ރިޕޯޓް

ތަފާތެއް ދައްކަން އެމްޑީޕީއަށް މިއީ ރަނުގެ ފުރުސަތެއް!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އަދި އިއުލާންކޮށްފައިނުވި ނަމަވެސް ގާތްގަނޑަކަށް މިވަނީ މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅުން ޔަގީންވެފަ އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބަކީ އެތަށް ގޮތަކުން ތަފާތު އިންތިހާބެކެވެ. އިންތިހާބުގެ ކުރިން ހިނގައިދިޔަ ކަންކަމާއި، އިންތިހާބަށް ދުވަސްކޮޅަކަށްވެފައިވަނިކޮށް، ހިނގައިިދިޔަ ކަންކަމުގެ އިތުރުންވެސް އިންތިހާބުގެ ނަތީއްޖާއަކީ މި އިންތިހާބު ތަފާތުވާ ސަބަބުތަކެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ރާއްޖޭގައި މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓް ދީފައިވަނީ މި އިންތިހާބުގަ އެވެ. މި އިންތިހާބުގައި ޖުމްލަ 212079 މީހުން ވަނީ ވޯޓްލާފަ އެވެ.

އިންތިހާބުގެ ނަތީއްޖާދައްކާ ގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައްޔިތުން މިވަނީ އެއްޕާޓީއަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައެެވެ. އަދި ދީފައިވަނީވެސް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ އަށެވެ. އިންތިހާބުގެ ނަތީއްޖާ ދައްކާ ގޮތުން އެމްޑީޕީއަށް 65 އަކަށްވުރެ ގިނަ ގޮނޑި މިވަނީ ކާމިޔާބު ކުރެވިފަ އެވެ. އެކަމަކީ ރިސްކީ ކަމެއް ނަމަވެސް ރައްޔިތުން ތިބީ އެމްޑީޕީގެ "ހެޔޮ ވެރިކަން" ބަލާލާ ހިތުން ކެތްމަދުވެފަ އެވެ. މި ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ނަމަވެސް މަޖިލީސް އިންތިހާބުގެ ނަތީއްޖާއާއެކު އެ ކޯލިޝަންގެ އެއްވެސް ބޭނުމެއް މަޖިލިހުގެ ތެރެއިންނެއް އެމްޑީޕީއަކަށް ނުޖެހޭނެ އެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެވޭ މިންވަރަށް އެމްޑީޕީއަށް މިވަނީ ގޮނޑިވެސް ލިބިފައެެވެ. އެހެން ކަމުން އިތުރު ޕާޓީތަކުގެ އެހީއެއް އެމްޑީޕީން މަޖިލީހުގެ ތެރެއިން ކުރަން ބޭނުންވާކަންކަމަށް ބޭނުމެއް ނުވާނެ އެވެ.

އެމްޑީޕީގެ މި ސަރުކާރު ވުޖޫދަށް ގެނައުމުގައި ރައްޔިތުންނަށް ވެފައިވާ ވައުދު ތަކާއި، އެމްޑީޕީން މަޖިލީހުގެ އިންތިހާބުގައި ވިއްކަމުން އައި "އެޖެންޑާ19" ގައި ހުރި ކަންކަން ތަންފީޒު ކުރާކަށް އެއްވެސް އުނދަގުލެއް ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭ މި ނަތީއްޖާއާއެކު ނޯންނާނެ އެވެ. އެހެން ކަމުން އައު މަޖިލީސް ހުވާކޮށް، މަޖިލީހުގެ ދައުރުފެށުމާއެކު، އުމްމީދީ ބަދަލުތަކެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެމްޑީޕީގެ ރައީސް އަދި އަލަށް ރައީސް ކަމުން މަޖިލީސް މެމްބަރަކަށް ވެވަޑައިގެން ތާރީހުގެ ތެރެއަށް ވަދެ ވަޑައިގެންފައިވާ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުން ތަފާތު ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޯލިޝަން ސަރުކާރު ވުޖޫދުވެ، މަޖިލީސް ތެރެއިން ސަރުކާރުގެ ބިލްތަކަކަށް ނޫނެކޭ ބުނި ހިސާބުން ރައްޔިތުންވެސް މިވަނީ އެކަމުގައި އުޅުއްވި މެމްބަަރުންނަށް ނޫނެކޭބުނެ އެ މެމްބަރުން ފެއިލް ކޮށްލާފައެވެ. އެހެން ކަމުން ރައްޔިތުން ތިބީ މި ސަރުކާރުން ގެނެސްދޭނެ ތަރައްގީއާއި ދައްކާނެ ތަފާތަކަށް ކެތްމަދުވެފައިކަން މި އިންތިހާބުންވެސް ރަނގަޅަށް އެނގިހާމަވެގެންދެއެވެ. އެމްޑީޕީއަށް ލިބިފައިމިވަނީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ނުލިބޭ ވަރުގެ ރަނުގެ ފުރުސަތެކެވެ. މި ފުރުސަަތުގެ ބޭނުންހިފައި، ރައްޔިތުން ހެއްވާލުމަކީ އެމްޑީޕީގެ ސަރުކާރު ދެން އަންނަ ދައުރަކަށްވެސް ގެންދިއުމަށް ކުރަން މުހިންމު މަސައްކަތެކެވެ. އިހުލާސްތެރިކަމާއެކީ ރައްޔިތުން މި ހަވާލުކުރި ބޮޑު އަމާނާތުގެ ބޭނުން ސަރުކާރުން ރަނގަޅުގޮތުގައި ހިއްޕަވާނެ ކަމުގެ އުމްމީދު ކިތަންމެހާވެސް ބޮޑެވެ.

އެމްޑީޕީއަށް މިއޮތީ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ، އުފާވެރި އަދި އުޖާލާ މުސްތަގުބަލެއް ހޯދައިދެވޭނެ ހުރިހާ މަގެއްހެން ހުޅުވިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހަލުވި ސްޕީޑެއްގައި ކުރަމުންދާތަން ފެނިގެން ދިއުމަކީވެސް އެ ރައްޔިތުންގެ ބޮޑު އުމްމީދެކެވެ. ފަސް އަހަރުގެ ވެރިކަމުގެ މި ދައުރާއި، މަޖިލީހުގެ ފަސް އަހަރުގެ ދައުރު އެމްޑީޕީއަށް ރައްޔިތުން މިވަނީ އުމްމިދާއެކީ ދީފައެވެ. އެ އުމްމީދުތަކުގައި ކުލަ ޖައްސައިދެއްވުމުގެ އެންމެ ބޮޑު ޒިންމާއެއް މިއޮތީ ކުރީގެ ރައީސް އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެކަން ޔަގީނެވެ. އެ ޒިންމާ އަދާކޮށް، މި ސަރުކާރުގެ ތަފާތުދައްކައި މުޅި ދުނިޔެއަށްވެސް ނަމޫނާ ސަރުކާރަކަށް ވުމުގެ ފުރުސަތު މިވަނީ ވަރަށް ބޮޑުތަނުން ހުޅުވާލެވިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސުޕާމެޖޯރިޓީ ލިބުނު ކަމުގައިވީނަމަވެސް، ރައްޔިތުންގެ ރޫހާއި ހިލާފަށް އެެއްވެސް
ކަމެއް މަޖިލީހުގެ ތެރެއިން ކޮށްފިކަމަށްވާނަމަ، އެކަމަކާއި ދެކޮޅަށް ނިކުތުމުގެ ހިތްވަރު ރައްޔިތުންގައިގައި ހުންނާނެ ކަން ސަރުކާރަށްވެސް ކަށަވަރުވާނެ އެވެ. އެހެން ކަމުން އެފަދަ "ޅަ"އެއްޗެއް ނާޅައި މި ފަސް އަހަރަކީ ސިޔާސީ ގޮތުންވެސް މުޅި ގައުމުގައި ހަމަޖެހުން ގާއިމް ކުރެވިފައިވާ ފަސް އަހަރުގެ ގޮތުގައި ގެންގޮސް ދިނުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭނެ ކަމެކެވެ.