ގައުމީ ފުޓްބޯޅް ޓީމް

15 އަހަރުންދަށުގެ އިންޓެނޭޝަނަލް މުބާރާތް ރާއްޖޭގައި

ފަނަރަ އަހަރުން ދަށުގެ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ތާވަލު ކޮށްފި އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' ވިދާޅުވީ، ޖުލައި މަހު، އެ މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"މުބާރާތަށް އަންނާނެ ޓީމުތަކަކީ ކޮބައިކަން އަދި މުޅިން ފައިނަލު ނުވޭ،" ސާންތީ ވާހަކަ ދެއްކި އެވެ. "އާދެވެން ހުރި ގައުމުތަކާ ވާހަކަ ދައްކަމުން މި ގެންދަނީ."

މިއީ އުމުރު ފުރާގެ އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ބާއްވާނެ ފުރަތަމަ ފަހަރެވެ. އެފްއޭއެމުން މިދިޔަ އަހަރު ވަނީ އެކެޑެމީތަކަށް ހުޅުވާލައިގެން 15 އަހަރުން ދަށުގެ ލީގެއް ބާއްވާފަ އެވެ. ކުލަބު މޯލްޑިވްސްއިން އިން ވަނީ މިދިޔަ އަހަރު، ބޭރުގެ އެކެޑެމީތަކަށް ދައުވަތު ދީގެން 16 އަހަރުން ދަށުގެ ކުލަބު މުބާރާތެއް ރާއްޖޭގައި ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އާލީޓަޗް އެކެޑެމީ ހޯދީ ފައިނަލުގައި އިންޑިއާގެ ޓިޕްސް އެފްސީ އެކެޑެމީ ބަލި ކުރުމަށް ފަހު އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައިވެސް ފާހަގަ ކުރެވުނު ކުޅުންތެރިން ހިމަނައިގެން އުމުރު ފުރާގެ ގައުމީ ޓީމުތަކަށް ކުދިން ނެގުމުގެ މަސައްކަތް އެފްއޭއެމުން ކުރި އެވެ. އެ މަސައްކަތް ކުރީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ފަރީދު މުހައްމަދު 'ފަރިއްޓޭ' އެވެ.

އޭާ ބުނީ، މުބާރާތަށް ރާއްޖޭގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދަން، ސާންތީގެ އެދުމުގެމަތިން އިންޓަ ސްކޫލު މުބާރާތުން ފާހަގަ ކުރެވުނު ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖުލައި މަހަކީ ރާއްޖޭގެ މިނިވަން ދުވަސްވެސް ފާހަގަ ކުރާ މަހެވެ. މުބާރާތައް ދޭނެ ވަކި ނަމެއް މިހާތަނަށް އެފްއޭއެމުން ފާސްކޮށްފައެއް ނުވެ އެވެ.