ތާރީހީ މިސްކިތް ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ފިނޭސް މިނިސްޓްރީން އަލުން އިއުލާންކޮށްފި އެވެ.
އެކަމަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވައިލީ މިދިޔަ މަހުގެ 8ވަނަ ދުވަހު އެވެ. ނަމަވެސް އެ ފުރުސަތުގެ ސުންގަޑި ހަމަވި އިރު، އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ފިނޭސުން އަލުން ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކުރީ އެވެ.
އަލަށް ހުޅުވާލީ ފުރުސަތުގެ މުއްދަތު މިމަހު 22 ވަނަ ދުވަހު ހަމަވާނެ ކަމަށް ފިނޭސުން ބުންޏެވެ. ކަޅުވަކަރު މިސްކިތް ބަހައްޓަން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަން ޖެހޭ އިރު އަދި ބީލަމުގައި ބައިވެރިވާން 500 ރުފިޔާގެ ފީއެއް ވެސް ދައްކަން ޖެހެ އެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓަން ނިންމާފައިވަނީ ކުރިން ދިރާގު އޮފީސް ހުރި ބިމުގައި އެވެ. އަދި އެމިސްކިތް ބަހައްޓަނީ ނަމާދު ކުރާ ގެއެއްގެ ގޮތުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީ ވަނީ ބުނެފަ އެވެ.
ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލުމަށްފަހު ވަނީ އެތަނުގައި ވަނީ ވިންޓާ ޕާކެއް އަޅައިފަ އެވެ. ކަޅުވަކަރު މިސްކިތް ރޫޅާލުމަށްފަހު ނިންމީ އެމިސްކިތް ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. ނަމަވެސް މިސްކިތް ތިނަދޫއަށް ނުގެންގޮސް، މިސްކިތުގެ ބައިތަށް ބަހައްޓައިފައިވަނީ ދާރުލް އާސަރުގަ އެވެ.