ދުނިޔެ

ނަތީޖާ އޮޅި ތުރުކީ އިންތިހާބު ކާމިޔާބުވެއްޖެކަމަށް ދެކޮޅުން ވެސް ބުނެފި

Apr 4, 2019

އަންކާރާ (އޭޕްރީލް 4) - ތުރުކީގެ ލޯކަލް އިންތިހާބުގައި ވޯޓު ގުނުމުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ނަތީޖާ އޮޅި، ދެ ފަރާތުންވެސް އިންތިހާބު ކާމިޔާބުވެއްޖެކަމަށް ބުނެފި އެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން، އިސްޓަންބުލްގެ އާ މޭޔަރަކަށް 25،000 އަށް ވުރެ ގިނަ ވޯޓުން އިންތިހާބުވެފައިވަނީ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓެވެ. ނަމަވެސް، ރަޖަބު ތޮއްޔިބު އުރުދުގާނުގެ ވެރިކަންކުރާ ޕާޓީން ވަނީ އިންތިހާބު ކާމިޔާބުވެއްޖެކަމަށް ބުނެ ޝުކުރުގެ ޕޯސްޓަރުތައް ހަރުކަރުން ފަށައިފަ އެވެ.

އެކަމާއި ގުޅިގެން، ވެރިކަންކުރާ އޭކޭ ޕާޓީންވަނީ އިސްޓަންބުލްގެ ވޯޓުތައް އަލުން ގުނަން އެދިފަ އެވެ. ގިނަ ސަރަހައްދުތައް އޭކޭ ޕާޓީން ކާމިޔާބުކުރި ނަމަވެސް، އިސްޓަންބުލްގެ އިތުރުން ވެރިރަށް އަންކާރާ އާއި، އިޒްމީރުވެސް ވަނީ ގެއްލިފަ އެވެ.

ތުރުކީގެ 57 މިލިއަން މީހުން ނުކުމެ ވޯޓުލާފައިވަނީ އެގައުމުގެ އެކި ސަރަހައްދުތަކުގެ މޭޔަރުންނާއި ކައުންސިލަރުން އިންތިހާބު ކުރުމަށެވެ. މި އިންތިހާބަކީ، ސީދާ އުރުދުގާނަށް ތާއީދުއޮތް މިންވަރު ހާމަވެގެންދާނެ އިންތިހާބެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އަންކާރާގެ އިތުރުން، އިސްޓާންބުލްވެސް އުރުދުގާނުގެ އޭކޭ ޕާޓީއަށް ގެއްލިއްޖެނަމަ، އެއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެ ޕާޓީއަށް ކުރިމަތިވާނެ އެންމެ ބޮޑު ނާކާމިޔާބީ އެވެ. މިއީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އުރުދުގާނު ނެންގެވުމުގެ ފަހުން އެމަނިކުފާނަށް ކުރިމަތިވި ފުރަތަމަ މުނިސިޕަލް ވޯޓެވެ. އުރުދުގާނަށް މީގެ ކުރިން ތާއީދުކުރަމުން އައި ގިނަ ބަޔަކު ތިބީ، ތުރުކީއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގައި، މަތިވަމުން އަންނަ އަގުތަކާއެކު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.