އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާބުން ފާހަގަ ކޮށްލެވުނު އެއް ކާމިޔާބީއަކީ ދެ ދެމަފިރިކަނބަލަކު ހޯއްދެވި ކާމިޔާބީ އެވެ. އަންނަ މަޖިލީހުގައި ދެ ދެމަރިފިކަނބަލަކު ތިއްބަވާނެ އެވެ.
އެއީ، މިހާރު ވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން މުހައްމަދު ނާޝިޒާއި ގާނޫނީ ވަކީލް ހިސާން ހިސެއިންނާއި އޭނާގެ ފިރިކަލުން އިބްރާހިމް ނާޒިލެވެ. ހަތަރު ބޭފުޅުންނަކީ ވެސް އެމްޑީޕީގެ ޓިކެޓްގައި ޕްރައިމަރީ ކާމިޔާބު ކުރައްވައި އެމްޑީޕީގެ ޓިކެޓްގައި އިންތިހާބަށް ނުކުމެވަޑައިގެންނެވި ބޭފުޅުންނެވެ.
އިބްރާހިމް ނާޒިލް ކާމިޔާބު ކުރައްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އެވެ. ހިސާން ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ތުޅާދޫ ދާއިރާގެ ގޮނޑި އެވެ.
އައްޑޫ މީދޫ ދާއިރާގެ ގޮނޑި ރޮޒައިނާ ދިފާއު ކުރެއްވިއިރު ނާޝިޒް ކާމިޔާބު ކުރެއްވީ ކިނބިދޫ ދާއިރާގެ ގޮނޑި އެވެ. މީގެކުރިން ވެސް ނާޝިޒް ކިނބިދޫ ދާއިރާއަށް ވާދަ ކުރެއްވި އެވެ. ނަމަވެސް އެ އިންތިހާބުގައި ކާމިޔާބެއް ނުވި އެވެ.
ހަތަރު ބޭފުޅުންނަށް ވެސް އިންތިހާބުގައި ކާމިޔާބީ ހާސިލް ކުރެވިފައިވާއިރު ރޮޒައިނާ އާއި ހިސާންއަކީ ވެސް އެއް އާއިލާއެއްގެ ދެ ބޭފުޅުންކަން ފާހަގަ ކޮށްލެވެ އެވެ.