ބުޅި އިސްތަށިގަނޑަކީ ވަރަށް ބޮޑަށް ބަލަހައްޓަންޖެހޭ އެއްޗެކެވެ. ބުޅިއިސްތަށިގަނޑަށް މެދުވެރިކާ ކަންކަމަށް ބަލާއިރު އިސްތަށިގަނޑު ޑްރައިވުމާއި ފްރިޒީވުން މިއީ އާއްމުކަންކަމެވެ. މިހެން ދިމާވުމަށް މެދުވެރިވާ އެއް ސަބަބަކީ ބޮލުތެރޭގައި އިސްތަށިތަކުގެ ބުޑުގައި އުފައްދާ ގުދުރަތީ ތެޔޮކަން އިސްތަށިގަނޑުގެ ކޮޅަށް ދިއުމަށް ބުޅިތަކުގެ ސަބަބުން ހުރަސްއެޅޭތީ ދިމާވާކަމެއް ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.
އެހެންކަމުން އިސްތަށިގަނޑަށް ބޭނުންވާ ތެތްކަން ނުވަތަ މޮއިސްޓަރައިޒޭޝަން ނުލިބުމުގެ ސަބަބަން ޑްރައިވެ އިސްތަށިގަނޑު ފުއްޕުމަށް މެދުވެރިވެއެވެ. ފިހާރަތަކުން ގަންނަ ކޮންޑިޝަނަރުގެ އިސްތަށިގަނޑު ރަނގަޅަށް މޮއިސްޓަރިޒްކޮށްދިން ކަމުގައިވީ ނަމަވެސް މިތަކެތީގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބުމަށް މެދުވެރިވެދާނެއެވެ. އެހެންކަމުން، ބުޅި އިސްތަށިގަނޑަށް ގޭގައި ތައްޔާރުކުރާ ނެޗުރަލް ކޮންޑިޝަނަރއެއް ހިޔާރު ކުރެވިދާނެއެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ތަފާތު އެކި އެކި ފއިދާތަކެއް ކުރެއެވެ.
ހޯމްމޭޑް ނެޗުރަލް ކޮންޑިޝަނަރއިން ކުރާ ފައިދާތަކަށް ބަލާއިރު ފުރަތަމަ ކަމަކަށް މީގެން އިސްތަށިގަނޑު މޮއިސްޓަރައިޒްކޮށްދީ އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ. އިސްތަށިގަނޑު މޮއިސްޓަރައިޒްކޮށްފައި ހުރެއްޖެނަމަ ހަލާކުވުމުން ދުރުކޮށްދެއެވެ. އަދި ދެކަފިވުމާއި އިސްތަށިފޭބުމުންވެސް ދުރުކޮށްދެއެވެ. ރަނގަޅަށް މޮއިސްޓަރައިޒްކޮށްފައިވާނަމަ އިސްތަށިގަނޑުގެ އިލާސްޓިސިޓީ ވަރުގަދަކޮށްދީ އިސްތަށިގަނޑުގެ ދަޅަވެސް އިތުރުކޮށްދޭނެއެވެ. ބަދިގޭގެ ކަބަޑުގައި ހުންނަ ސާމާނުން މި ފަދަ ކޮންޑިޝަނަރ ތައްޔާރު ކުރެވިދާނެއެވެ. އަދި މިގޮތުން ފަސޭހައިން ތައްޔާރުކޮށްލެވޭ ރަނގަޅު ކޮންޑިޝަނަރ ތަކެއް ފާހަގަކޮށްލާނަމެވެ.
1. ގްރީކް ޔޯގަޓް އެންޑް ކޮކޮނަޓް މިލްކް ޑީޕް ކޮންޑިޝަނަރ
ގްރީކް ޔޯގަޓަކީ ހެދުނުގެ ނާސްތާ ކުރުމުގެ އިތުރުން ކޮންޑިޝަނަރެއްގެ ގޮތުގައި ބޮލުގައި ހޭކުމަށް ވަރަށް ރަނގަޅު އެއްޗެއްކެވެ. ގްރީކް ޔޯގަޓާއި ކާށިކިރު އެއްކުރުމުން އިސްތަށިގަނޑު ރަނގަޅަށް މޮއިސްޓަރައިޒްކޮށްދެއެވެ. އަދި އިސްތަށިގަނޑުގެ ބުޅިތަށް ވަކިކޮށްދީ ރީތިކޮށްދޭނެއެވެ.
މި ކޮންޑިޝަނަރ ހެދުމަށް ބޭނުންވާނެ ތަކެތި
1 މޭޒުމަތީ ސަމްސާ ގްރީކް ޔޯގަޓް
¼ ޖޯޑު ކާށިކިރު
1 މޭޒުމަތީ ސަމްސާ ކާށިތެޔޮ
2 މޭޒުމަތީ ސަމްސާ މާމުއި
4 ތިކި ލެވެންޑަރ އެސެންޝަލް އޮއިލް
ތައްޔާރު ކުރާނެ ގޮތް
ބޯތަށްޓެގައި ހުރިހާ އެއްޗެއް އެއްކުރާށެވެ.
އިސްތަށިގަނޑު އެކި ބައި ބަޔަށް ބަހާލާށެވެ.
އިސްތަށިގަނޑުގެ ބުޑުން ފެށިގެން ކޮޅާއި ޖެހޭ ގޮތަށް މި މިކްސް ރަނގަޅަށް އުނގުޅާލާށެވެ.
އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށް ފަހު ޝަވަރ ކެޕެއް އަޅާށެވެ.
އަދި މިގޮތަށް 45 މިނެޓު ބެހެއްޓުމަށްފަހު ރަނގަޅަށް ޝޭމްޕޫލައިގެން ދޮވެލާށެވެ.
2. ބިހާއި އޮލިވް އޮއިލް ކޮންޑިޝަނަރ
ރޯ ބިސް އިސްތަށިގަނޑުގައި ހޭކުމަށް ކުޑަކޮށް ފަކުރުގަނެދާނެއެވެ. އެހެންނަމަވެސް ބިހަކީ ބުޅި އިސްތަށިގަނޑަށް ވަރަށް ރަނގަޅަށް ކޮންޑިޝަންކޮށްދޭ އެއްޗެއްކެވެ. ބިހުގައި ވިޓަމިން އޭގެ މާއްދާ ހިމެނޭތީ އިސްތަށިގަނޑަށް ބޭނުންވާ ސީބަމް މާއްދާ އުފައްދާދިނުމަށް އެހިތެރިވެއެވެ. އަދި މީގެ ސަބަބުން އިސްތަށިގަނޑު އަމިއްލައަށް ކޮންޑިޝަންވުމަށްވެސް އެހީތެރިވެދެއެވެ. އޮލިވްއޮއިލް އިސްތަށިގަނޑު ހައިޑްރޭޓް ކޮށްދެއެވެ. މި ދޭތީ އެކީގައި ބޭނުންކުރުމުން އިސްތަށިގަނޑުގެ ފްރިޒް އިން ސަލާމަތްކޮށްދީ ބުޅިތަށް ރީތިވެއެވެ.
ބޭނުންވާތަކެތި
1 ބިސް
1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
ތައްޔާރުކުރާނެ ގޮތް
. ބިސް ރަނގަޅަށް ގިރުވާލާ އޮލިވްއޮއިލް މިއާއި އެއްކޮށްލާށެވެ.
. މި މިކްސް ހިކިކޮށް އިސްތަށިގަނޑު ބަހައްޓާފައި އުނގުޅާށެވެ.
. ޝަވަރ ކެޕެއް އެޅުމަށްފަހު ބްލޯޑްރައި މަޑު ހޫނުގައި 10 މިނެޓް ބްލޯޑްރައކުރާށެވެ.
. އިސްތަށިގަނޑު ދޮވެލާ ޝޭމްޕޫކުރާށެވެ.
3. ކާށިކިރާއި މާމުއި ކޮންޑިޝަނަރ
ކާށިކިރާއި މާމުއި އެއްކޮށްފައި ބޮލުގައި ލުމުން އިސްތަށިގަނޑުގެ ބުޅިތަށް މަޑުކޮށްދެއެވެ. ކާށިކިރުގެ ސަބަބުން ހަލާކުވެފައިވާ އިސްތަށިގަނޑަށް އަލުން ދިރުން ގެނެސްދެއެވެ. އަދި މާމުއިގެ ސަބަބުން އިސްތަށިގަނޑަށް މަޑުކޮށްދީ މޮއިސްޓަރައިޒްކޮށްދޭނެއެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ކާށި ކިރު
4 މޭޒުމަތީ ސަމްސަ މާމުއި
ތައްޔާރު ކުރާނެ ގޮތް
ކާށިކިރާއި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ.
ބޮލުގައި ޝޭމްޕޫލުމަށްފަހު މި މިކްސް ރަނގަޅަށް ބޮލުގައި ހާކަލާށެވެ.
ހޭކުމަށްފަހު 10 ވަރަކަށް މިނެޓު ބަހައްޓާ އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.
4. ލުނބޯ ޖޫސް، އޮލިވް އޮއިލް ކާށިކިރު ހެއަރ ކޮންޑިޝނަރ
ކާށިކިރާއި އޮލިވް އޮއިލްއަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެއްކަން އިނގެއެވެ. މީގެ އިތުރުން ލުނބޯޖޫސް ބޭނުންކުރުމުން އިސްތަށިގަނޑު ފުއްޕުމާއި ހިއުމިޑިޓީގެ ސަބަބުން އިސްތަށިގަނޑަށް ކުރާ އަސަރު ކުޑަވެ އިސްތަށިގަނޑު ރީތިކޮށް އޮވެއެވެ.
ބޭނުންވާ ތަކެތި
2 ސައިސަމްސާ ލުނބޯ ޖޫސް
2 ސައިސަމްސާ އޮލިވް އޮއިލް
1 މޭޒުމަތީ ސަމްސާ ކާށި ކިރު
ތައްޔާރު ކުރާނެގޮތް
. ބޯތަށްޓެއްގައި ލުނބޯ ޖޫސް އާއި އޮލިވް އޮއިލް އަދި ކާށިކިރު ރަނގަޅަށް އެއްކޮށްލާށެވެ.
. މި މިކްސް އިސްތަށިގަނޑު ހިކިކޮށް އޮއްވާ މުޅި އިސްތަށިގަނޑުގައި ހާކާލާ 20 މިނެޓު ބަހައްޓާށެވެ.
. އެއަށް ފަހު ރަނގަޅަށް ތާފަނާ ފެނުން އިސްތަށިގަނޑު ދޮވެލާށެވެ.
މެޔޯނައިސް ޔޯގަޓް އަދި ބިހުގެ ހުދުބައިން ތައްޔާރު ކުރާ ކޮންޑިޝނަރ
ވަރަށް ފަކުރު މިކްސްއެއް ހެން ހީވިކަމުގައިވިއަސް މި ކޮންޑިޝަނަރ އަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެއްކެވެ. މެޔޮނައިސް އަކީ ބުޅި އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. މެޔޮނައިސް އިސްތަށިގަނޑުގެ ފުއްޕުން މައިތިރިކޮށްދީ ބުޅިތަށް ރީތިކޮށްދެއެވެ. އަދި ޔޯގަޓް އިން އިސްތަށިގަނޑު މޮއިސްޓަރައިޒްކޮށްދޭ އިރު ބިހުގެ ހުދުބައިގައި ލޫޓެއިން ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ދަޅަ އިތުރުކޮށްދެއެވެ.
ބޭނުންވާ ތަކެތި
¼ ޖޯޑު މެޔޮނައިސް
¼ ޖޯޑު ޔޯގަޓް
1 ބިހުގެ ހުދުބައި
ތައްޔާރު ކުރާނެ ގޮތް
. މެޔޮނައިސް، ޔޯގަޓް އަދި ބިހުގެ ހުދުބައި ރަންގަޅަށް އެއްކޮށްލާށެވެ.
. މި ޕޭސްޓް އިސްތަށިގަނޑުގެ ބުޑުން ފެށިގެން ކޮޅާއި ޖެހެންދެން ހާކާލާށެވެ.
. ޝަވަރކެޕެއް އަޅައިގެން 30 މިނެޓު މަޑުކޮށްލާށެވެ.
. މާ ބާރުގަދަ ނޫން ޝޭމްޕޫއަކުން އިސްތަށިގަނޑު ދޮވެލާށެވެ.