އިމްރާން އަބްދުﷲ

އަމާޒަކީ ގައިދީން ހުނަރުވެރި ބަޔަކަށް ހެދުން: އިމްރާން

ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންއަކީ މުޖްތަމައަށް އަބުރާ ނެރޭއިރު ރިވެތި އަހްލާގައި މުޖްތަމައަށް ބޭނުންވާ ހުނަރުތަށް ދަސްކޮށްގެން ނުކުންނަ ފަރާތްތަކަށްވުމަށް ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާފުށި ސްކޫލްގައި މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވި ގައިދީންގެ އުފެއްދުންތަކުގެ ފެއާ ނުވަތަ އިންމޭޓްސް ކްރިއޭޓިވް ފެއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އިލްތިމާސަކީ ވީހާވެސް ގިނަ އަދަދެއްގެ ގައިދީން، ޖަލުތަކުގައި ހިންގާ ތަފާތު ޕޮރްގްރާމްތަކުގައި ބައިވެރިވެ ހުނަރާއި ގާބިލިއްޔަތުކަން އިތުރުކޮށް، މުޖްތަމައަށް އަނބުރާ ނުކުންނައިރު، ރިވެތި އަހްލާގައި މުޖްތަމައަށް ބޭނުންވާ ހުނަރުތަށް ދަސްކޮށްގެން ނުކުތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހުޅުވިގެންދާ މިފެއާގައި ގައިދީން ތައްޔާރުކޮށްފައިވާ 1000 ވުރެ ގިނަ ތަކެތި އެބަހުރި ކަމަށެވެ. އަދި އެކަމުން ގައިދީންގެ ހުނަރުވެރިކަން އެގިގެންދާ ކަމަށެވެ.

ފެއާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިޖްތިމާއި ވެށި ހަލާކުވެފައިވުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން ޖަލަށް ލެވި ބަންދު ކުރެވިގެން ދިޔުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ޖަލަކީ އަދަބު ދިނުމުގެ ބަދަލުގައި، ބަންދުގައި ތިބޭ ފަރާތްތަކަށް މުޖްތަމައަށް އަނބުރާ ނުކުންނައިރު ބޭނުންވާނެ ހުނަރުތަށް ދަސްކޮށްދޭ ތަނަކަށް ހެދުން ކަމަށެވެ.

ގައީދީންވެސް ބައިވެރިވި އެފެއާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޖަލުތަކުގައި ތިބޭ ގައިދީން ކުރާ މަސައްކަތުގެ ހުނަރުވެރިކަން ފެނުނު ނަމަވެސް، އެމަސައްކަތް ކުރާ ގައިދީންނަށް ލިބޭ އުޖޫރަ އާދަޔާއި ހިލާފަށް ކުޑަ ކަމަށާއި، އުޖޫރާ ކުޑަ ވާން ޖެހޭ ސަބަބު ދެނެގަތުމުގެ ގޮތުން ދިރާސާއެއް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެދިރާސާކޮށް ނިމުމަށްފަހު މަސައްކަތުގައި ބައިބެރިވާ ގައިދީންގެ އުޖޫރަ މިހާރަށްވުރެ ބޮޑު ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.