ވިޔަފާރި

ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ދައްކައިފި

ޓޫރިސްޓުންނަށް ހިދުމަތް ދޭ، ސަފާރީތަކާއި އެ ފަދަ އުޅަނދުތަކުން ފެބްރުއަރީ މަހު ގްރީން ޓެކްސް ގޮތުގައި ތިން މިލިއަން ރުފިޔާ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ދަނީ މާޗް މަހުން ފެށިގެން ގްރީން ޓެކުހުގެ ގޮތުގައި ޖަމާވާ މައުލޫމާތު ވަކިން އާއްމު ކުރަމުންނެވެ. "ގްރީން ފަންޑު" ގެ ނަން ދީފައިވާ މި ފަންޑަށް ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ 80 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކުން މި މުއްދަތުގައި 73 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި ހޮޓާތަކުން ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން ރަށު ގެސްޓްހައުސްތަކުން 2.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ގްރީން ޓެކުހުގެ އާމްދަނީ އެންމެ ގިނައިން ލިބިފައިވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގެ ރިސޯޓުތަކުން 26 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހޮޓާތަކުން 160,020.12ރ. ލިބިފައިވެ އެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުން 849,794.54ރ. ވަނީ ލިބިފަ އެވެ. އެގޮތުން 27 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކުސް ނަގަނީ ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަތުން ތިން ޑޮލަރެވެ. އަދި ރިސޯޓުތަކުގައި ތިބޭ މީހުންގެ އަތުން ހަ ޑޮލަރެވެ.

ސަފާރީތަކުން ތިން މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދެއްކިއިރު، މިދިޔަ އަހަރު ސަފާރީ ތަކުން ވަނީ 3.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 58 މިލިއަން ރުފިޔާ) ގްރީން ޓެކުހުގެ ގޮތުގައި ދައްކާފަ އެވެ. ރާއްޖޭގައި 151 ސަފާރީ ދުއްވާއިރު ސަފާރީތަކުގައި 2000 އަށްވުރެ ގިނަ އެނދު ހުރެ އެވެ.