ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅެނިކޮށް އަތުލައި ހައްޔަރު ކޮށްފައިވާ ސްރީލަންކާގެ މަސްވެރިންގެ ތެރެއިން 21 މަސްވެރިއަކު ދޫކޮށްލުމުން އެނބުރި ސްރީލަންކާއަށް ހިނގައްޖެ އެވެ.
ސްރީލަންކާގެ މަސްވެރިން މިނިވަންކޮށް ދޫކޮށްލިކަން ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސްރީ ލަންކާގެ ސްޓޭޓް މިނިސްޓަރު، ފިޝަރީޒް އެންޑް އެކްއެޓިކް ރިޒޯސެސް ޑިވޮލޮޕްމެންޓް، ދިލިޕް ވެޑާރައްޗީ ވަނީ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ.
އޭނާއާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާ ގައިވާ ބުނެފައި ވަނީ ރާއްޖެއިން ހައްޔަރު ކުރި ސްރީލަންކާގެ 21 މަސްވެރިއަކު މިނިވަން ކުރުމުން މިދިއަ ބުރާސްފަތި ދުވަހު ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން އެނބުރި ސްރީލަންކާއަށް ގޮސްފައިވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަސްވެރިން ދޫކޮށްލާފައި ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހާއާ ރާއްޖޭގެ ސަރުކާރުގެ އިސް ފަރާތްތާކައި ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށާއި އެ މީހުން ރާއްޖޭގެ ހައްޔަރުގައި ތިބޭތާ 40 ދުވަސް ވެއްޖެ ކަމަށެވެ.
ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ހަވާލާދީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ މަސްވެރިންތައް ގެންދިޔައީ އެ ގައުމުގެ ސިންހަލަ އަދި ޓެމިލް ނިއު އިޔާ އާ ދިމާކޮށް ކަމަށެވެ.
އެކާވީސް މަސްވެރިން މިނިވަން ކުރި ނަމަވެސް 25 މަސްވެރިޔަކު ރާއްޖޭގައި ހައްޔަރުވި އެވެ. ގަވާއިދާ ހިލަފަށް ވަދެ އުޅުން ހަތަރު ބޯޓެއްގެ ތެރެއިން ދެ ބޯޓެއް އަތުލީ ހއ. ކެލާގެ އިރު އުތުރުން 103 މޭލު ބޭރުންނެވެ.