ހަބަރު

މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބު ވެފައިވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަކަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި، އިންތިހާބުވި އެމްޑީޕީގެ ޕާލިމަންޓް މެންބަރުންގެ ތެރޭގައި އެކަމަށް ގާބިލް ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އެގޮތުން ނަޝީދު ވަނީ ހިތަދޫ އުތުރުދާއިރާއަށް އިންތިހާބުވެފައިވާ މުހައްމަދު އަސްލަމްގެ ނަން ފާހަގަކުރައްވާފަ އެވެ. ނަޝީދުގެ ޝައުގުވެރިކަން މަޖިލީހުގެ ރައީސް ކަމަަށް ވަޑައިގަތުމަށް ނެތްކަމުގައިވީ ނަމަވެސް، އެމަނިކުފާނު ވަނީ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގައި ތިއްބަވާނީ އެމްޑީޕީގެ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކަށް މަދު ގޮނޑިތަކެއް ކާމިޔާބުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އެމްޑީޕީންވެސް ވަނީ މީގެ ކުރިން މަދު މެމްބަރުންނާއެކު ވެސް މަޖިލީހުގައި ވަރަށް ވަރުގަދަޔަށް މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އާ މަޖިލީހުގައި ވެސް ކުރަން ޖެހޭނެ ކަމަށާއި، ވާދަވެރި އޮޕްޒިޝަންއެއް އޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ރާއްޖޭގެ ރައްޔިތުންގެ އުމްމީދުތައް ސާފުވެގެންދިޔަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ހަޔާތުގައިވެސް އެފަދަ ނަތީއްޖާއެއް ފެނިފަ ނުވާ ކަމަށާއި، އާގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި އެއްވެސް މަޖިލިސް އިންތިހާބެއްގައި އެއްޕާޓީއަކަށް ރައްޔިތުން މެޖޯރިޓީ ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވަރަށް ގިނަ އިންތިހާބުތަކެއްގައި ވާދަކޮށްފައިވާ ޕާޓީއެއް ކަމަށާއި، އިންތިހާބުތައް ކާމިޔާބުކުރުމުގެ ގާބިލްކަން އެޕާޓީގައި ހުންނާނެ ކަމަށެވެ. އަދި އިންތިހާބެއްގައި އެންމެ މުހިންމު ކަމަކީ ކުރަން އުޅޭކަމެއް ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުން ކަމަށާއި އެމްޑީޕީން އިންތިހާބަށް ނިކުތީ، ސަރުކާރުންވެފައިވާ ވައުދުތަކާއި، އެޖެންޑާ 19 އާއެކު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެެންމެ މުހިންމު ކަމަކީ ރައްޔިތުން ބޭނުންވާކަންކަން ކޮށްދިނުން ކަމަށާއި، އެެޖެންޑާ 19 ގައި ހުރި ހުރިހާ ކަމެއް ރައްޔިތުން ބޭނުންވާކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުން ހާޒިރު ކުރަން ޖެހެނީ ވަކި މައްސަލައެއް ދިމާވުމުން އެކަނި ނޫން ކަމަށާއި، އެކަމަކީ އުސޫލެއްގެ ގޮތުން ކުރަންޖެހޭ ކަމަކަށް ހަދައި އަބަދުވެސް އެ މުއައްސަސާތަކުން ކުރަމުންގެންދާ މަސައްކަތްތަށް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބަލަމުންގެންދަން ޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މިފަހަރު މަޖިލީހުން އެ ތަފާތު ދައްކާނެ ކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވި އެވެ.