޅުއްވި ކަަމަށެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންގެ ރައީސުލް ޖުމްހޫރިއްޔާ މިއީ. އެ ރައީސުލްޖުމްހޫރިއްޔާ ސިފަ، އެރައީސުލް ޖުމްހޫރިއްޔާއަކީ ކޮބައިކަން ދިވެހިން ބަލައިގަތުމަށް އެބޭފުޅާގެ އެންމެ ގާތުގައި ތިއްބަވާ ބޭފުޅުން ދައްކަވަމުން ގެންދެވީ އެއީ ގަޓު ރައީސެކޭ. ގަޓުކަން ދެއްކެވުމަށް މި ކުރައްވާން ޖެހިވަޑައިގަންނަވާ ކަމަކީ ހަގީގަތުގައި އަމިއްލަ ގައިގައި ވަޅި އެޅުން. ގަޓު ކަމުންގޮސް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގަޓު ކަމުން ފުރަތަމަ އަމިއްލަ ބޭބޭފުޅު ޖަލަށްލެއްވީ ކަމަށާއި، ދެން ޖެހިގެން އިން ގޮޅިއަށް އަމިއްލަ އަށް ބޮޑުބޭބެކިޔާ ބޭފުޅާ ލެއްވީ ކަމަށެވެ.

"ދެން ގަޓުކަމުންގޮސް ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ހިފާ ހައްޔަރު ކުރީ. ރައީސް ޔާމީންގެ ހުދުމުހުތާރު ބާރު އެއްކުރުން ދިވެހިން ބަލައެއް ނުގަތް. އެހެންވީމާ ދިވެހިން ރައީސް ޔާމީނަށް ނޫނެކޭ ބުނީ. މިއަދު ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަންޖެހޭ. ނޭވާ ހައްޓައް ނުފެތިގެން އުޅުއްވާނެ ކަމެއް ނެތް. ތިމަންނާއަކަށް ނޭވާ ލެވޭކަށްނެތޯ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް، އަނެއްކާވެސް ވަރަށް ރަނގަޅަށް ނާޖާއިޒު ފައިދާއެއް ނެގުނީމާ ނޫނީ،" ނަޝީދު ވިދާޅުވި އެވެ.