ހަބަރު

ފުލުހުންގެ ފަރާތުން ފެނުނީ ފަހުރުވެރިވާނެ ހިދުމަތެއް: މިނިސްޓަރު

ފުލުހުންގެ އަހުލާގުގައި ހުންނަން ޖެހޭނެ އެންމެ އަސާސީ އެއް ސިފައަކީ އަމިއްލަ ނަފްސާއި މަސްލަހަތަށްވުރެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހު ގަދަވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ގ. ރެޑްޕާލްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފުލުހުން އަމަލު ކުރެއްވި ގޮތަށް ތައުރީފް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، އިއްޔެގެ އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންގެ ފަރާތުން ފެނުނު ހިތްވަރާއި ކުޅަދާނަ ކަމަކީ ދިވެހިން ފަހުރުވެރިވާ ހިދުމަތެއް ކަމަށެވެ. އެކަމަށް އިމްރާން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި އަލިފާން ނިައްވައި ގޭގައި ތިބި މީހުން ސަލާމަތް ކުރަން ފުލުހުން އެވަގުތު ހަރަކާތްތެރިވާ ވީޑިއޯއެއްވެސް ވަނީ ޓްވީޓްގައި ހިމަނާފަ އެވެ.

ރެޑްޕާލްގައި ރޭ މެންދަމު 3:45 އެހާކަންހާއިރު ރޯވުމުން އަލިފާން ނިއްވާލީ ސިފައިންނެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 4:30 ގައެވެ. ރެޑްޕާލްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ގޭގެ ތިން ފަންގިފިލައެއް ދިރި ނޫޅެވޭ ވަރަށް ވަނީ އަނދާފަ އެވެ.

ރޭގެ އަލިފާނުގެ ހާދިސާގައިި ދުމުގެ އަސަރުކޮށްގެން ހަތް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފަ އެވެ. އެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ވަނީ، ރޭ ގެއްލުން ލިބުނު ފަންގިފިލާތަކުގައި ދިރިއުޅެމުން ދިއަ 10 ފަރާތަކަށް ވަގުތީ ބޯހިޔާވަހި ކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި އެވެ.