ރިޕޯޓް

ޓޫރިޒަމް ފޯކާސްޓް: މި އަހަރު ރެކޯޑަކާ ދިމާލަށް!

Apr 10, 2019

ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ ޖުމްލަ އިގްތިސޯދު ފެނުނީ ހަލަބޮލި ކަމުގެ ތެރޭގަ އެވެ. ސަބަބަކީ ސިޔާސީ ގޮތުން ރާއްޖޭގައި އޮތް ނުތަވަސްކަމާއި ވާދަވެރިންނާއި އޭރުގެ ސަރުކާރަށް ބޭރުން އައި ފިއްތުން ތަކެވެ. ނަމަވެސް އާ ސަރުކާރެއް ވެރިކަމާ ހަވާލުވުމާއެކު އެ މައްސަލަތައް އޮބި ހަމަމަގަށް އެޅެން ފަށައިފި އެވެ. އެކަން ރާއްޖޭގެ އިކޮނޮމީގެ މައި ތަނބު ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ކުރިއެރުންތަކުން ފެނެ އެވެ. ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިސްރާބަކަށް ދަތުރުކުރާތަން މިހާރު ވަނީ ފެންނަން ފަށާފަ އެވެ. މިއަހަރު ޓޫރިޒަމް ފޯކާސްޓް ދައްކާ ގޮތުގައި މިހާރު މިދަނީ ރެކޯޑަކާ ދިމާލަށެވެ.

"މިހާރު ޓޫރިސްޓުން އަންނަ އަދަދު ތަކުން ފެންނަ ގޮތުގައި 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ޓާގެޓަށް އިރާދަ ކުރެއްވިއްޔާ މި އަހަރު ވާސިލް ވާނެ. އެކަން އަޅުގަނޑުމެންގެ ފޯކާސްޓް ތަކުން މިވަނީ ކަށަވަރުވެފައި،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ފެށުން މި އަހަރު ރަނގަޅުވިއިރު، މި ޕޮޒިޓިވް ނިޝާންތައް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިޔައީ ފެންނަމުންނެވެ. އެއް ސަބަބަކީ އާ ގިނަ އެއާލައިންތަކެއް ރާއްޖެއަށް ދަތުރު ފެށުމެވެ. އެއާއެކު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމަށް ދިރުން ލިބެމުންނެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 6.5 ޕަސެންޓް އިތުރުވެފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހު ޓޫރިސްޓު އެރައިވަލް ހިސާބުތަކުގައިވާ ގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 151,552 މީހުން އައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 142,351 މީހުންނާ އަޅާ ބަލާއިރު 6.5 ޕަސެންޓް އިތުރުވުމެކެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިިދިޔަ އަހަރު އެއް ގައުމަކުން އެންމެ ގިނަ މީހުން އައިސްފައިވަނީ ޗައިނާ އިންނެވެ. މިދިޔަ އަށެއްކަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނައިން މީހުން އަންނަ އެ ގައުމުން މިދިޔަ މަހު 25,804 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވާ 25,830 މީހުންނާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. މިދިޔަ އަހަރު އެ ގައުމުން އައި މީހުންގެ އަދަދު އޮތީ 0.1 ޕަސެންޓު ދަށްވެފަ އެވެ. ޔޫރަޕުން 83,528 މީހުން ވަނީ އައިސްފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ސަރަހައްދުން އައި 76,603 މީހުންނާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ. ޔޫރަޕުގެ ގައުމުތަކުން އެންމެ ގިނަ މީހުން ރާއްޖެ އައިސްފައިވަނީ ވެސްޓަން ޔޫރަޕަށް ނިސްބަތްވާ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 9,819 މީހުން އައިސްފައިވެ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައި 8,329 މީހުންނާ އަޅާ ބަލާއިރު 17.9 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި ސަރަހައްދުން ދެން އެންމެ ގިނައިން މީހުން އައިސްފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ދުވަސްވީ ބައިވެރިވާ ކަމަށްވާ އިޓަލީ ވިލާތުންނެވެ. އެ ގައުމުން މިދިޔަ މަހު 16,768 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 14,329 މީހުންނެވެ. މިއީ 17 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން މިދިޔަ މަހު އައިސްފައިވަނީ 10,175 މީހުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 9,442 މީހުންނާ އަޅާބަލާއިރު 7.8 ޕަސެންޓުގެ އިތުރު ވުމެކެވެ.

ޖެނުއަރީ މަހުގެ އެރައިވަލްސް

  • ޖުމްލަ 151,552 މީހުން
  • ޔޫރަޕުން 83,528 މީހުން
  • އޭޝިއާ/ ޕެސިފިކުން 55,116 މީހުން

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ އަދި ފެބްރުއަކީ މަހު ގިނަ ޓޫރިސްޓުން އާދެ އެވެ. ނަމަވެސް މި އަހަރު ފާހަގަ ކުރެވެނީ ވޭތުދިޔަ ތިން އަހަރު ދުވަހަށް ބަލާއިރު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައި އެއް މަހަށެވެ. ފެބްރުއަރީ މަހު 168,583 މީހުން އައިއިރު މިދިޔަ އަހަރު 144,286 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ 16.8 ޕަސެންޓް އިތުރުވުމެކެވެ.

ފެބްރުއަރީ މަހުގެ އެރައިވަލްސް

  • ޖުމްލަ 168,583 މީހުން
  • ޔޫރަޕުން 93,617 މީހުން
  • އޭޝިއާ/ ޕެސިފިކުން 61,894

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި އާ ސަރުކާރާއެކު ރާއްޖޭގެ ޓޫރިޒަމަށް ހަލުވި ކުރިއެރުންތަކެއް ލިބެމުންދާތަން ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން މާޗް [މިދިޔަ] މަހު ޓޫރިޒަމަށް 22 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"ޖެނުއަރީ މަހު 6.5 ޕަސެންޓުގެ ކުރިއެރުމެއް. އަދި މާޗް މަހު 16 ޕަސެންޓަށް ފަހު މާޗު މަހު 22 ޕަސެންޓުގެ އިތުރުވުމެއް. މިއީ މިދިޔަ އަހަރު މުޅި އަހަރާ ބަލާނަމަ 15 ޕަސެންޓުގެ ކުރިއެރުމެއް. މިކަމުން މި ފެންނަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެން ދިއުމުގެ ފެހި ސިގުނަލެއް. އެކަމަށްޓަކައި ޓޫރިޒަމް ސިނާތަށާއި ސަރުކާރާއި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި މި ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 482،978 މީހުން އައިސްފައިވާ ކަމަށެވެ.

"އެހެންވެ އިރާދުކުރެއްވިއްޔާ ރައީސް [އިބްރާހިމް މުހައްމަދު ސޯލިހު] ކަނޑައެޅުވި ޓާގެޓު 1.5 މިލިއަން ޓޫރިސްޓުން ގެނެވޭނެކަން، އަޅުގަނޑުމެންގެ ފޯކާސްޓް ތަކުން މިވަނީ ކަށަވަރުވެފައި،" އަލީ ވިދާޅުވި އެވެ.

މާޗް މަހު އެރައިވަލްސް

  • ޖުމްލަ 482،978 މީހުން
  • ޗައިނާ މީހުން އިތުރުވި
  • މާޗް މަހު 22 ޕަސެންޓް އިތުރުވި

ޓޫރިޒަމް ޕްރޮމޯޓް ކުރަން އާ ގިނަ މަސައްކަތް ތަކެއް ރާވަން ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ. ހާއްސަކޮށް އަވަށްޓެރި އިންޑިއާ މާކެޓު ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. މިއާއެކު އިންޑިއާ މިހާރުވެފައިވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަށެވެ.