ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ 9 އިން 10 އަކަށް އޮންނަ "ބާލިން އެނާޖީ ޓްރާންސިޝަން ޑަޔަލޮގު" ގެ ފަސް ވަނަ ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންނަވާނެ ކަމަށެވެ. އެ ބައްދަލުވުމަކީ ތިމާވެއްޓަށް ގެއްލުން ކުޑަ ހަކަތަ އުފެއްދުމަށް ހިޔާލު ބަދަލު ކުރުމަށް ބޭއްވޭ މުހިންމު މަޝްވަރާތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގެ ތެރެއިން، އިއާދަކުރެނިވި ހަކަތާއި ގުޅޭގޮތުން ބާއްވާ މަޝްވަރާ ޕެނަލްގައި ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ. މި ދަތުރުފުޅުގައި ޝާހިދު ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރައްވާނެކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ރާއްޖެއާ ގާތް ގައުމުތަކުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާ ކުރެއްވުމާއެކު އެ ގުޅުން އިއާދަ ކުރަން މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކަށް ދަތުރު ކުރައްވައިފަ އެވެ.
އެ ދަތުރުތަކުގައި ކުރެއްވި މަޝްވަރާތަކުން ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ގިނަ އެހީތަކެއް ވަނީ ހޯއްދަވައިފަ އެވެ.
ވޭތުވެދިޔަ ހަތަރު މަސް ދުވަހު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.