ހަބަރު

މަޖިލިސް 19: އަންހެނުންގެ އަދަދު މަދުވިޔަސް އަޑު ގަދަވާނެކަމުގެ އުއްމީދު

މި ފަހަރުގެ އިންތިހާބާ ދިމާކޮށް ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންގެ ހިއްސާ ބޮޑު ކުރަން ކެނޑިނޭޅި ގޮވާލާ އަޑު އިތުރަށް ގަދަވި އެވެ. ފިރިހެނުންނަށް ވުރެ ރޭހުގެ މާ ފަހަތުން ފަށައިގެން ސިޔާސީ މައިދާނަށް ނުކުންނަން އޮންނަ ހުރަސްތައް އެންމެ ސާފުކޮށް ފެންނާން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ނަޒަރު ހިންގާލުމުން ކަމަށް ބުނެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 23 އަންހެން ކެނޑިޑޭޓުން ވާދަކޮށްގެން އިންތިހާބުވީ ފަސް ކެނޑިޑޭޓުންނެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް މެމްބަރުން ހޮވަން މިދިއަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ލިބުނީ އިތުރު މާޔޫސް ކަމެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، 19 ވަނަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރެއްވުނީ ތުޅާދޫ ދާއިރާގެ ހިސާން ހުސެއިން އާއި ހިންނަވަރު ދާއިރާގެ ޖީހާން މަހުމޫދާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމަށެވެ. މިފަހަރު "ރެކޯޑް" އަދަދެއް ކަމަށްވާ 37 އަންހެން ކެނޑިޑޭޓުން ވާދަ ކޮށްގެން ހޮވުނީ އެންމެ ހަތަރު މެމްބަރުންނެވެ. އެއީ 87 މެމްބަރުންގެ މަޖިލީހެއްގެ އެންމެ 4.5 ޕަސެންޓެވެ.

ހޮނިހިރު ދުވަހުގެ ނަތީޖާއިން، މަޖިލީހުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ހާއްސަކުރަން ވަކާލާތުކުރާ ފަރާތްތަކަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އާންމު އުސޫލުގެ މަތިން އެ ޝުއޫރުތައް ބަންޑުންވެފައި ވަނީ ސޯޝަލް މީޑިއާ އަށެވެ.

ޑިފެންސް މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން މަޖިލިހުން އިސްތިއުފާ ދެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވަނީ އިންތިހާބުވެ ވަޑައިގެންނެވި ހަތަރު އަންހެން ބޭފުޅުންނަށް މަރުހަބާ ދަންނަވަމުން އެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ނިސްބަތްވާތީ ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

"ނަމަވެސް، މިފަހަރު އެންމެ ހަތަރު އަންހެނުން މަޖިލީހަށް ހޮވުމަކީ އަހަރެން ފަހުރުވެރިވާ ކަމެއް ނޫން،" ރާއްޖޭގެ ތާރީހުގައި ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު އަދި ފުރަތަމަ އަންހެން ގާނޫނީ ވަކީލް މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިފަހަރު މަޖިލީހުގައި އަންހެނުންގެ ޕަސެންޓް ފަހަކަށް ވެސް ނާރާ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވެސް ޓްވިޓާގައި ފާހަގަ ކުރެއްވި އެވެ.

މި މައްސަލަ ހައްލު ކުރަން މަޖިލީހުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ނަމަވެސް، އެކަން އެގޮތަށް ކުރެވެންދެން މިވަގުތަށް، އެ ދެ މިނިސްޓަރުން ވެސް ވިދާޅުވި ފަދައިން، މިފަހަރު އިންތިހާބުވި ހަތަރު މެމްބަރުން އެކުގައި، އެއް އަޑަކުން އަންހެނުންގެ ހައްގުތަކަށާއި ކުރިމަތިވެފައިވާ ގިނަ ހުރަސްތައް ނައްތާލަން މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރައްވާނެ ކަމުގެ އުއްމީދެވެ.