ގައުމީ ފުޓްބޯޅް ޓީމް

ގައުމީ ޓީމު މެނޭޖަރުކަމުން މޯ އިސްތިއުފާ ދީފި

ގައުމީ ޓީމުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުރި، މުހައްމަދު އީސާ 'މޯ' އެ މަގާމުން އިސްތިއުފާ ދީފި އެވެ.

މޯ ވަނީ، މިއަދު އޭނާގެ އިސްތިއުފާ އެފްއޭއެމްއަށް ހުށަހަޅާފަ އެވެ. މޯ ބުނީ، މެނޭޖަރު ކަމުން އިސްތިއުފާ ދޭން ނިންމީ ހިދުމަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރެވުމުން، ފުޓްބޯޅައިގެ އެހެން ދާއިރާއެއްގައި ކުރިއަށް ދިއުމުގެ ވިސްނުން ހުރުމުން ކަމަށެވެ.

"ކޮންމެވެސް ވަރެއްގެ ހިދުމަތްތަކެއް އަޅުގަނޑަށްވެސް ކޮށްދެވިއްޖެ، އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ދެން އަޅުގަނޑު ދުރައްޖެހިލުން އެންމެ ރަނގަޅު ވަގުތު އަތުވެއްޖެ ކަމަށް،" އިސްތިއުފާ ދިން ސަބަބާ ބެހޭގޮތުން މޯ ބުންޏެވެ. "ގައުމީ ޓީމުގައި އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ، އެ ދަސްވި ކަންކަމާއެކު ފުޓްބޯޅައިގެ އެހެން މަގާމެއްގައި މަސައްކަތް ކުރުމުގެ ވިސްނުން އެބަހުރި."

ގައުމީ ޓީމުގައި މަސައްކަތް ކުރިއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން ލިބުނު އެއްބާރުލުން މޯ ފާހަގަ ކުރި އެވެ.

ދިވެހި ފުރަތަމަ ޑަބަލް ގޯލްޑް މެނޭޖަރު

މި ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށް މޯ ވަނީ، މެނޭޖަރެއްގެ ހައިސިއްޔަތުން ބައިނަލްއަގްވާމީ ދެ މުބާރާތެއްގެ މެޑަލް ކަރުގައި އަޅުވާލި ފުރަތަމަ ދިވެއްސެއްގެ ޝަރަފު ހޯދާފަ އެވެ. ކުރިން ޓީސީގެ މެނޭޖަރުކަން ކުރި މޯ ވަނީ 2016 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދިއިރު އެ މުބާރާތުގައި ޓީސީއާއެކު މަސައްކަތް ކޮށްފަ އެވެ.

ގައުމީ ޓީމުގެ މެނޭޖަރު ކަމާ މޯ ހަވާލުވީ އެ މުބާރާތަށް ފަހު އެވެ. އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ ކޯޗު ކަމުގައި، މޯ ގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އިސްމާއީލް އީސާ ޓީމުން ބޭރު ކުރަން ނިންމުމުން މޯ ވަނީ އެކަމަށް އެއްބާރުލުން ދީފަ އެވެ.

އަޅުގަނޑު ބުނިން ކޯޗު [ސްޓުވާޓް] ކައިރީގައިވެސް، ކޯޗު ނިންމި ކޮންމެ ނިންމުމަކަށްވެސް އެއްބާރުލުން ދޭނަމޭ،" އިއްސްމާއީލް ޓީމުން ބޭރު ކުރަން ނިންމުމުން އެކަމާ ބެހޭގޮތުން މިދިޔަ އަހަރު އަވަސް އަށް ދިން އިންޓަވިއުގައި މޯ ވާހަކަ ދައްކާފައި ވެއެވެ. "އަޅުގަނޑު ގަބޫލު ކުރީ އަޅުގަނޑުގެ ކޮއްކޮ ވިޔަސް އަޅުގަނޑު ވަޒީފާގައި ޕްރޮފެޝަނަލް މިންތައް އަޅުގަނޑު ހިފަހައްޓާނަމޭ، އަޅުގަނޑު ހިތަށް އަރާ ސާފް ޗެމްޕިއަންޝިޕް ލިބުނުއިރުވެސް އޭނާ ޓީމުގައި ހުރި ނަމައޭ، ދެ މީހުން އެއްކޮށް ޓީމުގައި ހުރެގެން މި ކާމިޔާބު ލިބުނު ނަމަ ވަކިން ބޮޑަށް އުފާވީސް."

މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް، ރާއްޖެއިން ކާމިޔާބު ކުރިއިރު ޓީމުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި މޯ ވަނީ ފާހަގަ ކުރެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ.