ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްގެ ފައިސާ ޖަމާކުރާ ގްރީން ފަންޑްގައި މިހާތަނަށް 158 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.
އެ މިނިސްޓްރީއިން މަހަކު އެއްފަހަރު ނެރޭ ގްރީން ޓެކުހުގެ ފައިސާއާ ގުޅޭ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ފެބުރުއަރީ މަހު އެކަނި ގްރީން ޓެކުހުގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އޭގެ ކުރިން ޖެނުއަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ، 78.2 މިލިއަން ރުފިޔާ ލިބިފަ އެވެ. އެހެންކަމުން ގްރީން ޓެސްކް ފަންޑްގައި މިހާތަނަށް 158 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިނިސްޓްރީ އިން ބުނީ އެ ފަންޑްގައިވާ ފައިސާ އެއްވެސް މަޝްރޫއެއް ހިންގަން ހަރަދުކޮށްފައި ނުވާ ކަމަށެވެ.
ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓްތަކުން 72.3 މިލިއަން ރުފިޔާ ދެއްކިއިރު، ހޮޓާތަކުން 1.9 މިލިއަން ރުފިޔާ އަދި 2.5 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. މާލެ އަތޮޅު ނެގުމަށް ފަހު ގްރީން ޓެހުކުން އެންމެ ގިނަ އާމްދަނީ ލިބިފައި ވަނީ، އދ އަތޮޅުގައި ހުރި ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން އެވެ. އެއީ 9.9 މިލިއަން ރުފިޔާ އެވެ. މާލެ އަތޮޅު ނެގުމަށް ފަހު ގެސްޓް ހައުސްތަކުގެ ތެރެއިން އެންމެ ގިނައިން ގްރީން ޓެކްސް ދެއްކީ އއ އަތޮޅުގައި ހުރި ގެސްޓް ހައުސްތަކުން އެވެ. އެގޮތުން އެ އަތޮޅުގައި ހުރި ގެސްޓް ހައުސްތަކުން އެކަނި، 307،783 ރުފިޔާ ވަނީ ދައްކައިފަ އެވެ. މީގެ އިތުރުން ސަފާރީ ތަކުން، 2.96 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދެއްކި އެވެ.
އޮކްޓޯބަރު 2016 އިން ފެށިގެން ގްރީން ޓެކުހުގެ ގޮތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން، ތިން ރުފިޔާ އަންނަނީ ނަގަމުން އެވެ. ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައި ވަނީ ގްރީން ޓެކްސް އާމްދަނީގެ ވަކި ޕަސެންޓެއް ކައުންސިލްތަކަށް ދިނުމަށެވެ. ގްރީން ޓެކްސްއާބެހޭ މައުލޫމާތު އާންމު ކުރަން ފެށީ މި ސަރުކާރުން އެވެ.