ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ. އޭނާ، ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރީ ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުން 2015 ވަނަ އަހަރު އެވެ.
ނައިބު ރައީސް ކަމުގެ ވޯޓު މަޖިލީހުގައި ނެންގެވިއިރު ޖަމީލު ހުންނެވީ ގައުމު ދޫކުރައްވައި ވަޑައިގެންނެވެ. އިތުބާރު ނެތް ކަމުގެ މައްސަލައަށް އޭނާ ޖަވާބުދާރީވެވަޑައިނުގަންނަވަ އެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް އާއި އެމްޑީޕީގެ މެންބަރުން ވެސް ވޯޓު ދިނެވެ.
ޖަމީލު ވަކިކުރުމަށްފަހު ނައިބު ރައީސް ކަމުގެ މަގާމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނަ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސުން މަގާމުން ވަކި ކުރެވޭނެ އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ މަގާމު ދުރުކުރުމަށް ވޯޓު ނަގާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ޖަމީލު ވިދާޅުވި ގޮތުގައި އެ މައްސަލައަށް ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވަނީ ގާނޫނު އަސާސީގައި ބުނާ ފަދައިން ވެރިކަން ކުރުމުގެ ބާރުގެ ރައްކާތެރިކަމަށެވެ. އަދި އިންތިހާބުވާ ރައީސުންނާއި ނައިބު ރައީސުންގެ ތަގުދީރު ކޮރަޕްޝަނާއި ރިޝްވަތު ނަގައިގެން ނަގާ ވޯޓެއްގެ މައްޗަށް ބިނާވެފައި އޮންނަ އޮތުން ނައްތާލުމަށް ކަމަށެވެ.