ވިޔަފާރި

އެކްސްޕޯޓް/ އިމްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ހަދައިފި

Apr 13, 2019
2

މުދާ އެތެރެ ކުރުމާއި ބޭރު ކުރުން އަދި ރީ- އެކްސްޕޯޓް ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ހާއްސަ ލައިސަންސެއް ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިމްޕޯޓް/ އެކްސްޕޯޓު ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ބަދަލު ގެނައީ، ރާއްޖޭގެ އިމްޕޯޓް/ އެކްސްޕޯޓް ގަވާއިދަށް ގެނައި އިސްލާހަކާއެކު އެވެ. މި ބަދަލާއެކު އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ މުދަލުގެ ކޮންސައިންމަންޓް ބަދަލު ކުރުމަށް އެދެން ޖެހޭނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ގެނައި މި ބަދަލާއެކު އިމްޕޯޓް/ އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ކުރެވޭނީ ކަސްޓަމްސްގެ އާއްމު ގަވައިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަސްޓަމްސްގައި ރަޖިސްޓްރީ ކުރުމަށްފަހު އެވެ.

އިކޮނޮމިކް މިިނިސްޓްރީން ބުނީ މި ބަދަލާއެކު ހޯމަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ލައިސަންސްގެ ބާކީ އަށް މި އަހަރުގެ ނިޔަލަށް މުދާ އެތެރެކުރެވޭނެ ކަމަށެވެ.

ރާއްޖެއަކީ ވިޔަފާރިއަށް ފަސޭހަ ގައުމަކަށް ހެދުމުގެ ގޮތުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޔަފާރި ކުރުމުގައި ހުރި ދަތިތައް ދެނެގަނަން އެ މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.