ދުނިޔެ

ގުރުއާން ތަރުޖަމާ ރައީސް ސިރީސެނާއަށް ހަދިޔާކޮށްފި

ކީރިތި ޤުރުއާނުގެ ސިންހަޅަ ތަރުޖަމާގެ ފުރަތަމަ ކޮޕީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސެނާއަށް ހަދިޔާ ކުރައްވައިފި އެވެ.

އޯލް ސިލޯން ޖަމިއްޔަތުލް އުލާމާ (އޭސީޖޭޔޫ) އިން ނެރުނު ކީރިތި ޤުރުއާނުގެ ސިންހަޅަ ތަރުޖަމާ އިފްތިތާހު ކުރުމަށް އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ސިރީސެނާއަށް މި ފޮތް ހަަދިޔާ ކުރެއްވީ އޭސީޖޭޔޫ ގެ ޗެއާމަން ޝެއިޚް ރިޒްވޭ މުފްތީ އެވެ.

އޭސީޖޭޔޫ އިން މި ޤުރުއާން ތަރުޖަމާ ވީހާވެސް ފުރިހަމަ ތަފްސީލު ހިމަނައިގެން ނެރުމަށް އިސްލާމް ދީނުގެ އިލްމުވެރިންނާއި ގުޅިގެން އަށް އަހަރު ވަނީ މަސައްކަތް ކޮށްފަ އެވެ.

މި ހަފްލާގައި ސިރީސެނާ ވިދާޅުވީ ބައެއް މީހުން ބައިބައިވުން އުފެއްދުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ވާހަކަ ދައްކާ ބަހުރުވަ ބޭނުންކުރި ނަމަވެސް، ތަފާތު ބަހަކުން ވާހަކަ ދައްކާތީ ބައިބައިވާން ޖެހޭކަން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ލަންކާގެ ސިޔާސީ ބޭފުޅުން އެއީ ކޮންމެ ޕާޓިއަކަށް ނިސްބަތްވާ ބޭފުޅުންނަށްވީ ނަމަވެސް ބަހުގެ ތަފާތު ކުރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ސިރީސެނާ ވިދާޅުވަނީ މިފަދަ ތަފާތު ކުރުންތަކުގެ ސަބަބުން މުޖުތަމައު ބައިބައިވެ ގައުމީ އެއްބައިވަންތަކަން ހާސިލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވާ ކަމަށާއި އެފަދަ ތަފާތުކުރުންތައް މުޖުތަމައުން ނައްތާލަން ޖެހޭ ކަމަށެވެ. އަދި މުޖުތަމައުތަކުގަ އިތުބާރު ދަމަހައްޓާ އެއްބައިވަންތަކަން އުފެއްދުމަށްޓަކައި ކީރިތި ޤުރުއާނުގެ މި ތަރުޖަމާއަކީ ކިތަންމެހާވެސް ރަނގަޅު އަދި ބޭނުންތެރި މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވަނީ ބައެއް މީހުން އެމީހުން ސަތޭކަ އަހަރު ވަންދެން ދިރިތިބޭނެ ކަމަށް ހީކޮށް ދަހިވެތި ކަމާއެކު ބައިވަރު މުދާތަކެއް އެއްކުރި ނަމަވެސް އެއީ ކުށް ހީއެއް ކަމަށެވެ. އަދި ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ދިރިއުޅުއްވި ސާދާ ގޮތް ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފި ނަމަ އާދައިގެ ދިރި އުޅުމުގެ އަގު ވަޒަން ކުރެވޭނެ ކަމަށެވެ.

މި ހަފްލާގައި ސިރިސޭނާގެ ކައުންސިލަރު ފާއިޒް މުސްތަފާގެ އިތުރުން އެ ގައުމުގެ ކުރީގެ އެޓާނީ އިން ލޯ އިމްތިޔާޒް ބަކީރު މަރްކަރު އަދި އޭސީޖޭޔޫ ގެ ސެކެޓްރީ އެމްއެމްއޭ މުބާރަކް ވާހަކަ ދައްކަވާފައި ވެއެވެ.