މާލޭ ސިޓީ

މާލެއަށް ބޭނުންވަނީ 20،000 ގޯތި: ހަސަން

Apr 13, 2019
18

މާލޭގައި އޮތް ބޯހިޔާވަހި ކަމެއް ހައްލު ހޯދާނަމަ މާލެއަށް ބޭނުންވަނީ 20،000 ގޯތި ނުވަތަ އެ އަދަދަށް ބޯހިޔާވަހިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގުދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ހަސަން ލަތީފު ވިދާޅުވީ އާ މެންބަރުން ހުވާ ކުރައްވަންދެން އެމްޑީޕީން އިންތިހާބުވެ ވަޑައިގެންނެވި މެންބަރުން އަތް އުރާލައިގެން ނުތިއްބަވާނެ ކަމަށާއި ފަސް ދާއިރާއަކުން ކޮމިޓީތައް ހަދައި އިންތިޚާބީ މެންބަރުންނާއި ސަރުކާރުގެ ފަރާތްތައް އެކުގައި ގާނޫނުތައް އެކުލަވާލައި "އެޖެންޑާ 19" ފުރިހަމަ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ކުރާއިރު ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ބޯހިޔާވަހިކަން ކަމަށާއި އެކަމަށް ސަމާލުވާނެ ކަމަށެވެ. އަދި މާލެއަށް ބޭނުންވެފައިވާ މިންވަރަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ މާލެއިން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ސަރުކާރަށް ދޫކޮށްލާ ކޮންމެ މީހަކަށް ބޯހިޔާވަހި ކަމެއް ހޯދައިދޭނެ ކަމަށާއި މޭލެއަށް ބޭނުންވަނީ ގާތްގަނޑަކަށް ވިއްސަކަށް ހާސް ގޯތި ނުވަތަ އެ އަދަދަށް ބޯހިޔާވަހިކަން ކަމަށެވެ. އަދި ވިދާޅުވީ ގުޅިފަޅު ވަށައިގެން ހިއްކާ ބައި ނިންމާލައި ތިލަފަޅުން ބައެއް ހިއްކުމަށްފަހު ހުޅުމާލެއިން ހިއްކާފައިވާ ސަރަޙައްދު އެއްކޮށް އެ އަދަދަށް ބޯހިޔާ ވަހިކަން ދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހި ކަމާއެކު މަސައްކަތް ކުރާނީ އެޕާޓީން ވައުދުވި ގޮތަށް ހުރިހާކަމެއް އެއްފަހަރާ ތަންފީޒު ކުރަން ކަމަށެވެ.