ހަބަރު

ވޯޓްލާން ރިޝްވަތު ދޭތީ އޭސީސީއިން މައްސަލަ ފުލުހަށް ހުށަހަޅައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ރިޝްވަތުގެ އަމަލުތައް ހިންގަމުންދާތީވެ އެކަންކަން ހުއްޓުވައިދިނުމަށްއެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ފުލުހުުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

އިންތިހާބުތަކާއިބެހޭ އާންމު ގާނޫނުގައިވާ ގޮތުން އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރުމުން އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ނުވަތަ އެނޫން ގޮތަކަށްވެސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އޭސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ
ގޮތުގައި ފައިސާ ހުށަހަޅަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އިންތިހާބާއި ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށާއި އެފަދަ ޢަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން އެކޮމިޝަނުން ޕޮލިހުންގެ އެހީތެރިކަމަށް އެދިފަވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އޭސީސީ އިން ބުނީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް ނުވަތަ އެެހެންވެސް އެއްޗެއް އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެކަމުގެ މައުލޫމާތު ކޮމިޝަނަށް ފޯރުކޮށްދިނުމަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވޯޓަށް އަސަރުކުރާނެ ފަދަގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް ހިނގަން އުޅޭކަމުގެ ނުވަތަ ހިނގާފައިވާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެ ކޮމިޝަނަށް ރިޕޯޓްކޮށްދިނުމަށްވެސް އެދޭ ކަމަށެވެ.

ބަޔާނުގައި އިތުރަށް ވަނީ، އިންތިހާބާއި ގުޅިގެން ހިނގައިފާނެ ކޮރަޕްޝަން އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މި ކޮމިޝަނުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ.