ހަބަރު

މަނާ ގަޑީ ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނަން: އީސީ

މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ކުރިޔަށް ގެންދާ ކެމްޕެއިންތައް މިއަދު އިރުއޮއްސި 6:00 އަކަށް ގާނޫނީ ގޮތުން ބަންދުވާއިރު އޭގެ ފަހުން ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ކުރިޔަށް ގެންގޮސްފިނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު 6:00 އަކަށް ހުރިހާ ކެމްޕެއިންތައް ނިންމާލަން ޖެހޭނެ ކަމަށާއި އެ ވަގުތުގެ ފަހުން ސިއްރާއި ފާޅުގައި ވެސް އެއްވެސް ކެންޑިޑޭޓަކު ކެމްޕެއިންކޮށްގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާކަން އެނގިއްޖެ ނަމަ އެ ކެންޑިޑޭޓެއްގެ މައްސަލަ ކޮމިޝަނުން ބަލާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ގާނޫނުގައިވާ ގޮތުން ކެމްޕެއިން ކުރަން އޮންނަ އެންމެ ފަހު ވަގުތަކީ އިންތިހާބު އޮންނަ ދުވަހު ނޫން އޭގެ ކުރީ ދުވަހުގެ ހަވީރު 6:00ގެ ނިޔަލަށް، އެހެންވެ މިއަދުގެ އެ ވަގުތު ކެމްޕެއިން ކުރުން ނިމެންވާނެ، އަދި އޭގެ ފަހުން އެއްވެސް ކެންޑިޑޭޓަކު ކެމްޕެއިން ހަރަކާތް ކުރުމަކީ ގާނޫނީ ގޮތުން ކުށެއް،" އަކްރަމް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފަަށާނީ މާދަމާ 8:00 ޖަހާއިރެވެ. އަކްރަމް ވިދާޅުވީ އެ ވަގުތަށް ކޮންމެ ބޭފުޅަކު ވެސް ވޯޓުލުމުގެ ހައްގު ބޭނުން ކުރަން ނަސޭހަތްތެރިވާ ކަމަށެވެ. އަދި އީސީ އިން ވަނީ އިންތިހާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައި ކަމަށާއި ވޯޓުލުން ވަރަށް އޮމާންކަމާއެކު ކުރިޔަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހަކާއެކު ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އިތުރު ފާހަގައެއް ޖަހައިފި ނަމަ އެ ވޯޓު ބާތިލުވެ އެވެ. އަކްރަމް ވިދާޅުވީ އެކަމަށް ސަމާލުވުމަށް ވޯޓުލާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

"އިންތިހާބު ގާތްވެފައި ވަނިކޮށް ގާނޫނުތަކަށް މިފަދަ ބޮޑެތި ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން، ނަމަވެސް މިހާރު އެ ބަދަލު އައިސްފައިވުމާއެކު އެކަމަށް ސަމާލުވެ ރައްޔިތަކު ބޭނުންވާ ކެނޑިޑޭޓަ ދިމާލުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ވޯޓު ކަަރުދާހުގައި ނުޖަހަން އިލްތިމާސް ކުރަން،" އަކްރަމް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.