ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ފިލްމެއް ރިލީޒް ނުވާތާ ދުވަސްކޮޅެއް ވެފައެވެ. އެންމެ ފަހުން ނިކުތް ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާއިރު، ސައިފްގެ ރަނގަޅު ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ.
ބަތަލާ ކެޓްރީނާ ކައިފް އާއިއެކު ލީޑްރޯލުން ފެނިގެންދާ ޑައިރެކްޓަރު ކަބީރް ޚާންގެ "ފެންޓަމް" ގެ ޝޫޓިން ނިމި، ރިލީޒް ކުރަން އަންނަނީ ތައްޔާރު ވަމުންނެވެ.
މީގެ އިތުރުން ވެސް ސައިފް ވަނީ ޑައިރެކްޓަރު ސަމީރް ޝަރްމާގެ "ޖުގަލްބަންދީ" އާއި ވިޝާލް ބަރްދްވާޖްގެ 'ރަންގޫން" އަށް ސޮއި ކޮށްފަ އެވެ.
ސަލްމާން ޚާން ފިލްމްސް އިން ޕްރޮޑިއުސްކުރާ ތިން ވަނަ ފިލްމު "ޖުގަލްބަންދީ" ގައި ސައިފް އާއިއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ސަލްމާން އާއި ގާތްގުޅުމެއް އޮންނަ މީގެ ކުރިންވެސް ސައިފް އާއިއެކު "ރޭސް 2" އިން ފެނިގެންގޮސްފައިވާ ޖެކުއަލީން ފެނާންޑޭޒް އެވެ.
ކުރިން މިރޯލު ކުޅުމަށް ޕަރިނީތީ ޗޯޕްޅާއަށް ހުށަހަޅާފައިވީ ނަމަވެސް، މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ބާބާ ސިއްދީގީގެ އިފްތަރް ޕާޓީ ތެރޭގައި ސަލްމާން ވަނީ ޖެކުއަލީން މިރޯލު ކުޅުމަށް ހަމަޖައްސާފަ އެވެ.
އެންމެފަހުން "ކިލް ދިލް" އިން ފެނިގޮސްފައިވާ ޕަރިނީތީ ޗޯޕްޅާ އަށް މިރޯލު ހުށަހެޅިކަމުގެ އަޑުތަކެއް އެރިކަމުގައި ވިޔަސް، މިވަގުތު ޕަރިނީތީ ހުރީ ކުޅޭނެ ފިލްމެއް ނެތިި ހުސްކޮށެވެ. އެގޮތުން ޖެކުއަލީން މިހާރު މިފިލްމުގެ ސްކްރިޕްޓް ކިޔާފައިވާއިރު، އަންނަނީ އޭނާގެ ޓީމް އާއިއެކު މިފިލްމަށް ވަގުތު ދެވޭނެ ދުވަހެއް ބަލަމުންނެވެ
އަކްޝޭ ކުމާރު އާއި ސިދާތް މަލްހޯތުރާ އާއިއިއެކު ޖެކުއަލީން ފެނިގެންދާ "ބްރަދާސް" ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު "ޑިޝޫމް" އާއި "ފްލައިން ޖެޓް" އަދި "ހައުސް ފުލް 3" ގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
"ޖުގަލްބަންދީ' އަކީ މިއުޒިކްގެ މައްޗަށް އުފައްދާ ފިލްމަކަށްވެފައި، މިފިލްމުގައި ގިނަ ލަވަތަކެއް ހިމެނޭއިރު ސައިފް އޭނާގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރު އާއިއެކު ލަވައަކުން ފެނިގެންދާނެ ކަމަށްވެ އެވެ.
މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނައަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ލަންޑަންގަ އެވެ.