ވިޔަފާރި

ސަރުކާރުން ލޯނު ތަކަށް 315 މިލިއަން ރުފިޔާ ދައްކައިފި

ސަރުކާރުން ނަގާފައިވާ ލޯނު ތަކަށް ނިމިދިޔަ ހަފުތާގެ ނިޔަލަށް 315 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ނިމިދިޔަ ހަފުތާގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ހަފުތާގެ ނިޔަލަށް ލޯނުތަކަށް ވަނީ 315 މިލިއަން ރުފިޔާ ދައްކާފަ އެވެ. މި އަހަރުގެ ބަޖެޓުގައި ލޯނުތަކަށް އަނބުރާ ދެއްކުމަށް ޖަހާފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.

މި އަހަރު ލޯނު ދައްކަން ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ނިމިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި ވަަރަށް ބޮޑުތަން ވަނީ އިތުރުވެފަ އެވެ. ދައުލަތުގެ ދަރަނީގެ ރިޕޯޓުގައިވާ ގޮތުން 2016 އިން 2018 އަަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި 18.2 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 40 އަހަރު ތެރޭ ސަރުކާރުން ނަގާފައިވާ 57 ލޯނަކަށް ދަނީ ފައިސާ ދައްކަމުންނެވެ. މިގޮތުން 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމަ އަށް 99 ލޯނެއް ވަނީ ނަގާފަ އެވެ. މިގޮތުން އެންމެ ގިނަ އިން ލޯނު ނަގާފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޭޝިއަން ޑިވެޕޮލްމެންޓް ބޭންކް (އޭޑީބީ) އިންނެވެ.