ހަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ

Apr 8, 2019
6

ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ ބަހައްޓަންޖެހޭނެ ކަމަށާއި ބިޑްގައި ބައިވެރިވާން ވެސް 500 ރ. ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

މިއަދުން ފެށިގެން ބީލަން ހުށަޅަން ހުޅުވާލި އިރު ހުޅުވުން އޮންނާނީ 8 މެއި 2019 ގައެވެ. މި މަސައްކަތްތަކާއި ބެހޭ ލިޔެކިޔުންތައް ލިބޭނީ ހެރިޓޭޖް މިނިސްޓްރީންނެވެ.

ކަޅުވަކަރު މިސްކިތް ރާވައި ބަހައްޓަނީ ކުރިން ދިރާގު ހުރި ބިމުގަ އެވެ. އެ މިސްކިތް އަލުން ބެހެއްޓި ނަމަވެސް އެ މިސްކިތުގައި ބަންގިއެއް ނުގޮވާނެ ކަމަށެވެ. މުދިމެއް ވެސް ނުހުންނާނެ އެވެ. އެގޮތަށް ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމީ، އެ މިސްކިތް ބަހައްޓާ ބިމުގެ ކުރިމަތީގައި އިސްލާމީ މަރުކަޒު ހުރުމުން، ނަމާދު ކުރާ މިސްކިތެއް ކުރިމަތީ އެހެން މިސްކިތެއް ނަމާދު ކުރެވޭ ގޮތަށް ބެހެއްޓުން ރަނގަޅު ނޫން ކަމަށް ބައެއް ދީނީ އިލްމްވެރިން ވިދާޅުވެފައިވާތީ އެވެ.