ހަބަރު

އިހުލާސްތެރިނަމަ ކޮންމެ ނިޒާމެއް ވެސް ރަނގަޅު ވާނެ: ރިޔާޒް

ރާއްޖޭގައި ކޮންމެ ވެރިކަމުގެ ނިޒާމެއް އޮތް ނަމަވެސް އިހްލާސްތެރި ބޭފުޅުން ހިންގަވަން ތިބެއްޖެނަމަ ރަނގަޅުވާނެ ކަމަށާއި ވަކި ނިޒާމެއް ގޯސް ކަމަށް ދަންނަވަން އުނދަގޫ ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުުންގެ ވިސްނުން ހުރީ ރައްޔިތުންގެ މައްޗަށް ބާރު ހިންގާނެ ފަރާތެއް ކަނޑައަޅަން ޖެހޭނީ ރައްޔިތުން ކަމަށެވެ.

"އެހެންވީމަ އެކަން އޮންނާނީ ރިޔާސީ ނިޒާމެއްގައި، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޮންމެ ސިސްޓަމެއްގައިވެސް އިހްލާސްތެރި މީހުން ވެއްޖިއްޔާ ރަނގަޅު ވާނެ، އެދެސިސްޓަމަކީވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ޕްރެކްޓިސް ކުރަމުންދާ ސިސްޓަމްސް، ވަކި އެއްޗެއް ގޯހޭ އެހެން ބުނަން އުނދަގޫ، އަޅުގަނޑަށް މިހާ ހިސާބަށް ލިބޭ ތަޖުރިބާގެ އަލީގައި ބޮޑަށް ބުރަ ވެވެނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ޖެހޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރަން ތާއީދު ނުކުރާނެ ކަމަށެވެ. އަދި އެކަމުގެ ބަހުސް މަޖިލީހުގެ ތެރޭގައި ފެށޭ ހިސާބުން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށާއި ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް އަމަލު ކުރާނެ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު އެމަސައްކަތް ކުރަންޖެހޭ ކަމަކަށް، އެއީ އެޖެންޑާ 19 ގައި ހިމެނޭ ވާހަކައެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

މަޖިލީހަށް ނަގާފައިވާ ބާރުތަކުގެ ސަބަބުން މަޖިލިސް ހިންގުމަށް ދަތިތަކެއް ހުރި ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ރިޔާސީ ނިޒާމެއްގައި އަސްލު އޮންނަ ގޮތަށް އެކަންކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެބާރުތައް ސަރުކާރަށް ދޫކުރަން މައްސަލައެއްނެތް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލެއްވި ހިސާބުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ކަމަށް ވާހަކަތައް ފެތުރުނެވެ. އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ފެށުނީންސުރެ ވެސް ތާއިދު ކުރައްވާ ބޭފުޅެކެވެ.

މިހާރު ރާއްޖޭގައި ރިޔާސީ ނިޒާމް އިހްތިޔާރުކުރީ ރައްޔިތުންގެ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީއިން ވަކާލާތު ކުރީ ބަރުލަމާނީ ނިޒާމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ނިޒާމް ކަމަށެވެ. އެމްޑީޕީ ގަބޫލު ކުރާ ފަލްސަފާއަކީ ވެސް އެއީ ކަމަށެވެ. އެހެންނަމަވެސް ނިޒާމް ބަދަލު ކުރަން މި ވަގުތު ދައްކާނަމަ، އެ ވާހަކައެއް އިސްވެ ދައްކަވަންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އަދި ރައީސްގެ ތާއިދު ނެތި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލުކުރުމުގެ މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.