މިއީ އަހަރުގެ އެއްކަލަ ދުވަސްވަރެވެ. ރޯދަމަސް ގާތްވެ މުޅި ގޭގެ އެކި އެކި ރިނޮވޭޝަންއާއި ފަރުނީޗަރާއި ހިފާ ގެންގުޅޭ އެއްޗެހި އެއްކޮށް ބަދަލުކުރާ ދުވަސްވަރެވެ. ރޯދަމަހާއި ދިމާކޮށް ގޭތެރެ ތަރުތީބު ކުރުމުގެ އާދައަކީ ޒަމާނުއްސުރެ ދިވެހިންގެ އާދައެކެވެ. ކުރިން މި އޮންނަނީ ގޭތެރެއަށް ދޮންވެލި ލުމާއި، ފުރާޅު ސާފު ކުރުމާއި އުނދޯލިތައް ދޮވުމާއި މުޅި ގޭތެރެ އާއި ތަޅުން ވެސް ފެންޖަހައިގެން ދޮވުމެވެ. ރޯދައަށް ތައްޔާރުވުމަށް ހަވާދާއި އަސާރައެޅުމުގެ މަސައްކަތާއި ރަށްރަށުން ހޯދާ ހާއްސަތަކެތި ހޯދާ ތައްޔާރު ވެއެވެ. މިއާ ހިލާފަށް މިހާރު ރޯދައާ ދިމާކޮށް ގިނަ މީހުން ބަދިގެތަކަށް ހާއްސަ ރިނޮވޭޝަން ޕްރޮޖެކްޓްތަށް ހިންގައެވެ. ކުރާކަންތައް ބަދަލުވި ކަމުގައި ވިއަސް މި ސަގާފަތް އެބައޮތެވެ.
ރޯދަމަހަކީ އަހަރުމެން އެންމެންވެސް ބަދިގެއާއި ވަރަށް ރަށްޓެހި ދުވަސްވަރެކެވެ. ހާއްސަ ރެސިޕީތަށް ނަގާ ހިރަފުސް ފޮޅާލާ ދުވަސްވަރެވެ. މި ސަބަބާއި ހެދި ބަދިގޭގައި މަރާމަތު ކުރުމަށް ހުރި ތަންތަނާއި އާކުރަންވާ އެއްޗެހި ރޯދައާއި ދިމާކޮށް ހޯދުމަކީ އަހަރުމެންގެ އާދައެކެވެ. ރޯދަ އެލަވަންސް ގިނަ ފަހަރަށް ހޭދަ ކޮށްލަނީ ކޮންމެވެސް ކަހަލަ އަވަނެއް، އެއާ ފްރަޔަރެއް ނުވަތަ މޮޅު ބެލެންޑަރެއް ހޯދާށެވެ.
ރޯދަމަހާއި ދިމާކޮށް ދެން އާ ކުރަނީ ގޭގެ ފަރުނީޗަރެވެ. ރާއްޖޭއަށް ވޭތުވެ ދިޔަ އަހަރު އެކަނިވެސް 138.3 މިލިއަން ޑޮލަރުގެ ފަރުނީޗަރާއި ފިޓިން އެތެރެކޮށްފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތައް ދައްކަ އެވެ.
މިއީ ބޮޑެތި ފަރުނީޗަރު ވިއްކާ ތަންތަނުން ތަފާތު އެކި ނަންނަމުގައި ބޮޑެތި ސޭލްތައް ފަށާ ދުވަސްވަރެވެ. ފަރުނީޗަރަށް ބަލާއިރު ގޭތެރޭއަށް ބޭނުންވާ ސޯފާ ސެޓާއި ކާ މޭޒާއި އަދި ބަދިގެ ކަބަޑު ސެޓް އާ ނުކޮށްލާ ހިތްހަމަ ނުޖެހެނީ އެވެ. އަދި ރީޓެއިލުންގެ ފަރާތުން ލިބޭ ރަނގަޅު ޑީލްތައް ބޭނުންނުކޮށް ދޫނުކޮށްލެވީނީ އެވެ.
ގޭތެރެ ރީތި ކުރަން ކުލަލުން މިއީ ވެސް ރޯދައަށް ތައްޔާރުވުމުގެ އެއްބައެވެ. ގޭގައި މިކަހަލަ މަސައްކަތެއް އޮވެއްޖެނަމަ ގޭގެގެ ކުދިބޮޑު އެއްމެން ބައިވެރިވެ ކުލާ ލައި ނިންމާ މޫދަށްގޮސް އުޅުނު ދުވަސްވަރެއް ވެސް ދިޔައެވެ. މި ސަގާފަތަށް މިހާރު ބޮޑު ބަދަލެއް އައިސް މިހާރު ގޭގެ ކުޑަތަންކޮޅެއްގައި ކުލަލުމަށް ވެސް ކޮންމެވެސް ބިދޭސީ ބަޔަކާ ހަވާލުކުރުން މިއީ މިހާރު އޮންނަ ގޮތެވެ.
ރޯދަމަހު ކާބޯތަކެތި ރައްކާ ކުރުމަށް ވެސް ޕްލާސްޓިކް ކޮންޓެއިނަރާއި ތެލި ތަށި އާ ކުރުމަކީ އަހަރުމެން ކޮށް އުޅޭ ކަމެކެވެ. މި ސަގާފަތް ދަމަހައްޓާނަމަ ވިސްނަންވީ ކާ އެއްޗިހި ރައްކާ ކުރަން ކޮލިޓީ ބިއްލޫރި ނުވަތަ މުށިން ހަދާފައި ހުންނަ އެއްޗެހި ހޯދާށެވެ. ޕްލާސްޓިކްގެ ބަދަލުގައި މި ފަދަ ތަކެތީގައި ކާބޯތަކެތި ރައްކާކުރުމުން ކާބޯތަކެތީގެ ތާޒާކަން ދަމަހައްޓާ ރަހައަށްވެސް ބަދަލު އައުމެއް ނޯވެއެވެ.
ރޯދަމަހަށް ބޭނުންވާ ތަކެތި ގަތުން އޮންނަނީ ރޯދަ އިނާޔަތާއި އެކުގައިވީ ނަމަވެސް މިހާރުވެސް މި މަސައްކަތް ބައެއްގޭގައި ފަށައިފިއެވެ. މީގެ އިތުރުންވެސް ރޯދައަށް ބޭނުންވާ ހަވާދު ހެދުމާއި، ހާރުކެއުމަށް ރަށްރަށުން ހާއްސަކޮށް ހޯދާ ރިހާކުރުފުޅިތަކާއި އަސާރައިގެ އޯޑަރުތައް ވެސް ރޯދައާއި ގާތްވުމުން އިހެކޭ އެއްގޮތަށް މިހާރުވެސް އޮވެއެވެ.
ރޯދަމަހަށް ގޭތެރެ ހަމައަކަށް އެޅުވުމަކީ މުޅި އާއިލާއަށް ހިތްހަމަޖެހުން ގެންނާނެ ކަމެކެވެ. ސާފުކޮށް ތަރުތީބު ކުރުމުން މީހާއަށް ހިތްހަމަޖެހުން ގެނެސްދެއެވެ. ގޭތެރޭ ހަމައަކަށް އަޅުވާ ނިމުމަށްފަހު ރޯދަމަހަށް މަރުހަބާ ކިއުމަށް ދެން މި އޮންނަނީ މާހެފުމުގެ ސީޒާން ފެށުމެވެ.
ރޯދަމަހަށް ފުރިހަމައަށް މަރުހަބާ ކިޔަން މި އޮންނަނީ އާއިލާއާއި ރައްޓެހިންނާއި އަދި އޮފީސް މީހުންނާއި އެކު ގަދަ މާހެފުމެއް ބާއްވާލުމުގެ ސަގާފަތެކެވެ. މާހެފުމަށް އަދިވެސް ބޮޑަށް ހިންގަނީ ދިވެހިވަންތަ ކެއުމެވެ. ދިވެހި ރަހަތަކާއިއެކު މާހެފުމެއް ގޭގައި ނުވަތަ އޮފީހުގައި ބާއްވާ ނުލާ ރޯދަމަސް ފަށާކަށް ބޭނުމެއް ނުވެއެވެ. ކުރިން މި މާހެފުންތަކުގައި ގޭގައި ހަދާފައި ހުންނަ ތަކެއްޗާއި އެކު އާއިލާއާއި ހުރިހާ ރައްޓެހިންނާއި އެކު މާހެފި ކަމުގައިވިއަސް މިފަހަކަށް އައިސް ހޮޓާ ކެފޭތަކުން މިކަމަށް ތައްޔާރު ކުރާ ހާއްސަ މެނޫތައް ވެސް ވަރަށް ހިނަގައެވެ
ރޯދަމަސް ބޯމަތިވަމުން އަންނަ އިރު މި ރޯދައަށް ތައްޔާރުވުމަށް މިހާރުންސުރެ މިކަމާއި އުޅެންވީ އެވެ. ފަހު ވަގުތު މާ ގިނަ ކަން ކަން ކުރުމަށް ބެހެއްޓުމަށްވުރެ ދުރާލާ ރާވަލައިގެން މިކަންވެސް ކޮށްނިންމާލަންވީއެވެ. 1440 ވަނަ އަހަރުގެ ރަމަޟާން މަހަށް ދެން އޮތީ ބަރާބަރު އެއްމަސް ދުވަހެވެ.