ހަބަރު

ރައީސްގެ ރުހުން ނެތި ނިޒާމް ބަދަލުކުރަން ނޫޅޭނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު ނެތި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވި ހިސާބުން ފެށިގެން ވެސް އެމަނިކުފާނު އުޅުއްވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ކަމަށް ވާހަކަތައް ފެތުރުނެވެ. އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ފެށުނީންސުރެ ވެސް ތާއިދު ކުރައްވާ ބޭފުޅެކެވެ.

މިހާރު ރާއްޖޭގައި ރިޔާސީ ނިޒާމް އިހްތިޔާރުކުރީ ރައްޔިތުންގެ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީއިން ވަކާލާތު ކުރީ ބަރުލަމާނީ ނިޒާމަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ނިޒާމް ކަމަށެވެ. އެމްޑީޕީ ގަބޫލު ކުރާ ފަލްސަފާއަކީ ވެސް އެއީ ކަމަށެވެ.

އެހެންނަމަވެސް ނިޒާމް ބަދަލު ކުރާ މި ވަގުތު ދައްކާ ނަމަ، އެ ވާހަކައެއް އިސްވެ ދައްކަވަންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސްއަށް އުނދަގޫފުޅުވާ ގޮތަކަށް އަޅުގަނޑެއް އެކަހަލަ ކަމެއް ކުރާކަށް ދުވަހަކު ވެސް ނޫޅޭނަން، އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގަ މި ތިބީ، އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ވެސް އެމްޑީޕީ، ރައްޔިތުންގެ މަޖިލީހަކީ ވެސް އެމްޑީޕީ، މި ވަގުތަށް ބަލާއިރުގަ އަޅުގަނޑުމެންނަށް އޭގެންވާ އުނދަގުލެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު އަދިވެސް ދެކެނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމޭ، އެ ނިޒާމް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފްވެގެން އަންނަ ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި ޕާޓީގެ ކޮންގްރެސްގައި ވެސް ގުނަވަންތަކުގައި ވެސް މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް އައިސް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން، މިއީ ވަރަށް ދިގު މަސައްކަތެއް، މިއިން އެއްވެސް މަސައްކަތެއް ފަށައިގަންނަން ވެސް ޖެހެނީ ރައީސްގެ އިޒްނަ ވެސް ރުހުން ވެސް ހިތް ވެސް އޮވެގެން،"

ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާއިރު ބޮޑު ވަޒީރު ކަމަށް ޝައުގުވެރިކަން އެބަ ހުންނެވިތޯ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެމަނިކުފާނު ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާ ކަމަށެވެ.

އެހެންނަމަވެސް މި ވަގުތު ނިޒާމް ބަދަލުކުރުމަކީ އެންމެ މުހިންމު ކަމެއް ނޫންކަން ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން އަވަހަށް ހާސިލްކޮށް ދިނުން ކަމަށެވެ. އެކަމަށް ރައީސް ސޯލިހަށް ވެސް ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ރައީސް ސޯލިހު ގާތު ނުދެންނެވި ނަމަވެސް އެމަނިކުފާނަށް އެކަމެއް އެނގިވަޑައިގަންނަވާ ކަމަށެވެ. ހަމައެހެން ރައީސް ސޯލިހު ބޭނުންފުޅުވާ ކަންކަން ވެސް އެމަނިކުފާނަށް މާކުރިން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ދެމީހުންނަށް ހިތުލީ އަދަދު އެނގޭނެ، އަޅުގަނޑަށް އެނގޭނެ ރައީސް ބޭނުންފުޅުވާ ގޮތް، އަޅުގަނޑުމެން ދެމީހުން ވިހޭންސުރެ އެކީގަ އުޅޭ ދެމީހުން، އަޅުގަނޑުމެން ނުޖެހޭނެ ރުޅި އައިސްގެން އުޅޭކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން އެޅި އެންމެ ބޮޑު ޅަ އެއްޗަކީ ވެސް އެމަނިކުފާނާއި ރައީސް ސޯލިހާ ދެމެދަށް ވަދެގެން ކާމިޔާބު ހޯދޭނެ ކަމަށް ދެކުން ކަމަށެވެ. އެކަމަނިކުފާނާއި ރައީސް ސޯލިހާ ދެމެދު މައްސަލަ ޖެއްސުމަކީ ނުވާނެ ކަމަށް ވިދާޅުވި އެވެ.