ހަބަރު

މަރުތައް ބަލާ ކޮމިޝަނުން ޒާހިދުގެ ބަޔާން ނަގައިފި

މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒުގެ ބަޔާނެއް ނަގައިފި އެވެ.

މަަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒާހިދު އެ ކޮމިޝަނަށް ހާޒިރުވެ ބަޔާންދީފައި ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގާ، ޔާމީން ރަޝީދާ ބެހޭ ގޮތުން އޭނާ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގައި ކުރި ޓްވީޓުތަކާ ގުޅިގެން ކަމަށެވެ.

ޔާމީނާ ގުޅޭ ގޮތުން ޒާހިދު ކުރި ޓްވީޓުތަކުގައި ވަނީ މަރުގެ އިންޒާރުތަކެއް ދީފަ އެވެ.

މަރުގެ މައްސަލަތައް ބަލާ ކޮމިޝަން އިން ކުރި ޓްވީޓު

އޭޕްރިލް 23، 2017 ގައި ޔާމީން ދިރިއުޅޭ ގޭގެ ތެރެއަށް ވަންނަނިކޮށް 24 ތަނަކަށް ވަޅި ހަރާ މަރާލި މައްސަލަ ތަހުގީގުކޮށް އެ މައްސަލާގެ ޝަރީއަތްތައް ވެސް ވަނީ ފަށައިފަ އެވެ.

ނަމަވެސް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ މައްސަލަ އަލުން ބަލަން ފަށާފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދިޔަ ގޮތާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދުމާ ގުޅިގެނެވެ.