އަރަބިއްޔާ ސްކޫލް

ޖިއްދާއިން މާލެއަށް: އަރަބިއްޔާ ހަރުދަނާ ކުރާނެ ގޮތް

ޢަރަބި ބަހަކީ ކީރިތި ޤުރުއާން އެބަހަކުން ބާވާލެއްވުނު ބަހެވެ. އެއީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާދަރީ ބަސް ވެސް މެއެވެ. މުއްސަނދި ތާރީޚެއް އޮތް ބަހެކެވެ. އިސްލާމީ ޙަޟާރަތުގައި ޢަރަބި ބަހަށް ޚާއްޞަ ސަމާލު ކަމެއް ދެވިފައި ވެއެވެ. ޢަރަބި ބަހަކީ ޢިލްމުގެ ފުން ކަނޑެކެވެ. ފިކުރާއި ފަލްސަފާގެ އުސްމިނަށް ވާސިލްވުމުގައި ޢަރަބި ބަހަކީ މުހިންމު ފާލަމެކެވެ.

އިސްލާމީ ޢިލްމުގެ އިތުރުން ސައެންސާއި ފަލްސަފާއި އިންސާނީ އެހެނިހެން ޢިލްމުގައި ޢަރަބި ބަސް ވަނީ މުހިންމު ޙިއްސާއެއް އަދާ ކޮށްފައެވެ. ދިވެހި ބަހާ ޢަރަބި ބަހާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ދިވެހި ބަހުގައި ސީދާ ޢަރަބި ބަހުގެ 600 އަށް ވުރެ ގިނަ ލަފްޒު ހިމެނެ އެވެ.

ދިވެހި ރާއްޖޭގެ ދިގު ތާރީޚުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ތާރީޚުގައި ޢަރަބިންނާއި ޢަރަބި ޘަޤާފަތުގެ ދައުރު ފުޅާކޮށް ފެންނާން އެބަ އޮތެވެ. ގާތް ގަނޑަކަށް މީގެ ފަންސާސްވަރަކަށް އަހަރުގެ ކުރީގައި ރާއްޖޭގެ ވުޒާރާތަކަށް ވެސް ނަންތައް ދީފައި ހުންނަނީ ޢަރަބި ބަހުންނެވެ. އަދި ރާއްޖޭގައި ޚުޠުބާ ކިޔަމުން އައީ ވެސް ވަރަށް ފަހަކާ ޖެހެންދެން ޢަރަބި ބަހުންނެވެ.

ދިވެހި ދައުލަތުގެ ނިޝާނުގައި މިއަދާ ހަމަ އަށް ދައުލަތުގެ ނަން އޮންނަނީ ޢަރަބި ބަހުންނެވެ. ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚުގައި ވެސް ޢަރަބި ބަހަކީ ދޮށީ ބަހެކެވެ. އަދި ރާއްޖޭގެ ތަޢުލީމު އެންމެ ދަށުން ފެށިގެން މިޒަމާނުގައި މި ފެންނަ ޒަމާނީ ތަޢުލީމުގެ ކުރިބޯށި ތަކާ ޔުނިވާސިޓީތަކާ ހަމައަށް ވާޞިލް ކޮށްދިމުގައި އެންމެ މުހިންމު ޙިއްސާއެއް އަދާ ކުރެއްވި މުދައްބިރުންގެ ތެރޭގައި ޢަރަބި ބަހުން ތަޢުލީމު ޙާޞިލްކުރި ބޭފުޅުން ހިމެނެ އެވެ.

ރާއްޖޭގައި ޢަރަބި ބަސް އާލާކޮށް ދިރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ. ޢަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު މުއައްސަސާއަކަށް ރާއްޖޭގައި މި ވަގުތު ހުރީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ކަމުން މި މަޒްމޫނުގައި އަޅުގަނޑު އަލިއަޅުވާލަން ޤަސްތު ކުރަނީ ޢަރަބިއްޔާ ސްކޫލް ހަރުދަނާ ކުރުމުގެ މައްޗަށެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު ތަރައްޤީކޮށް އެ ސްކޫލު ކުރިއަށް އޮތް ޖީލުތަކަށް ވާޞިލް ކުރުމަކީ އަމާނާތެކެވެ.

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތުގެ މުހިންމު ރަމްޒެކެވެ.
އެކަމަކާ ކުޑަވެސް ޝައްކެއް ނެތެވެ. ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި އަދި މިއަދު ވެސް އަދާކުރަމުންދާ ސްކޫލެކެވެ.

އެ ސްކޫލުން ތަޢުލީމު ޙާޞިލްކޮށްފައިވާ ދަރިވަރުންނަކީ އިސްލާމްދީނާއި ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރަމުންދާ ބައެކެވެ. އޭގެ ތެރޭގައި އިސްލާމީ ޢިލްމުވެރިންނާއި މެޑިކަލް ޑޮކްޓަރުންނާއި މަޖްލިސް މެމްބަރުންނާއި ވަކީލުންނާއި ފަނޑިޔާރުންނާ ވިޔަފާރިވެރިންނާއި މި ނޫން ވެސް އެކި ދާއިރާތަކުގައި އެ މަދްރަސާއިން ތަޢުލީމު ޙާޞިލްކުރި ދަރިވަރުން އެބަތިއްބެވެ. މުޖުތަމަޢުގައި ކަންބޮޑުވުން ހުރި އެކި އެކި ޖިނާއީ މައްސަލަތަކުގައި އެ މަދްރަސާގެ ދަރިވަރުންގެ ދައުރެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ދިރާސާ ރިޕޯޓު ތަކުން ދައްކާފައިވެއެވެ.

ފަހަކަށް އައިސް މި ސްކޫލަށް ދިމާވަމުންދާ ކަންކަމުގައި ކަންބޮޑުވުންތައް ފެންމަތި ވެއެވެ. މި ސްކޫލުގެ މިހާރުގެ ޙާލަތާއި މުސްތަޤުބަލް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެހެން ނޫން ނަމަ އެތަނުން ތަޢުލީމު ޙާޞިލް ކުރާ ދަރިވަރުންނަށް ގިނަ ގޮންޖެހުންތަކެއް މެދުވެރިވެދާނެ އެވެ. އެތަނުން ކިޔަވާ ދަރިވަރުން ކުރިން ޢާއްމު ގޮތެއްގައި ކިޔަވަންދަނީ މިޞްރަށެވެ.

މިޞްރުން ތަފާތު ދާއިރާތަކުން އެ ދަރިވަރުންނަށް ތަޢުލީމުގެ ފުރުޞަތު ލިބެއެވެ. ފަހަކަށް އައިސް މިކަންކަން ދަނީ ހުއްޓެމުންނެވެ. އަދި ވަރަށް މަދު ދަރިވަރަކު އިސްލާމް ދީން އުނގެނެން ޢަރަބި އިސްލާމީ ބައެއް އެހެން ޤައުމުތަކަށް ދެއެވެ. ޢަރަބިއްޔާއިން ނިމޭ ދަރިވަރުންނަކީ ހަމަ އެކަނި ފިޤުހު ކިޔަވާ ބަޔަކަށް ވެގެން ނުވާނެ އެވެ. އެތަނުން ކިޔަވައި ނިންމާ ދަރިވަރުންނަކީ އިސްލާމީ ޢިލްމުގެ އިތުރުން ތަފާތު ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ވާންޖެހޭނެ އެވެ. ޑޮކްޓަރީ ކަމާއި އިންޖިނޭރިންނާއި ނާސިސްނާއި ބިޒްނަސްއާއި މެނޭޖްމެންޓާއި ޤާނޫނާއި އެނޫން ދާއިރާތަކުން ވެސް ކިޔަވާ ކުދިންނަށް ވާންޖެހޭނެ އެވެ. އެއީ ޢަރަބިއްޔާ އާއި މަޢުހަދުގެ މާޒީ އެވެ. މި އަމާޒުން ކަސިޔާރު ވެގެން ނުވާނެ އެވެ. މި އަމާޒުން ޢަރަބިއްޔާ ސްކޫލް ކަސިޔާރު ވެއްޖެ ނަމަ އެއީ ޤައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ދެރައެކެވެ.

މިހާރު ޢަރަބިއްޔާ އަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ވަގުތާއި ޙާލަތާ ގުޅޭ ޒަމާނީ މުހިންމު ބައެއް ޚިޔާލުތައް ހުށަހަޅާލަން ޤަސްތު ކުރަމެވެ.

އަރަބިއްުޔާ: އިންޓަނޭޝަނަލް އިސްލާމިކް ސްކޫލަކަށް

ޢަރަބިއްޔާ ސްކޫލް "އިންޓަނޭޝަނަލް އިސްލާމިކް ސްކޫލް" އަކަށް ބަދަލު ކޮށް އެ ސްކޫލަކީ މޮޑަން އިސްލާމީ ބައިނަލްއަޤުވާމީ ތަނަކަށް ހަދަންޖެހެ އެވެ. މިގޮތައް މިކަން ކުރެވޭނީ ދެ ގޮތަކުންނެވެ. އެއްގޮތަކީ އެތަން ޕްރައިވެޓައިޒް ކުރުމެވެ.

ދެވަނަ ގޮތަކީ އެތަން މިނިސްޓްރީ އޮފް އެޑިއުކޭޝަން ނޫން ދައުލަތުގެ ތަޢުލީމީ އެހެން މުއައްސަސާއެއްގެ އިދާރީ ބެލުމުގެ ދަށަށް ގެންދިއުމެވެ. އިދާރީ ގޮތުން އެހެން މުއައްސަސާއެއްގެ ދަށުގައި ހުއްޓަސް އެތަނުގައި ތަޢުލީމީ ގޮތުން ހިނގާނީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ މުނާސަބު ގޮތަކީ ޢަރަބިއްޔާ ސްކޫލު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަށަށް ބަދަލު ކުރުމެވެ. އެހެނީ ޢަރަބި އިސްލާމީ ތަޢުލީމުގައި ރާއްޖޭގެ މަރުޖަޢަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އެވެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޔުނިވާސިޓިތަކުގެ ދަށުގައި އިންޓަނޭޝަނަލް ސްކޫލުތައް ހުރެއެވެ.

މެލޭޝިޔާގެ އިންޓަނޭޝަލް އިސްލާމީ ޔުނިވާސިޓީގެ ދަށުގައި ވެސް އިންޓަނޭޝަނަލް އިސްލާމީ ސްކޫލެއް ހުރެއެވެ. މިއީ ޔުނިވާސިޓީ އަށް ވެސް ލިބިގެންދާ ކުރިއެރުމެކެވެ. މިހެން ހަދަން ޖެހޭ ސަބަބަކީ ސްކޫލުގެ ޢިލްމީ ފެންވަރު ޒަމާނާ އެއްގޮތަށް ހަރުދަނާ ކުރެވޭނީ ޢިލްމީ ގޮތުން އެކަމާ ގުޅޭ ތަޚައްޞުޞް ބައެއްގެ ބެލުމުގެ ދަށުގައި އޮތުމުން ކަމުގައި ޤަބޫލު ކުރެވޭތީ އެވެ.

އިދާރީ ގޮތުން ޔުނިވާސިޓީގެ ދަށުގައި ސްކޫލު ހުއްޓަސް ސްކޫލް ހިނގަމުން ދާނީ މިހާރު ވެސް ހިނގަމުންދާ ގޮތަށް ވަކިން މެނޭޖްމަންޓަކުންނެވެ. މި ގޮތަށް މި ފަދަ ބަދަލެއް ގެންނަ އިރު ސްކޫލަށް އިރުޝާދުދޭ ފަރާތަކީ ޔުނިވާސިޓީ ކަމުން، ޔުނިވާސިޓީގެ ލީޑާޝިޕް ވެސް ހަރުދަނާ ވާންޖެހޭނެ އެވެ.

ޔުނިވާސިޓީގެ ލީޑަޝިޕްގައި ވެސް ތިބެންވާނީ ތަޢުލީމީ ދާއިރާގައި ހަރުދަނާ ޤާބިލް މީހުންނެވެ. އަޅުގަނޑު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޗާންސެލާ އަކަށް ހުރި އިރު އަރަބިއްޔާ ސްކޫލް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަށަށް ގެންގޮސް އަރަބިއްޔާ ޒަމާނާ އެއްގޮތައް ހަރުދަނާ ކުރެވޭނެ ގޮތްތަކަކާ ބެހޭ ތަފްސީލީ ޕްރޮޕޯސަލެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ޔުނިވާސިޓީގެ ފަރާތުން ރަސްމީކޮށް ހުށަހެޅީމެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އަޅުގަނޑުގެ ހުށަހެޅުން ފުޅާ ދާއިރާއެއްގައި ދިރާސާ ކުރައްވައި ކަމާގުޅޭ ވަޒީރުންގެ ކޮމެޓީއަކަށް ފޮނުއްވައި މަޝްވަރާ ކުރައްވައި ޢަރަބިއްޔާއާއި މަޢުހަދުގެ މުދީރުކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ރައުޔު ވެސް އަޅުގަނޑުގެ ހުށަހެޅުމާމެދު ހޯއްދެވި އެވެ. އެންމެ ބޭފުޅުން ވެސް ޔުނިވާސިޓީގެ ދަށަށް އަރަބިއްޔާ ސްކޫލު ބަދަލު ކުރުމަށް ހުށަހަޅާފައިވާ އަޅުގަނޑުގެ ހުށަހެޅުން ރަނގަޅު ކަމުގައި ޚިޔާލު ދެއްވާފައިވާކަން އަޅުގަނޑަށް އެނގިފައިވެއެވެ. އެކަމެއް ރަނގަޅު ކުރެވޭނީ އެކަމެއްގެ އަހުލުވެރިންނަށެވެ.

އަލްއަޒްހަރުން އުސްތާޒުން ގެނައުން ހުއްޓާލުން

އަޒުހަރުން މާޒީގައި އަދާކޮށްދެއްވާފައި ވަނީ ވަރަށް އަގުހުރި ޚިދުމަތެކެވެ. އެއީ ރާއްޖޭގެ އެވަގުތުގެ ކަންކަން ހުރި ގޮތުންނެވެ. އަޒުހަރުގެ ޚިދުމަތް އަބަދުވެސް ދިވެހިން ބަލައިގަންނަންޖެހޭނެ އެވެ. ދުވަހަކު ވެސް އަޒްހަރާ މެދުގައި ދިވެހިންގެ ހިތްތަކުގައި އޮތް ޤަދަރާއި އިޙުތިރާމް ފިލައިގެން ނުދާނެ އެވެ. ފަހަކަށް އައިސް އަޒުހަރުން އުސްތާޛުން ފޮނުވުން ލަސްވުމުން ނުވަތަ ސިޔާސީ މަސްރަޙަށް އަންނަ ބަދަލަކާ ގުޅިގެން ހިނގާ ކަންކަމުން އުސްތާޛުންނަށް އާދެވޭ ގޮތް ނުވުމުން ނުވަތަ އިދާރީ އެހެންވެސް ސަބަބުތަކާ ހުރެ އުސްތާޛުން ގެނައުން ލަސްވުމުން ގެއްލުންވަނީ އަޅުގަނޑުމެންގެ ދަރިންނަށެވެ. ވީމާ މިކަން ނިމުމަކަށް ގެންނަންޖެހެއެވެ.

އުސްތާޛުން އައުމުގައި މައްސަލަތައް ދިމާވެފައި ހުރުމުން ގިނަ ގުނަ ގެއްލުންތަކެއް ސްކޫލަށް ވަނީ ލިބިފައެވެ. އަޒްހަރުން ފޮނުއްވާ އުސްތާޛުންގެ މުސާރަ ދެއްވަނީ އަޒްހަރުންނެވެ. އެބޭކަލުން ތިއްބަވާ ތަން ދެއްވަނީ ދިވެހި ދައުލަތުންނެވެ. މިޒަމާނުގައި ރާއްޖޭގެ މާޙައުލުގައި އެހެނިހެން ސްކޫލުތަކުގައި ތަޢުލީމު ދޭ ފެންވަރަށް ނުވަތަ ދިވެހިންނާއި އެހެނިހެން ޤައުމުތަކުން އަންނަ ބޭރުގެ ތަޖުރިބާކާރު މުދައްރިސުން ކިޔަވާދޭ ސްޓައިލް އަޒްހަރުން އަންނަ އުސްތާޛުންގެ ކިބައިގައި ހުރޭތޯ ކަށަވަރު ކުރަންޖެހެ އެވެ. މިއީ އަޒްހަރަށް ރައްދު ކުރާ ބަދު ބަހެއް ނޫނެވެ.

ޓްރެޑިޝަނަލް ގޮތަށް މިހާރު ތަޢުލީމެއް ނުދެވޭނެ އެވެ. ތަޢުލީމު ދޭން ޖެހޭނީ މިޒަމާނަށް ފެތޭ ގޮތަށެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކިޔަވައިދިނުމުގެ އުޞޫލުތަކާއި މެތަޑްސް ބޭނުން ކޮށްގެންނެވެ. ބޭރުން ވަޑައިގަންނަވާ ބޭފުޅުންނަކީ މި ފެންވަރުގެ ބޭފުޅުންތޯ ދިވެހި ސަރުކާރުން ކަށަވަރު ކުރަންޖެހޭނެ އެވެ. ސަބަބަކީ އަޅުގަނޑުމެން މި ބިނާކުރަނީ ދިވެހި އިންސާނާ އެވެ. އޭނާ އަށް ކިޔަވައި ދޭ އުސްތާޛުން ތިބެންވާނީ ދިވެހި ދައުލަތުން ކަނޑައަޅާ މިންގަނޑެއްގަ އެވެ. އެހެން ބަޔަކު ކަނޑައަޅާ މިންގަނޑެއްގައެއް ނޫނެވެ. ދިވެހިންނަށް ތަޢުލީމު ދިނުމުގައި ދިވެހި ދައުލަތުގެ ތަޢުމީ ތަޞައްވަރެއް އޮވެއެވެ.

ޢަރަބިއްޔާ އަށް އުސްތާޒުން ހޯދުން

ޢަރަބިއްޔާ ސްކޫލަށް ހުރިހާ މާއްދާއެއް ކިޔަވައި ދިނުމަށް އުސްތާޛުން ހޯދަންވީ ދިވެހި ސަރުކާރުގެ ފަރާތުން ޢާއްމުކޮށް އިޢުލާންކޮށްގެން އިންޓަވިއު ކޮށްގެންނެވެ. މި ގޮތަށް އިޢުލާންކޮށްގެން މީހުން ނަގާއިރު މިޞްރުން ވެސް އަދި އެހެން ޤައުމުތަކުގެ މީހުންނަށް ކުރިމަތިލެވޭނެ އެވެ. ޚާއްޞަކޮށް ސައެންސް މާއްދާތައް ކިޔަވައިދޭން މީހުން ނަގަންވީ އިޢުލާން ކޮށްގެންނެވެ.

ޢަރަބި ޤައުމުތަކުގެ ތަޢުލީމީ ނިޒާމަށް ބަލާއިރު އެންމެ ރަނގަޅު ޤައުމުތަކުގެ ތެރޭގައި ޖޯޑަން ފާހަގަ ކޮށްލެވެއެވެ. އިޢުލާންކޮށްގެން މީހުން ނަގާއިރު ޖޯޑަން، ޔޫއޭއީ، ސަޢޫދީ އަރަބިއްޔާ، ސޫދާން، ކުވައިތު، ފަލަޞްޠީނު، ޔޫކޭ، ޔޫއެސްއޭ، މެލޭޝިޔާ ފަދަ ޤައުމުތަކުން ވެސް މީހުން ނެގިދާނެ އެވެ. ނުވަތަ އެކި އެކި މާއްދާތަކަށް ތަފާތު ޔުނިވާސީޓީތަކުގެ މީހުން ވެސް ނެގިދާނެ އެވެ.

މިގޮތުން މިޞްރުގެ އަޒުހަރުގެ އިތުރުން ކައިރޯ ޔުނިވާސިޓީ އާއި ޢައިން ޝަމްސް ޔުނިވާސިޓީ އަދި ސަޢޫދީ އަރަބިއްޔާގެ ކިންގް ސުޢޫދު ޔުނިވާސިޓީ ނުވަތަ ކުވައިތު ޔުނިވާސީޓީ ފަދަ ތަންތަނުން ނިންމާފައިވާ މީހުންވެސް ލިބިދާނެ އެވެ.

ޚާއްޞަ ކޮށް "އަރަބި ބަސް" މިމާއްދާ ކިޔަވައިދޭން ސޫދާން މީހުން ފަދަ ބަޔަކު ވަރަށް މަދުވާނެ އެވެ. އެމީހުންގެ ހުނަރާއި ކިޔަވައިދޭ ގޮތް ވަރަށް ވެސް ތަފާތެވެ. މޮޅެވެ. ވަޒީފާގެ ފުރުޞަތު ބޭނުންވާ މީހުން ޢަރަބި ޤައުމުތަކުގައި އުޅެއެވެ. ނުވަތަ އެ ޤައުމުތަކުގެ ތަޢުލީމާ ބެހޭ ވުޒާރާތަކާ ގުޅިގެން މިކަމަށް މަގު ފަހިކުރެވިދާނެ އެވެ. ހުރިހާ މާއްދާ ތަކަށް ވެސް ދިވެހި ސަރުކާރުން އިޢުލާންކޮށްގެން އިންޓަވިއު ކޮށްގެން މީހުން ނަގަންވީ އެވެ. އެހެން ސްކޫލުތަކާ މެދު ވެސް ޢަމަލު ކުރާ މަގުން ޢަރަބިއްޔާ ސްކޫލަށް ވެސް މުދައްރިސުން ނުހޯދެންވީ ސަބަބެއް ނެތެވެ. މުދައްރިސުންނަށް މުސާރަ ނުދެވެންވީ ސަބަބެއް ނެތެވެ. މާތް ﷲ ގެ ހެޔޮ ރަޙުމަތް ފުޅުން މުދައްރިރުންނަށް މުސާރަ ދެވޭވަރަށް ދިވެހިދައުލަތުގައި ޤާބިލުކަން އެބަހުއްޓެވެ. މި އަންނަ އަހަރުން ފެށިގެން މިގޮތައް ޢަމަލު ކުރަން ފަށަންވީއެވެ. އެއްގޮތަކަށް ވެސް މިކަމުގައި ވަކި ބަޔަކަށް ބަރޯސާ ނުވާންވީ އެވެ.

ދަރިވަރުންގެ ޢަރަބި ބަހުގެ ފެންވަރު ރަނގަޅު ކުރުން

އަރަބިއްޔާގެ ދަރިވަރުންގެ ޢަރަބި ބަހުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ޙަރަކާތްތަކެއް ހިނގިދާނެ އެވެ. ކުޑަކުދިންނާ ގުޅޭ ސިނަމާއެއް ޢަރަބިއްޔާގައި ޤާއިމު ކުރުމާއި ލައިބްރަރީގައި ވީޑިއޯގެ ވަސީލަތްތައް ޤާއިމު ކުރުމާއި ޢަރަބި ބަހުން ހުންނަ ވާހަކަ ފޮތްތައް ކިޔުމުގެ އާދަ މިހާރަށް ވުރެން ބޮޑަށް ހަރުލެއްވުމާއި ޢަރަބި ބަހުން ބަޙުޘް މުބާރާތާއި ޑްރާމާ މުބާރާތް ބޭއްވުން މިހާރަށް ވުރެން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވިދާނެ އެވެ.

ޢަރަބި ބަސް ކިޔަވައި ދޭން ޚާއްޞަކޮށް ޕްރައިމަރީގައި ސީދާ ޢަރަބި އުސްތާޛުން ތިއްބެވުމަކީ މުހިންމުކަމެވެ. ޢަރަބި ބަހުގެ އަޞްލު އަހުލުވެރި ނޫން ކުދިންނަށް ޢަރަބި ބަސް ކިޔަވައި ދޭން ތިބެންވާނީ ޢަރަބި ބަހުގެ އަހުލުވެރި ނޫން ކުދިންނަށް ބަސް ކިޔަވައި ދިނުމުގެ ހުނަރު ހުރި އަރަބި ބަހުގެ އަހުލުވެރި އުސްތާޛުންނެވެ. ކިޔަވައި ދޭ މުޤައްރަރު ވެސް އޮންނަން ޖެހޭނީ ޢަރަބި ބަހުގެ އަހުލުވެރިންނަށް ކިޔަވައިދޭ މުޤައްރަރެއް ނޫނެވެ. القراءة Reading، الكتابة Writingالاستماع Listening التحدث Speakingالتعبير Expression މާއްދާގެ މުޤައްރަރު އޮންނަން ޖެހޭނީ މި ހުނަރުތަކަށް ދަރިވަރު އަހުލުވެރިކުރުވާ ގޮތަށެވެ.

ކްލާސްރޫމުތަކުގައި ވަސީލަތްތައް ވެސް ޤާއިމުވެފައި ހުންނަންވާނެ އެވެ. އަދި ޢަރަބި މާއްދާ އަށް ރާއްޖެއާ ގުޅޭ މުޤައްރަރެއް އެލުލަވާލުން މުހިންމު ކަމުގައި ވެސް ދެކެމެވެ. މި ފަދަ ކަމަކަށް ޚަރަދުވާނީ ގާތްގަނޑަކަށް މިލިޔަނެއްހާ ރުފިޔާއެވެ. މިކަމަށް ބޭރުގެ ފަރާތަކުން އެހީއެއް ހޯދުމަކީ ނުހަނު ފަސޭހަކަމެކެވެ. ބަސް އުނގަންނައި ދިނުމުގައި އެބަހެއް ކުއްޖާގެ މާޙައުލާ ގުޅިފައި ހުރުމަކީ ބަސް އުނގެނުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ.

ދިވެހިރާއްޖޭގައި ޢަރަބި ބަހުގެ މާއްދާގައި "ޕިރަމިޑް" އާ ބެހޭ ފިލާވަޅު ކުޑަކުއްޖާ އަށް ކިޔަވައި ދިނުމުގެ ބަދަލުގައި "މަސްމާރުކޭޓް" އާ ގުޅޭ ފިލާވަޅު ނަގައިގަތުމަށް ފަސޭހަވާނެ އެވެ. ސަބަބަކީ އުޅޭ މާޙައުލެވެ. އަދި ދިވެހި އުސްތާޛުން ޢަރަބި ކިޔަވައި ދޭން ވަންނަވައި އަރަބި ބަސް ދިވެހި ބަހުން ކިޔަވާ ދޭ ނަމަ އެކަމަކުން ދަރިވަރުންނަށް ވާނެ އެއްވެސް ފައިދާ އެއްނޯންނާނެ އެވެ. ރާއްޖެއިން ކަނޑައަޅާ މުޤައްރަރަކާ އެއްގޮތަށް ޢަރަބި މާއްދާ ކިޔަވައިދޭން ތިބެންވީ ހުނަރުވެރި އުސްތާޛުންނެވެ. އިނގިރޭސި މާއްދާއިން ވެސް އޯލެވެލް ނުވަތަ އޭ ލެވެލް ހެދުމުގެ ފުރުޞަތަށް ރަސްމީކޮށް ދަރިވަރުން ތައްޔާރުކުރެވެން ވާނެ އެވެ. ޢަރަބިއްޔާ ސްކޫލް ނިމޭ ދަރިވަރުންނަކީ ބައިނަލްއަޤުވާމީ ދެ ބަހުން މުޢާމަލާތު ކުރެވޭ ދަރިވަރުންނަށް ވާންވާނެ އެވެ.

ޕްރިންސިޕަލަކަށް ތަޖުރިބާކާރު އިދާރީ މީހެއް

ޢަރަބިއްޔާ ސްކޫލޭ ބުނީމާ ބައެއް މީހުންނަށް ހީވަނީ އެތާ ވެރިޔަކަށް ހުންނަން ޖެހޭނީ ޝައިޚެއް ހެނެވެ. ނަމަވެސް ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. ޝައިޚުންގެ ތެރޭގައި ވެސް ދެވައްތަރެއްގެ ޝައިޚުން އުޅެއެވެ. ވާއިޡުންނާއި އިދާރީ މީހުންނެވެ. މި ދެބައި އެއްވެފަ ތިބޭ ޝައިޚުން ވެސް އުޅެއެވެ.

އިދާރީ ހިންގުމުގެ މާޒީއެއް ނެތް އެއްވެސް މީހަކާ މުއައްސަސާއެއް ހިންގަން ޙަވާލު ކުރުމަކީ އެތަނެއްގެ ހަލާކުވެ ޚަރާބުވެ ދިއުމުގެ ފެށުމެވެ. ޢަރަބިއްޔާ ސްކޫލަށް މުދީރަކު ހޯދާނީ އިޢުލާން ކޮށްގެންނެވެ. ޢަރަބި ބަހާއި އިނގިރޭސި ބަސް ދަންނަ މީހަކު ރާއްޖެއިން ނުލިބިއްޖެ ޙާލަތުގައި ރާއްޖެއިން ބޭރުން އެޑިއުކޭޝަން ދާއިރާއިން ތަޚައްޞުޞު މީހެއް ހޯދި ދާނެއެވެ.

ޢަރަބިއްޔާގެ މުދީރަކަށް ހުންނަންވީ އެޑިއުކޭޝަން ދާއިރާގެ ތަޚައްޞުޞްގެ ޢަރަބި ބަހާއި އިނގިރޭސި ބަސް ވަރަށް ރަނގަޅަށް ދަންނަ ހިންގުންތެރި ތަޢުލީމީ ދާއިރާގައި އަދި ސްކޫލް ހިންގުމުގެ ދާއިރާގައި ތަޖުރިބާހުރި ފަރާތެކެވެ.

ސްކޫލުން ކަނޑައަޅާފައި އޮންނަ ޤަވާޢިދެއް އޮތުން

ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ހުރި ހަމަ އެކަނި ޢަރަބި ބަހުން ތަޢުލީމު ދޭ ބޮޑު ސްކޫލަށް ވެފައި އެ ސްކޫލުގައި ދީނީ ގޮތުން ކަނޑައެޅިފައި އޮންނަ މެދު މިން ހަރުދަނާ އުޞޫލުތަކާއި ޤަވާޢިދުތައް ހުންނަން ޖެހޭނެ އެވެ. އެ ސްކޫލަކީ އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި ރިވެތި އަޚުލާޤުގެ މައްޗަށް ތަޢުލީމުދޭ ތަނަކަށް ވުމުން އެތަނުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުން ހަރުކަށި ވިސްނުމުގެ ޝިކާރައަކަށް ނުވާނެ ހުރިހާ ގޮތެއް ހޯދަންޖެހެ އެވެ. އަދި ވަކި ވަކި ދީނީ ތަފާތު ވިސްނުންތަކުގެ ބެލެނިވެރިންގެ ވަރުގަދަ ނުފޫޒު ސްކޫލުގެ އިދާރާއަށް ނޯންނަ ގޮތަކަށް ސްކޫލުގެ ސިޔާސަތު ބައްޓަން ކުރަންޖެހޭނެ އެވެ. ދެ ތިން ބެލެނިވެރިޔަކު މުޒާހިރާ ކުރުމުން ސްކޫލުގެ ސިޔާސަތުތައް ބަދަލުވެގެން ނުވާނެއެވެ. ސްކޫލަކީ ދެ ޖިސްނުގެ ދަރިވަރުންނަށް ވެސް އިތުރު ޙަރަކާތްތައް އޮންނަ އަދި ޤައުމީ ކަންކަމުގައި ދަރިވަރުން ބައިވެރިވާ ސްކޫލަކަށް ވާންވާނެ އެވެ. މިހާރުވެސް ގިނަ މިފަދަ ރަނގަޅު ކަންކަން ސްކޫލުގައި ހުރިކަން ޤަބޫލު ކުރަމެވެ.

ނިމޭ ދަރިވަރުންނަށް ބޭރު ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުން

ޢާއްމުކޮށް ޢަރަބިއްޔާ ނިންމާ ދަރިވަރުންނަށް ޢަރަބި ނޫން ޤައުމުތަކުން ޖާގައެއް ހޯދުމަކީ ބައެއް ފަހަރު ދަތިކަމެކެވެ. މެލޭޝިޔާ ފަދަ ޤައުމުތަކުގެ ޔުނިވާސީޓީއަކުން ވެސް ޖާގަ އެއް ލިބެނީ އިތުރު މަސައްކަތްތަކެއް ކޮށް، ނުވަތަ ޢަރަބިއްޔާގެ ސެޓްފިކެޓާ ބެހޭ ގޮތުން އެޑިއުކޭޝަންގެ ލިޔުމެއް ހޯދައިގެންނެވެ. މިއީ ބައެއް ފަހަރު ދިމާވެފައި ހުރި ކަންކަމެވެ.

ޢަރަބިއްޔާ ނިންމާ ދަރިވަރުން ކިޔަވަންދާންވީ ހަމަ އެކަނި ޢަރަބި ދެތިން ޤައުމަކަށް ނޫނެވެ. ހުރިހާ ޤައުމެއްގައި ވެސް ތަޢުލީމު ޙާޞިލް ކުރެވޭނޭ ގޮތަށް ކަންކަން ތަރުތީބު ކުރެވެން ޖެހެއެވެ. ދަރިވަރުންނަށް ތަޢުލީމީ މަރުޙަލާގައި ވެސް ތަޖުރިބާގެ ދަތުރުތައް ބޭރުގެ ޤައުމުތަކަށް އިންތިޒާމުކޮށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

މިއީ ޢަރަބިއްޔާ ސްކޫލު ހަރުދަނާ ކުރަން ކުރެވިދާނެ ބައެއް ކަންކަމުގެ ވާހަކަ އެވެ. މީގައި ބަޔާންކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުގެ ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކެވެ.