ހަބަރު

ހިކުމަތްތެރިވެ އާ ޝަހުސިއްޔަތެއް ބިނާކުރަން ރައީސް ގޮވާލައްވައިފި

Apr 11, 2019
10

ތައުލީމާއެކު ބުއްދި ތަރައްގީކޮށް، ހިކުމަތްތެރިންނަށްވެ އާ ޝަހުސިއްޔަތެއް ބިނާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައި ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ އިލްމް ހާސިލްކޮށްފައިވާ މީހުން ވަރަށް ގިނަ ކަމަށާއި އެކަމަކު އިލްމް ހާސިލްކޮށްގެން ތިބި ހިކުމަތްތެރިން ވަރަށް މަދު ކަމަށެވެ.

"ތިޔަ ދަރިވަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ އެއް ކަމަކީ މީހާގެ ކިބައިގައި ހިކުމަތްތެރިކަން އުފަންވެގެން އަންނަނީ އޭނާގެ ބުއްދި އާއި ވިސްނުން ތަރައްގީ ކުރި މިންވަރަކުންކަން، ޔުނިވާސިޓީއިން ތިޔަ ދަރިވަރުންނަށް އިލްމާއި ފުރުސަތުތައް ދެވިދާނެ، ނަމަވެސް ބުއްދި ތަރައްގީ ކުރުމަކީ އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިރޭއިން ފެށިގެން އަޒުމު ކަނޑައަޅަންވީ އިލްމާއެކު އާ ޝަހުސިއްޔަތެއް އުފަން ކުރުމަށް ކަމަށެވެ. އެއީ އަނެއްކުންނަށް އޯގާތެރިވެ، އިހްސާސްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސް ނަގާނެ ޝަހުސިއްޔަތެއް ކަމަށެވެ. ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނާނެ ޝަހުސިއްޔަތެއް ކަމަށެވެ.

ދަރިވަރުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ މީހާގެ ކިބައިގައި ހިކުމަތްތެރިކަން އުފަންވެގެން އަންނަނީ ބުއްދި އާއި ވިސްނުން ތަރައްގީ ކުރި މިންވަރަކުންކަން، ޔުނިވާސިޓީއިން ތިޔަ ދަރިވަރުންނަށް އިލްމާއި ފުރުސަތުތައް ދެވިދާނެ، ނަމަވެސް ބުއްދި ތަރައްގީ ކުރުމަކީ ދަރިވަރުގ އަމިއްލަ ޒިންމާއެއް،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މިރޭ ތިޔަ ދަރިވަރުން މި މާލަމުން ނުކުމެގެން ދާނީ އެފަދަ ޝަހުސިއްޔަތަކަށް ތިމާގެ ޒަމީރު ބަދަލުކުރުމަށް ދަހަނާ އަޅާ ތައްޔާރުވެގެން، ކޮންމެ ދަރިވަރަކު ވެސް އަމިއްލަ މިސްރާބު ރަނގަޅުކުރުމުން ގައުމުގެ މިސްރާބު ވެސް ބަދަލުވެގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމާމެދު ވިސްނައި ގައުމަށް ހިދުމަތްކޮށްދިނުމަށް ވެސް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ. ގައުމަށް ކޮށް ދެވޭނީ ކޮން ކަމެއްތޯ ބަލައި އެކަމެއް އެ ދަރިވަރަކަށްވީ މިންވަރަކުން ހާސިލްކޮށްދިނުމަށް ރައީސް ސޯލިހު އެދިވަޑައިގަތެވެ.