ހަބަރު

ޖަރުމަން ވިސާ ނަގަން ވަގުތީ ބަޔޯމެޓްރިކް ކްލިނިކެއް

ޖަރުމަންވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ޖާމަން ޝެންގެން ވިސާ ނެގުމަށް ވަގުތީ ގޮތުން ވިސާ ބަޔޯމެޓްރިކް ކްލިނިކެއް އަންނަ ފެބްރުއަރީ މަހުގެ ތިންކުން ފެށިގެން ފަހަކަށް ފޮރިން މިނިސްޓްރީގައި ހުޅުވަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ކްލިނިކް އިންތިޒާމްކުރަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަރުމަންވިލާތުގެ އެމްބަސީގެ ފަރާތުން ކަމަށާއި އަންނަ މަހު ތިނަކުން ފަސް ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ވިސާގެ ހިދުމަތަށް އެދިވަޑައިގަންވާ ބޭފުޅުންނަށް ބަޔޯމެޓްރިކް ކްލިނިކްގެ އެޕޮއިންޓްމަންޓް ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 ގެ ކުރިން ހައްދަން ފޮރިން މިނިސްޓްރީން ބުންނެވެ.

އެ ވިސާ ކްލިނިކަކީ ޖަރުމަންވިލާތަށް، ހާއްސަކޮށް އައިޓީބީ ފެއަރއާ ދިމާކޮށް ޖަރުމަންވިލާތުގެ ބަރލިންއަށް ޒިޔާރަތްކުރާ ދިވެހިންނަށް ޝެންގެން ވިސާ ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކްލިނިކެއް ކަމަށާއި، މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ ސަފީރު ޖޯން ރޯޑް، މާލޭގައި ދާއިމީ ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް ޤާއިމްކުރައްވާނެކަމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީއާއި ވީ.އެފް.އެސް ގްލޯބަލް ގުޅިގެން ދަނީ ކުރަމުން ކަމަށާއި، އެސެންޓަރުގެ ހިދުމަތް މިއަހަރުގެ މާޗް މަހު ފެށިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.