އިސްލާމީ ތަޢުލީމުގެ ފަލްސަފާއަކީ ތަރުބަވީ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށް ބިނާވެގެންވާ ފަލްސަފާއެކެވެ. އެއީ ހަމަ އެކަނި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފަލްސަފާއެއް ނޫނެވެ. އަދި އިސްލާމީ ރިސާލަތުން އެންމެ ފުރަތަމަ ބާވާލެއްވުނު ވަޙީގެ ބަސްފުޅަކީ ވެސް ޢިލްމާއި މަޢުރިފާ އާއި ތަރުބަވީ ހަމަތަކަށް ގޮވާލާފައިވާ ބަސްފުޅެކެވެ. އިސްލާމީ ޙަޟާރަތްތަކުގެ އެންމެ މަތިވެރި އެއް އަސާސަކީ ވެސް ޢިލްމާއި ފިކުރެވެ. އިސްލާމީ އުންމަތުންވަނީ އެހެން އެއްވެސް ޙަޟާރަތެއްގައި ނުއުފެދޭވަރުގެ ޢިލްމުވެރިންނާއި މުފައްކިރުންނާއި އަދީބުންނުން ނެރެފަ އެވެ. ހުޅަނގުގެ ޢިލްމީ ޙަޟާރަތުގެ އެންމެ މުހިންމު އެއް ރައުސްމާލަކީ ވެސް މުސްލިމު ޢިލްމުވެރިންގެ މަސައްކަތްތައްކަން ކަށަވެރެވެ.
ދުނިޔޭގައި އުފެދުނު އެންމެ ގިނަ ދުވަސްވީ އެއް ޔުނިވާސިޓީއަކީ އަލްއަޒްހަރު ޔުނިވާސިޓީއެވެ. އެއީ އިސްލާމީ ޖާމިޢާއެކެވެ. އެއް ހާސް އަހަރަށް ވުރެ ގިނަ ދުވަސްވީ އަލްއަޒުހަރު ޔުނިވާސިޓީއަކީ މިޒަމާނުގައި ފެންނަން މިހުރިހައި އިސްލާމީ ޔުނިވާސިޓީތަކުގެ މަންމަ ޔުނިވާސިޓީއެވެ. މިހާރު ފެންނަން މިހުރި މަޝްހޫރު އެންމެހައި އިސްލާމީ ޔުނިވާސިޓީތަކާއި ގިނަ ޖާމިޢާތަކަކީ އަލްއަޒްހަރު ޔުނިވާސިޓީގެ ވަރަށް ބޮޑު ޙިއްސާއެއް އޮތް ތަންތަނެވެ. އިސްލާމީ އުންމަތުގެ ތަޢުލީމާ ތަރުބިޔަތުގެ ކަންކަމަށް ހުރި ގޮންޖެހުންތައް ދިރާސާކޮށް 1977 ވަނަ އަހަރު މައްކާގައި ބޭއްވި އިސްލާމީ ސަމިޓްގައި ތަރުބަވީ ކަންކަމާ ގުޅޭ ގޮތުން ނިންމި ނިންމުންތަކުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ޖާމިޢާތައް ހަދަން ނިންމި އެވެ. އިސްލާމީ ޖާމިޢާތަކުގެ ފަލްސަފާއަކީ ތަޢުލީމާއި އެކު ތަރުބިޔަތު ދިނުމާއި ދިރާސާ ކުރުމާއި މުޖުތަމަޢު ކުރިއެރުވުމުގައި ބައިވެރިވުމާއި ދީނާއި އުންމަތުގެ މަޞްލަޙަތުތައް ދިފާޢު ކުރުމުގެ މައްޗަށް ބިނާވެގެންވާ ފަލްސަފާއެކެވެ.
މި ދެންނެވި އިސްލާމީ ސަމިޓްގެ ޤަރާރުގެ ދަށުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ) ދަށުން ގިނަ އިސްލާމީ ޔުނިވަރސިޓީތަކެއް އުފެދިގެން ދިޔައެވެ. އޭގެ ތެރޭގައި މި ތަންތަން ހިމެނެއެވެ.
1 - އިސްލާމިކް ޔުނިވާސިޓީ އޮފް ޔޫގެންޑާ
2 - އިސްލާމިކް ޔުނިވާސީޓީ އޮފް ނައިޖެރް
3 - އިސްލާމީ ޔުނިވާސީޓީ އޮފް ޓެކްނޮލަޖީ
4 - އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭސިޔާ (އައިއައިޔޫއެމް)
5 - އިންޓަނޭޝަނަލް އިސްލާމިކް ޔުނިސިޓީ އިސްލާމްއާބާދު
މިތަންތަނަކީ އޯއައިސީގެ ދަށުން އުފެދިގެން ދިޔަ ތަންތަނެވެ. އަދި ޚާއްޞަކޮށް މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އުފެއްފުމުގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެތެރެއިން ދިވެހިރާއްޖެ ޢަމަލީ ގޮތުން ބައިވެރިވެފައިވެއެވެ. މިއަދާ ހަމައަށް ވެސް އައިއައިޔޫއެމްގެ ބޯޑު މެމްބަރަކަށް ދިވެހިރާއްޖެ އިނދެ އެވެ. ތަމްސީލު ކުރައްވަނީ މެލޭޝިޔާގައި ހުންނަވާ ދިވެހި ސަފީރެވެ.
އައިއައިޔޫއެމްގެ ބޭރުގައި ދިވެހި ދިދަ ވެސް ހުންނާނެ އެވެ. އަދި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމީ ޔުނިވަރސިޓީ އުފެއްދުމުގައި ވެސް ރާއްޖެއިން ފުރިހަމަ ދައުރެއް އަދާކޮށްފައިވެއެވެ. މި ޔުނިވަރސިޓީތަކުން ތަފާތު ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރި ދަރިވަރުން ވަނީ ރާއްޖޭގެ ލީޑަރޝިޕްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އޯއައިސީ 1977 އަހަރުގެ ތަޢުލީމީ ޤަރާރުގެ ދަށުން ދިވެހިރާއްޖޭގައި ވެސް ޔުނިވަރސިޓީ އެއް އުފައްދަން ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅުގައި މަޝްވަރާކުރެއްވިއެވެ. ނަމަވެސް އެއިރު ރާއްޖޭގައި އެވަރުގެ ޤާބިލްކަމެއް ނެތުމުން 9 ނޮވެމްބަރ 1980 ގައި ރާއްޖޭގައި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ (އިނިސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒް) އުފެއްދެވިއެވެ. އެއިރު ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންނެވެ. ފަހުން އެމަނިކުފާނަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރެވެ. މަޢުހަދުގެ ބިންގާއަޅުއްވައި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި ބިންގާ އެޅިގެން މިދަނީ މުސްތަޤުބަލުގައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީކަމުގައި ވިދާޅުވެފައި އޮވެއެވެ.
ސަރުކާރުގެ ވިޝަންނާ އެއްގޮތައް 2004 މަޢުހަދު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ (ކޮލެޖްއޮފް އިސްލާމިކް ސްޓަރޑީޒް) އަށް ބަދަލު ކުރެއްވިއެވެ. އަދި 2015 އަހަރު ޤާނޫނެއްގެ ދަށުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކުއްލިއްޔާ ޔުނިވަރސިޓީ އަކަށް ބަދަލުކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީ އެއްގެ ތަރައްޤީކުރުމަކީ ރައީސް ޢަބްދުލްﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެކެވަޑައިގެންނެވި ގޮތުގައި ނުހަނު މުހިންމު ކަމެކެވެ. އަދި ސަރައްދުގައި ފާހަގަކޮށްލެވޭ ތަނަކަށް އިސްލާމީ ޔުނިވަރސިޓީ ހެދުމަކީ އެމަނިކުފާނުގެ އަމާޒެއްކަމުގައި އައިޔޫމްގެ ފުރަތަމަ ދަސްވެނިވުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ޔާމީން ވިދާޅުވެފައިވާނެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ރިޔާސީ ކޮމިޓީގެ ޗެއަރ އަކަށް އިނީ އަޅުގަނޑެވެ. އެވަގުތު އަޅުގަނޑު ހުރީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރކަމުގަ އެވެ. ޔުނިވަރސިޓީ އުފެއްދުމުގެ މަސައްކަތް ބާރު މިނުގައި ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅުގަ އެވެ.
ޔުނިވަރސިޓީ އުފެއްދުމުގެ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމީ ފަންޑުން ހަތަރު މިލިއަނަށް ރުފިޔާ ކުއްލިއްޔާއަށް ދިނީމެވެ. ދިވެހި ދައުލަތުގެ ޒަމާންވީ އެ މަތިވެރި ޝަރަފްވެރި އުންމީދު ޙާޞިލްކުރުމަށްޓަކައްޔާއި ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމުގެ ޖާމިޢާއެއް އުފެއްދުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ހިއްސާއޮތުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީވެއެވެ.
ޔުނިވަރސިޓީގެ އިސްތިރާތީޖީ ފުރިހަމަ ޕްލޭން އެކުލަވާލުމަށްޓަކައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ސަޕޯޓް ހޯދުނެވެ. އެ ޔުނިވަރސިޓީގެ މާހިރުންނާއެކު އެތަނުގެ ވައިސް ރެކްޓަރ އިންޓަރނޭޝަނަލްއެފެއާޒް ޕްރޮފެސަރ ޢަބްދުލްޢަޒީޒު ބަރުޣޫޘީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންނެވިއެވެ. ސަރުކާރުގެ އަމާޒަކަށް އޮތީ ޒަމާނީ އިސްލާމީ ޔުނިވަރސިޓީ އެއް ރާއްޖޭގައި ޤާއިމު ކުރުމުގެ ތަޞައްވަރެއް އެކުލަވާލުމެވެ. މި ގޮތުން 2014 ގައި އެކުލަވާލި ފުރަތަމަ ޕްލޭންގެ މައްޗަށް ޔުނިވަރސިޓީ އުފެދުމަށް ފަހު ރާއްޖޭގެ މަތީ ތަޢުލީމުގެ މާހިރުންގެ އެހީގައި ވިޝަން 2020 އަދި އެހެން އުސޫލު ތައް އެކުލަވާލެވުނެވެ. އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްތިރާތީޖީ ޕްލޭނެވެ.
މި މަސައްކަތްތައް މި ހިސާބަށް ގެނެވުނީ ކުއްލިއްޔާއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފްއާޒާއި އެނޫންވެސް މުއައްސަސާތަކުގައި ތިއްބެވި ތަޖުރިބާކާރުންނާއި ކުރީގެ ރައީސުންނާއި ރާއްޖޭގެ ޖުޑިޝަރީއާއި ބޭރުގެ މާހިރުންގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު ފުރަތަމަ ޑްރާފްޓް ކުރެއްވުމުގެ މަރުޙަލާގައި ޝަހީދު ޑރ. އަފްރާޝީމް ޢަލީ އަވަހާރަވުމުގެ ކުރިން މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ޔުނިވަރސިޓީ އުފެދުމަށް ފަހު މީހުން ބިނާކުރުމުގައްޔާއި ފަންނީ ކަންކަމުގައްޔާއި މުޤައްރަރުތައް އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވެއެވެ. އޭގެ ތެރޭގައި މެލޭޝިޔާއާއި ބްރޫނާއި ދާރުއްސަލާމާއި ސަޢޫދީ ޢަރަބިއްޔާއާއި މިޞްރުގެ އެހީތެރިކަން ފާހަގަކުރަމެވެ. މަތީ ތަޢުލީމުގެ ގިނަ ޢަދަދެއްގެ ސްކޮލަރޝިޕް ލިބިފައިވެއެވެ. އަދި ރާއްޖޭގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އައީޔޫއެމްއަށް ނުހަނު ދީލަތި އެހީތެރިކަންދީފައިވެއެވެ.
އަދި ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި މެލޭޝިޔާގައި ހުންނަ އިންސެފްއާއި އިސްރާއާއި، ވޮޝިންޓަންގެ އިންޓަރނޭޝަނަލް އިސްލާމިކް ތޯޓްސް (އައިއައިއައިޓީ) އިން އެކި އެކި ކަންކަމުގައި ދެއްވާފައިވާ އެހީތެރިކަން ފާހަގަ ކުރަމެވެ.
ދަންނަވާލަން ބޭނުންވަނީ އައިޔޫއެމްގެ އެންމެހާ ކޯސްތަކަކީ ވެސް މިހާރު ރާއްޖޭގެ އެއްވެސް ތަނެއްފައި ނެތް ފަދަ ފެންވަރު ރަނގަޅު އަދި ބައިނަލްއަޤުވާނީ މިންގަނޑަށް ފެތޭ އިސްލާމީ ތަފާތު ތަޚައްޞުޞްތަކުގެ ފުރިހަމަ ކޯސްތަކެއް ކަމެވެ. އަދި އައިޔޫއެމަށް ފުރަތަމަ މަރުޙަލާގައި ބޭނުންވާ އެންމެހާ އުޞޫލުތަކާއި ޤަވާޢިދުތައް ވެސް ހުންނާނީ ޒަމާނަށް ފެތޭގޮތައް ބައިނަލްއަޤުވާމީ މިންގަނޑުތަކުގައެވެ.
އައިޔޫއެމް ކުރިއެރުވުމަށްޓަކައި ފަންނީ އެހީތެރިކަމާއި އެނޫންވެސް ދާއިރާތަކުން އެހީތެރިކަން ހޯދުމުގެ އެއްބަސްވުންތައް ގިނަފަރާތްތަކަކާއެކު ޤާއިމުކުރެވިފައި ހުންނާނެއެވެ. އޭގެ ތެރޭގައި އަޒްހަރު ޔުނިވަރސިޓީއާއި ގުޅުން ބަދަހިކުރުމުގެ އިތުރުން މަދީނާގެ އިސްލާމީ ޔުނިވަރސިޓީއާއި ޕާކިސްތާނުގެ އިންޓަރނޭޝަނަލްއިސްލާމިކް ޔުނިވަރސިޓީއާއި މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމީ ޔުނިވަރސިޓީއާއި މެލޭޝިޔާގެ ޤައުމީ ޔުނިވަރސިޓީ ( ޔޫކޭއެމް) އާއި ޔުނިވަރސިޓީ މަލާޔާ ހިމެނެއެވެ. މި އެންމެހައި ތަންތަނުން ވެސް އެކި ވަރުގެ އެހީތެރިކަން އައިޔޫއެމްއަށް ލިބިފައިވާނެއެވެ. އައިޔޫއެމްގެ ފުރަތަމަ ސްޓޭޖްގައި ހޯދާފައިވާ ކާމިޔާބު ތަކަކީ ނިސްބަތުން ބޮޑު ކާމިޔާބީތަކެއްކަމުގައި ވެސް ދަންނަވަމެވެ.
ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟
މިއަދު ވެސް މިއަޑު އިވެމުންދަނީ އައިޔޫއެމް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށް ހަދާވާހަކައެވެ. މަޢުހަދުގެ ދުވަސްވަރުން ފެށިގެންވެސް މި އަދާ ހަމައަށް ވެސް މި މުއައްސަސާ ނައްތާލަން އަބަދުވެސް ކޮންމެވެސް ބަޔަކު މަސައްކަތް ކުރެއެވެ. އެކި މަރުޙަލާގައި އެކި ވަރަށެވެ. 2010 ގައިވެސް ކުއްލިއްޔާ ނައްތާލުމަށްޓަކައި އެއިރުގެ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ޤަރާރެއް ނެރުއްވި އެވެ. އަދި އެގޮތުން ޤައުމީ ޔުނިވަރސިޓީގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެ ޤަރާރާ ގުޅިގެން އުފައްދައި ކުއްލިއްޔާގައި ތިބި ކުދިން އެތަން ނަޤުލުކުރަން ފެށިއެވެ. ބައެއް ދަރިވަރުން ދިޔައެވެ. އަނެއްބަޔަކު ކުއްލިއްޔާގައި މަޑު ކުރީ އެއިރުގެ ކުއްލިއްޔާގެ ލީޑަރޝިޕްގައި ތިއްބެވި ޢިއްޒަތްތެރި ބޭފުޅުންގެ މަތިވެރި މަސައްކަތުން ކުއްލިޔާ މިނިވަންކަމާއެކު ދެމެހެއްޓުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ދައުލަތުގެ މަތިވެރި އުންމީދެކެވެ. އެއީ އިސްލާމީ އުންމަތުގެ ވެސް އުންމީދެކެވެ. ޢަރަބި އިސްލާމީ ދުނިޔެއާއި ރާއްޖެއާ ގުޅުވާދޭ ފާލަމެވެ. އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި އިސްލާމީ ޔުނިވަސިޓީތައް ހުރުމަކީ އޯއައިސީގެ ރިކޮމެންޑޭޝަނެއް ވެސް މެއެވެ. މި ފަދަ މުއައްސަސާއެއް ވުޖޫދައި ހުންނަންޖެހޭނެ އެވެ. އޭގެ މުސްތަޤިއްލުކަމާއި އަމިއްލަ ޒާތުގައެވެ. ފުރިހަމަ ކަމާއި ޝަރަފުގައެވެ.
މިހާރު ގެންނަންވީ ބަދަލަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މުސްތަޤިއްލު ކަމާއެކު ބެހެއްޓުމާއެކު ޔުނިވަރސިޓީގެ ދަށަށް އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ ވެސް ބަދަލު ކުރުމެވެ. އެއީ އިންޓަރނޭޝަނަލް އިސްލާމިކް ސްކޫލެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަށުގައި ހުންނަ މަރުކަޒަކަށް ހަދަންޖެހެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަންޑަ ގްރެޖުއޭޓް އިސްލާމީ ކޯސްތައް ވެސް އިސްލާމީ ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރަންޖެހެއެވެ. ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒް އިން އިސްލާމީ ދާއިރާގެ ތަފާތު ރޮނގުތަކުން ޕީއެޗްޑީ ހެދޭ ގޮތައް އެކަނި އޮތުމުން ފުދޭނެ އެވެ. އެއީ އިސްލާމީ ޔުނިވަރސިޓީއިން ވެސް ޕީއެޗްޑީ ހެދޭ ގޮތަށް އޮންނަ ޙާލުގައެވެ. މިއީ ބުރޫނާއި ގައި އަމަލު ކުރާ ގޮތެވެ. އެ ޤައުމުގައި ދައުލަތުގެ އިސްލާމީ ޔުނިވަރސިޓީ އުފެދުމުން ޤައުމީ ޔުނިވަރސިޓީ ގައި އޮންނަ އަންޑަރ ގްރެޖުއޭޓް ބައި އުވާލީއެވެ.
މި ދެންނެވީ އުޞޫލީ ބަދަލެއް ކޮންމެހެން ގެންނަން ބޭނުން ނަމަ ގެނެވިދާނެ ބަދަލު ތަކެކެވެ. ގެނައުން ކޮމެހެން ލާޒިމު ބަދަލު ތަކެއް ނޫނެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް ދަރިވަރުންނަށް ވެސް ފުރުޞަތު ހުޅުވާލަންވީއެވެ. އެއީ ރާއްޖެއަކީ ސަރަޙައްދުގެ އިސްލާމީ ތަޢުލީމީ ހަބަކަށް ހެދިދާނެއެވެ. ޚާއްޞަކޮށް އިސްލާމީ އިޤުތިޞާދާއި ޢަރަބި ބަހާއި ޒަމާނީ އިސްލާމީ ތަޢުލީމު އުނގެނެން ގިނަ ބަޔަކު ރާއްޖެއަންނާނެއެވެ. ޚާއްޞަކޮށް މަތީ ތަޢުލީމުގެ މަރުޙަލާތަކަށް ކިތައްމެ ބަޔަކު އަންނާނެއެވެ. މީގެ ނަތީޖާއަކަށްވާނީ މެލޭޝިޔާ ފަދަ ޤައުމަކަށް ރާއްޖެވެގެން ދިއުމެވެ.
މިކަންކަމާއެކު ދެން ކުރަންވީ ކަމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މައި އިދާރާއަކީ ދިވެހި ރާއްޖޭގައި ޤާއިމު ކުރާ ކިންގ ސަލްމާން އިސްލާމީ ސެންޓަރ ކަމުގައި ހެދުމެވެ. އިސްލާމް އާބާދުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސީގެ ރަސްމީ ބިނާ އަޅައި ނިމެންދެން އެތަން ހިންގަމުން އައީ ކިންގ ފައިސަލް މިސްކިތުގައެވެ. ކިންގ ފައިސަލް މިސްކިތަކީ އެގޮތަށް ހޯލާއި ކްލާސް ރޫމްތަކާއެކު ބިނާކުރެވިފައިވާ މަރުކަޒެއްކަމުން މިއަދާ ހަމައަށް ވެސް އެތަނަކީ އިންޓަރނޭޝަނަލް އިސްލާމީ ޔުނިވަރސިޓީގެ ބައެކެވެ. ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މައި އިދާރާއަކަށް ކިންގ ސަލްމާން އިސްލާމީ ސެންޓަރ ބަދަލުކުރުމަށް އެދި ނިމިދިޔަ ސަރުކާރުގައި އިންތިޚާބުގެ ކުރިން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ރަސްމީކޮށް ސިޓީ އިން އަޅުގަނޑު ވާނީ ދަންނަވާފައެވެ.
މި ދެންނެވި ނަޒަރިއްޔާގެ ދަށުން ކަންކަން ކުރައްވައިފި ނަމަ އެއް ފަންގިފިލާއެއްގެ ދަށަށް ރާއްޖޭގެ އިސްލާމީ ތަޢުލީމު ގެނެވުނީއެވެ. އިސްލާމީ ތަޢުލީމު ކުރިއަރުވައި ދަމަހަޓަން އެނގޭނީ އެކަމުގެ އަހުލުވެރިންނަށެވެ. މިކަންކަމުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ އޯއައިސީ އެފިލިއޭޓް ތަނަކަށް ހެދުމަށް ދިވެހި ސަރުކާރުން ޚާރިޖިއްޔާ މެދުވެރިކޮށް އޯއައިސީ އަށް ހުށަހެޅުމުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު އޯއައިސީގެ ފަންޑު ލިބޭ ތަނަކަށް ޔުނިވަރސިޓީ ވެގެން ހިގައިދާނެއެވެ. ދައުލަތުން އުފުލަންޖެހޭ މާލީ ތަކުލީފުތަކަށް ލުޔެއް ލިބިގެން ހިގައިދާނެކަމުގައި ބެލެވެއެވެ. އުންމީދާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެއެވެ.
ހެދިބޮޑުވަމުން ފުރިހަމަ ވަމުން އަންނަ ފަޚުރުވެރި ތާރީޚެއް އޮތް ޢިލްމީ މުއައްސަސާގެ ދައުރު ހަނިކޮށް އެތަން ފެކަލްޓީ އަކަށް ބަދަލުކޮށް އެހެން ބަޔަކާ ޙަވާލު ކުރުމަކީ ބަލައި ބޮޑުކުރަމުން އަންނަ ދަރިޔަކު މަންމަ ގާތުން ގަދަކަމަށް ނަގާފައި އެހެން މީހަކާ ޙަވާލުކުރުން ފަދަ ކަމެކެވެ. ވީމާ އެކަން އެގޮތައް ނުކުރާށެވެ. ކަންކަން އިޞްލާޙުކޮށް ފުރިހަމަކުރުމަކީ މައްސަލައެއްނޫނެވެ. ތަންތަން ނައްތާނުލާށެވެ. ސަރުކާރަށް ވެސް ރައްޔިތުންގެ މަޖްލީހަށް ވެސް އަޅުގަނޑު ކުރާ އިލްތިމާސަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މުސްތަޤިއްލުކަމާއެކު ދަމަހައްޓަންކުރާ އިލްތިމާސެވެ. ދުޢާއަކީ މާތް ﷲ އެންމެ ބޭފުޅުންނަށް ހެޔޮ ވިސްނުން މިންވަރު ކުރެއްވުމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އަދަށް ވުރެ ފެހި މާދަމާއަކަށް އެދެމެވެ.