ބުރާސްފަތި ދުވަހަކީ ހަފުތާ ނިންމާއި ބަންދަށް ދާ ދުވަހެވެ. އެހެންވެ އެންމެންވެސް ބަލަނީ މަސައްކަތުން އަވަދިވެގެން އަވަހަށް ގެއަށް ދާށެވެ. އޮފީސް ނިމޭގަޑިތަކާއި ސްކޫލް ނިމޭގަޑީގައި ވެސް އެހެން ދުވަސްތަކަށް ވުރެ ބުރާސްފަތީގައި ބާރު ބޮޑުވެ އެވެ. ޕެޓްރޯލް ޝެޑުގައިވެސް ދިގު ކިއޫތަށް ދަމާލަ އެވެ. ޓެކްސީ ނުލިބިގެން އުޅޭ މީހުންނާއި ފައިސާ ނަގަން އޭޓީއެމްގައި ވެސް އޮންނަނީ ކިއޫތައް ހަދާފަ އެވެ. ބާޒާރު މަތީގެ ފިހާރަތަކުގައި ވެސް ހުކުރުދުވަހަށް ފިހާރަ ބަންދުކުރަން ތައްޔާރީތައް ވެއެވެ. ބުރާސްފަތި ދުވަސް ހަވީރު ބިޒީކަން މަގުމައްޗަށް ނިކުތުމުން އިހްސާސް ކުރެވޭނެ އެވެ. ރޭގަނޑު ފިހާރަތައް ބަންދު ކުރުމާއި ހަމައަށް މި ބާރުގަނޑު އޮވެއެވެ.
ބުރާސްފަތީގެ ބިޒީވެ ބާރު ބޮޑުވިޔަސް އެމީހަކާއި އެމީހަކު އޮންނަ އުސޫލު ދޫކޮށްލަން ޖެހެ އެވެ. ކިއުތަކަށް އިހުތިރާމް ކުރަންޖެހެ އެވެ. ތިމާގެ ވަގުތު މުހިއްމުވާ ގޮތަށް އެހެން މީހުންނަށްވެސް ވަގުތު މުހިއްމުވާނެކަން ދަނެ ކިއޫތަކަށް ހުރުމަތްތެރިކަން ހިތަން ޖެހެ އެވެ. އެކަކު އަނެކަކަށް އޯގާތެރިވާ ބަޔަކަށް ވާންޖެހެ އެވެ.
ސުޕަމާކެޓްގައި އެއްޗެއް ގަންނަން ގޮސް ކިއޫގެ ފަހަތުގައި އިން މީހާ އަތުގައި މަދު އެއްޗެއް އޮތް ނަމަ އެމީހާއަށް ފުރަތަމަ ހިދުމަތް ހޯދުމުގެ ފުރުސަތު ދެވިދާނެ އެވެ.
މިއީވެސް އޯގާތެރިވުމުގެ ކުރެވިދާނެ ކަމެކެވެ. އެހެން މީހަކަށް އެއީ ނުދަންނަ މީހެއް ކަމުގައިވި އަސް ހެޔޮހިތުން ކަމެއް ކޮށްދީފިނަމަ އެމީހާގެ ދުވަސް ބަދަލުވެގެންދާނެ ގޮތް، ނުވަތަ އެއީ ހެޔޮހިތުން އެމީހަށް އެދުވަހު ހަމައެކަނި އެހެން މީހެއްގެ ފަރާތުން ވީ ފަސޭހަކަމަށްވެސް ވެދާނެއެވެ. އަދި އެމީހާވެސް އެހެން މީހަކަށް ރަނގަޅު ކަމެއްކޮށްދީ އޯގާތެރި ހިތަކުން ކަމެއް ކޮށްދީފިނަމަ ޗެއިން ރިއެކްޝަނެއް ފެށިގެން ވެސް ހިނގައިދާނެ އެވެ.
އޯގާތެރި ހިތަކުން އެހެން މީހަކަށް ކޮށްދެވިދާނެ ބައިވަރު ކަންކަން އެބަހުއްޓެވެ. ހިނގާފަ ގެއަށްދާ އެކީގަ މަސައްކަތް ކުރާ މީހަކަށް ސައިކަލްގައި ރައިޑެއް ދެވިދާނެ އެވެ. އެކީގައި މަސައްކަތްކުރާ މީހަކަށް އެމީހާގެ މަސައްކަތަށް ތައުރީފުކޮށް ހިއްވަރު ދެވިދާނެއެވެ.
މި ހޫނުގަދަ ދުވަސްވަރު ގެއަށް ކުނި ބަލާ ދާ މީހުންނަށް ނުވަތަ މަގުމަތީ މަސައްކަތް ކުރާ ފަރާތަކަށް ފިނި ބުއިމެއް ދެވިދާނެ އެވެ. މިކަހަލަ ކަމެއް ކުރުމުން އެހެން މީހެއްގެ ބުރާސްފަތި އުޖާލާވެދާނެ އެވެ. އަދި އަމިއްލަ މީހާގެ މޫޑު ރަނގަޅުވެ ހިތްހަމަޖެހުން ވެސް ގެނެސްދޭނެ އެވެ. މިއިން ކޮންމެ ކަމަކުން ތިމާގެ އަދި އެނެކާގެ ހަޔާތުގައި ކޮންމެވެސް ޕޮޒިޓިވް އިމްޕެކްޓެއް އަންނާނެ އެވެ.
ބުރާސްފަތި ދުވަހުގެ ބާރު ބޮޑުވުމުން ސަލާމަތްވާން ބޭނުންނަމަ ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ޕެޓްރޯލް ކިއޫ އާއި އޭޓީއެމް ކިއޫތަކުން ބާރު ބޮޑު ގަޑީގައި ދުރުވާން ދުރާލާ ތައްޔާރުވާންވީ އެވެ. ގަންނަން ބޭނުންވާ އެއްޗެއް އޮތް ނަމަ އޮޑް ގަޑިތަކުގައި މި ކަން ކުރަންވީ އެވެ.
ބުރާސްފަތި ދުވަހަކީ ސްޓްރެސް ބޮޑު ދުވަހެއްގެ ބަދަލުގައި ވަރަށް ހަމަޖެހިލައިގެން ކަންކަން ކުރާ ދުވަހަކަށް ބުރާސްފަތި ހަދަން ޖެހެ އެވެ. ހަފުތާ ބަންދުގެ ޕްލޭންތައް ވެސް ފަހު މިނެޓަށް ބެހެއްޓުމުގެ ބަދަލުގައި ރަނގަޅަށް ދުރާލާ ތައްޔާރުވެގެން އެކަން ކުރުމުން ފައިދާ ބޮޑުވާނެ އެވެ. ބުރާސްފަތި ބާރު ބޮޑު ބިޒީ ދުވަހެއްގެ އޮތުން ބަދަލުކޮށްލާ އުޖާލާ ދުވަހަކަށް އެހެން މީހަކަށްވެސް ހިނިތުންވުން ގެންނަ ދުވަހަކަށް ހަދަންވީ އެވެ.